ހަރުކަށި ފިކުރު ފަތުރާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް މެންބަރަކު ރާއްޖެއިން ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ. ސީޕީ ކުރެއްވި ޓްވީޓްތަކެއްގައި އެކަން ވަނީ ޔަގީންކޮށް ދެއްވާފައެވެ.
ކޮމިޝަނަރު ވިދާޅުވީ އައިއެސް އިސް މެންބަރަކު ހައްޔަރުކޮށްފައިވަނީ އެމެރިކާގެ އެފްބީއައި އާއި އެހެން ދެ ގައުމެއްގެ ކަމާގުޅޭ އިދާރާތަކުގެ އެހީގައި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ ޖަނަވަރީ ހަވަނަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.
ސީޕީ ވިދާޅުވި ގޮތުގައި ހައްޔަރު ކުރި އެ މީހަކީ އެކި ގައުމުތަކުގައި ޓެރަރިސްޓް ހަމަލާތައް ދިނުމަށް މީހުންނަށް ހިތްވަރު ދެމުން އައި މީހެކެވެ. އަދި ހުޅަނގުގެ ގައުމުތަކުގެ ލީޑަރުންނަށް ހަމަލާދީ އަވަހާރަކޮށްލަން ގޮވާލާ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން އައި މީހެކެވެ. އެ މީހާ ފާހަގަ ކުރެވިފައިވަނީ އައިއެސްގެ ޕްރޮޕެގެންޑާ ސޯޝަލް މީޑިއާގައި ފެތުރުމުގައި އިސްކޮށް އުޅޭ މީހެއްގެ ގޮތުގައެވެ.
އަދި މީގެ އެތައް އަހަރެއް ކުރީން ފެށިގެން އޭނާ ގެންދިޔައީ އެ މަސައްކަތް ކުރަމުން ކަމަށްވެސް ސީޕީ ވިދާޅުވި އެވެ. އެ ގޮތުން 2015 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރު ދީ އޭނާ ގެންދިޔައީ އެކި ކަހަލަ ޕޯސްޓްތައް ކޮށް އެ ފިކުރުގެ މީހުންނަށް ހިތްވަރު ދެމުންނެވެ.
އެ މީހާގެ މައްސަލަ ސީރިއަސްކޮށް ތަހުގީގު ކުރަމުންދާ ކަމަށާ މައްސަލައިގެ ތަފްސީލު ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.