މޯލްޑިވްސް ޕޮލިސް ސާވިސް

ޓޭޒާ ބޭނުމެއް ނުކުރޭ، ޖެހީ ޕެޕާސްޕްރޭ

މާލެ ޖަލާއި މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަލް ސަރވިސް ގުޅިގެން މިއަދު ހިންގި އޮޕަރޭޝަންގައި ފުލުހުން ޓޭޒާ ބޭނުންކުރި ކަމަށް ބުނެ ބައެއް ފަތުރާފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށާ ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކާ ދެކޮޅަށް ޕެޕާ ސްޕްރޭ ބޭނުން ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ޖަލުތަކުގައި މިއަދު ކުރިއަށް ގެންދިޔައީ ހަރުކަށި ފިކުރާ ދެކޮޅު ހާއްސަ އޮޕަރޭޝަނެކެވެ.

ފުލުހުން ބުނީ މާލެ ޖަލާއި މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަލް ސާވިސް ގުޅިގެން މިއަދު ހިންގި އޮޕަރޭޝަންގައި ފުލުހުން ބަލާފާސްކުރި ގޮޅިތަކުން މާލެ ޖަލުން ސިމް ކާޑާއެކު އެއް ފޯން އަދި މާފުށި ޖަލުން ސިމް ކާޑާއެކު 43 މޯބައިލް ފޯނު ފުލުހުން ހޯދާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

މި އޮޕަރޭޝަންގައި ފުލުހުން ޓޭޒާ ބޭނުންކުރި ކަމަށް ބުނެ ބައެއް ފަތުރާފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއް ކަމަށާ ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކާ ދެކޮޅަށް ޕެޕާ ސްޕްރޭ ބޭނުން ކޮށްފައިވާ ކަމަށެވެ.

"..މި އޮޕަރޭޝަންގައި ޕެޕާ ސްޕްރޭ ބޭނުން ކުރުމުގެ ސަބަބުން ސިއްހީ ފުރަތަމަ އެހީ ދެ ގައިދީއަކަށް ފޯރުކޮށްދީފައިވޭ. އޭގެ އިތުރުން މާފުށި ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ބިޑި އަޅުވާފައި އިން ގައިދީއަކު ސިމެންތި އައްޓެއްގަައި އަމިއްލައަށް ބޮލުން ޖަހައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވޭ. މި އޮޕަރޭޝަންގައި ދެންނެވުނު ތިން ގައިދީންގެ އިތުރުން، އިތުރު ގައިދީއަކަށް އަނިޔާ ވެފައި ނުވޭ،" ފުލުހުން ބުންޏެވެ.