ޓެރަރިޒަމް

21 ދިވެހިން 29 ކުންފުނި އެމެރިކާގެ ބްލެކްލިސްޓަށް

ޓެރަރިސްޓް ޖަމާއަތްތަކަށާއި ޓެރަރިސްޓުންނަށް ފައިސާގެ ގޮތުން އެހީތެރިވެދޭ ކަމުގެ ތުހުމަތުގައި 21 ދިވެހިންނާއި 29 ދިވެހި ކުންފުންޏަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީޒް އޮފީސް އެންޑް ފޮރެއިން އެސެޓްސް (އޯފެކް) އިން ނިންމައިފި އެވެ.

މި މީހުންނާއި ކުންފުނިތަކަށް ތުހުމަތުކުރަނީ އައިސިސް އާއި އަލްގައިދާ ފަދަ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް ފައިސާގެ ގޮތުން އެހީވެދީ ޓެރަރިސްޓުންނަށް ހިތްވަރުދޭ ކަމަށެވެ. އަދި ބޭރު ގައުމުތަކަށް ދިވެހިން ހަނގުރާމައަށް ފޮނުވާ ކަމުގެ ތުހުމަތާއި ހަރުކަށި ފިކުރަން މީހުން އަނބުރާލާ ކަމަށްވެސް މިފަދަ ބައެއް މީހުންނަށް ތުހުމަތުކޮށްފައިވެ އެވެ.

އެމެރިކާ އިން ތުހުމަތުކުރާ ބައެއް މީހުންނަކީ ދިވެހި ދައުލަތުގެ ބައެއް އިދާރާތަކުން ވެސް އެމީހުންނަށް ބޮޑެތި ތުހުމަތުކޮށް އެކި ކުށްތަކުގައި ހައްޔަރުކޮށްފައި މީހުންނެވެ. އެގޮތުން މާލެއާއި އައްޑޫގައި ގޭންގްތަކަށް ނިސްބަތްވާ މީހުންވެސް މީގެތެރޭގައި ހިމެނެ އެވެ.

ދިވެހި ފުލުހުން ޓެރަރިސްޓެއްގެ ގޮތުގައި ދެކޭ ފުވައްމުލަކަށް ނިސްބަތްވާ މުހައްމަދު އަމީނާއި އޭނާއާ ގުޅުން ހުރި ކަމަށް ބުނާ ކުންފުނިތަކެއް ވެސް ފިޔަވަޅު އަޅާ ކުންފުނިތަކުގެ ތެރޭގައި ހިމެނެ އެވެ. އަމީންއާ ގުޅުން އޮންނާތީ 12 މީހަކަށާއި 10 ކުންފުންޏަކަށްވެސް ފިޔަވަޅު އަޅަން ނިންމާފައިވެ އެވެ.

އަމީނާ ގުޅިފައިވާ ކަމަށް ބުނާ ބައެއް މީހުން

  • މުހައްމަދު މާތިއު އަބްދުލްރައްޒާގު
  • އަބްދުﷲ އަލިމަނިކު
  • އަބްދުﷲ ޝަރީފް
  • ހުސައިން ޝާމިލް
  • އަހްމަދު އަފްރާހު
  • އަހްމަދު މުބީން
  • ޔޫސުފް ޝަހީދު
  • އަމީން އަހްމަދު
  • މޫސާ އިނާސް
  • އަލީ ޝާފިއު

އައްޑޫގައި ޓެރަރިޒަމްގެ ހަމަލާތަކެއް ދިނުމަށް ތަކުރާރުކޮށް މަސައްކަތްކޮށްފައިވާ ކަމަށް ބުނާ ބައެއްގެ މައުލޫމާތުވެސް އޯފެކް އިން ފިޔަވަޅު އަޅާ މީހުންގެ ތެރޭގައި ހިމެނެ އެވެ. މި މީހުންގެ މައްޗަށް ޓެރަރިޒަމާ ގުޅުންހުރި ހަރަކާތްތައް ހިންގާކަމާއި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުކޮށްފައިވެ އެވެ. އެހެންވެ މި މީހުންނާ ގުޅުންހުރި ކުންފުނިތަކަކަށް ވެސް ފިޔަވަޅު އަޅަން ނިންމާފައިވެ އެވެ. އައްޑޫކޮޅުން ތުހުމަތުކުރާ މީހުންނަކީ މުހައްމަދު ނައުޝާދު ޝަރީފާއި، ފާރިސް މުހައްމަދު ދީދީ އާއި، މުހައްމަދު ތަސްލީމާއި، ޖިނާއު ނަސީމުގެ އިތުރުން އަލީ ނިހާދު އެވެ.

ޑިޕާޓްމަންޓް އޮފް ޓްރެޝަރީން ވަނީ އަލީ ޝިޔާމު ކިޔާ ދިވެހި ވިޔަފާރިވެރިޔަކާއި އައްޑޫގައި ބައެއް ވިޔަފާރިތައް ކުރާ އަހުމަދު އަގްލީލް އަކީ ވެސް އަލްގައިދާ ޖަމާއަތަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ މީހުން ކަމަށް ކަނޑައަޅައި އެ މީހުންގެ ބައިވެރިވުން އޮތް ކުންފުނިތަކަށްވެސް ފިޔަވަޅު އެޅުމަށް ނިންމާފަ އެވެ.

މީގެއިތުރުން މާލޭގެ ހެންވޭރަށް ނިސްބަތްވާ ގޭންގެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު އޮންނަ ތިން ބެއިން ކަމަށްވާ އިބްރާހިމް އަލީފް ރައޫފާއި، އަހްމަދު އާލިފް ރައޫފްގެ އިތުރުން މުހައްމަދު އިންތިފް ރައޫފް އަކީ ވެސް އައިސިސްއަށް މާލީ ގޮތުން އެހީވާ އަދި ހަނގުރާމަތަކަށް މީހުން ފޮނުވާ ބައެއް ކަމަށް ކަނޑައަޅާފައިވެ އެވެ. އެހެންވެ މި މީހުންގެ ހިއްސާ އޮންނަ ކުންފުނިތަކަކަށްވެސް ފިޔަވަޅު އެޅުމަށް ނިންމާފައިވެ އެވެ.