މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ހަރުކަށި ފިކުރުގެ މީހުން ޖަލުތަކުން މީހުން ރެކްރޫޓް ކުރޭ: ސީޕީ

ހަރުކަށި ފިކުރު ފަތުރާ މީހުން ޖަލުތަކުން އެފަދަ މީހުން ރެކްރޫޓް ކުރަމުންދާ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ޕްރިޒަން އޮފިސަރުންނަށް ހިންގި "ޕްރިންސިޕަލްސް އެންޑް ކޮންސެޕްޓްސް އޮފް ކައުންޓަރިން ވަޔަލަންޓް އެކްސްޓްރީމިސްމް އެންޑް ހައި ސެކިއުރިޓީ ޕްރިޒަން އޮޕަރޭޝަންސް" ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ކޮމިޝަނަރު ވިދާޅުވީ ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރަމުންދާ ދިއުމަކީ މުޅި ދުނިޔަށް ކުރިމަތިވެފައިވާ ކަމެއް ކަމަށެވެ. ހަރުކަށި ފިކުރުގެ މީހުން ޖަލުތަކުން މީހުން ރެކްރޫޓް ކުރަމުންދާ ކަމަށާއި ޖަލު ބަލަހައްޓާ އޮފިސަރުންގެ ހައިސިއްޔަތުން އެކަން ހުއްޓުވުމަށް އެމްސީއެސްއިން ހުށިޔާރު ވާންޖެހޭނެ ކަމަށެވެ.

އަދި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށްޓަކައި ފަރުދީ ޒިންމާ އަދާކޮށް މަސައްކަތު މާހައުލުގައި މިފަހަރުގެ ޓްރޭނިން އިން ލިބުނު އިލްމުގެ އަލީގައި މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

"ޕްރިންސިޕަލްސް އެންޑް ކޮންސެޕްޓްސް އޮފް ކައުންޓަރިން ވަޔަލަންޓް އެކްސްޓްރީމިސްމް އެންޑް ހައި ސެކިއުރިޓީ ޕްރިޒަން އޮޕަރޭޝަންސް" ޕްރޮގްރާމް ހިންގުމުގެ މައިގަނޑު ބޭނުމަކީ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާ ބެހޭގޮތުން ޕްރިޒަން އޮފިސަރުން ހޭލުންތެރިކުރުވުން ކަމަށް ކަރެކްޝަނުން ބުންޏެވެ.

ގައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން މާފުށީ ޖަލުގައި ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް (އެސްއެމްޔޫ) ވަނީ މިހާރު ވަނީ ގާއިމްކޮށްފައެވެ. މި ޓްރޭނިންގ ޕްރޮގްރާމްގައި މާފުށީ ޖަލުގެ 28 އޮފިސަރުން ބައިވެރިވިއެވެ.