މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ހަރުކަށި ފިކުރާ ދެކޮޅަށް ޖަލުތަކުގައި އޮޕަރޭޝަނެއް

ހަރުކަށި ފިކުރާ ދެކޮޅަށް ޖަލުތަކުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

މޯލްޑިވްސް ކްރެކްޝަނަލް ސާވިސް އިން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އާއި ހަރުކަށި ފިކުރާ ދެކޮޅަށް ދެ ޖަލެއްގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފައިވާ ކަމަށެވެ.

މި އޮޕަރޭޝަން ފެށީ ފުލުހުންނާއި ސިފައިން އަދި ކަރެކްޝަން ގުޅިގެންނެވެ. އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލޭ ޖަލާއި މާފުށީގައި ހުންނަ މައި ޖަލުގަ އެވެ.

އެންމެ ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދާލުވުމުގައި މައުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރުކުރި މީހުނަކީ އެ ފިކުރުގެ ނޫނީ ގުޅުންހުރި މީހުން ކަމަށް ޔަގީންވާ ކަމަށެވެ.

"ހައެއްފަހެއް" ގެ ހަމަލާ އާއި ގުޅިގެން މިހާތަނަށް ފަސް މީހަކު ހައްޔަރު ކޮށްފައިވާއިރު ފުލުހުން ވަނަވަރު އާންމުކޮށް ވަނީ ހަތަރު މީހުންގެ އެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު 25، އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް 23، އެވެ. ހަމަލާގެ އިސް މީހަކީ އަދުހަމް ކަމަށް ފުލުހުން ބުނެ އެވެ.

ޖަލުތަކުގައި ހަރުކަށި ފިކުރުގެ މީހުނާއި އެ ފިކުރު ފުޅާ ދާއިރާއެއްގައި ފަތުރާ މީހުން އުޅޭ ކަމަށް ބުނެ އެވެ. އެންމެ ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުން ފުލުހުން އެކަން ދޮގެއް ނުކުރެ އެވެ.