މާފުށީ ޖަލު

އޮޕަރޭޝަންގައި ޖަލުން މަނާ ތަކެތި ހޯދައިފި

ކ. މާފުށީ ޖަލުގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންގައި ޖަލަށް ވެއްދުން މަނާ ތަކެތި ހޯދައިފި އެވެ.

ޓެރަރިޒަމް އާއި ސްކޭމް ކުރުމަށް މަގުފަހިވާ އަމަލުތަކެއް ހިންގާ ކަމުގެ ތުހުމަތުގައި އަންގާރަ ދުވަހުގެ ރޭ ފެށި އޮޕަރޭޝަންގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި ފުލުހުންނާއި ކަަރެކްޝަނަލް ސާވިސް ބައިވެރިވި އެވެ.

ކަރެކްޝަންސް އިން ބުނި ގޮތުގައި އޮޕަރޭޝަންގައި ފޯނާއި ސިމް ކާޑާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ހޯދާފަ އެވެ.

އެ އޮޕަރޭޝަން ނިންމާލީ އިއްޔެ މެންދުރު އެވެ. އޮޕަރޭޝަންގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ސްކޭމް ކޯލްގެ މައްސަލަތައް އިތުރުވެފައިވާއިރު ފުލުހުންނަށް މިއަހަރުގެ މިހާތަނަށް ސްކޭމްގެ 998 މައްސަލަ ހުށަހަޅާފައިވެ އެވެ.

ސްކޭމްތަކުގައި 23 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މިމަހުގެ ފަސް ވަނަ ދުވަހު ވިދާޅުވެފަ އެވެ.