އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މިދިއަ މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އަޑި ނޭނގޭ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތުކޮށް، އެ ދަތުރުފުޅުގެ ހުރިހާ ތަފްސީލުތަކެއް ހާމަ ކޮށްދޭން އިދިކޮޅުން ގޮވާލައިފި އެވެ.
މިދިއަ މަހުގެ 29 ވަނަ ދުވަހު ޕޮމްޕެއޯ ރާއްޖެއަށް ޒިޔާރަތް ކުރައްވާފައި ވަނީ، އޭޝިޔާގެ ބައެއް ގައުމުތަކަށް ކުރެއްވި ޒިޔާރާތުގެ ތެރެއިންނެވެ.
ނައިފަރުގެ ފެނާއި ނަރުދަމާ ގެ މަސައްކަތް ނުނިމި އެ މަސައްކަތް ހުއްޓިފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި ދަތިތައް ހައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ގަރާރު ހުށަހެއްޅުވުމުގެ ކުރިން، ނައިފަރު ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެމެރިކާ ފަދަ ވަރުގަދަ ބާރެއްގެ އެހާ އިސް ބޭފުޅަކު ރާއްޖެ ވަޑައިގެންނެވުމުން ދިވެހި ރައްޔިތުންނަށް އެނގެންޖެހޭ ބައިވަރު ކަންތައްތަކެއް ހުންނާނެ ކަމަށެވެ.
"ރާއްޖެފަދަ ކުޑަ ގައުމަކަށް ދުނިޔޭގެ މިހާ ބޮޑު ގައުމެއްގެ މިހާ ވަރުގަދަ ބޭފުޅަކު މިވީ 16 ވަރަކަށް އަހަރުގެ ދުވަހުގެ ތެރޭގައި ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރުވީމާ، އެ ދަތުރުފުޅުގައި ހަމަ ޔަގީނުން ވެސް އަސަރުތަކެއް ހުންނާނެ،" ޕޮމްޕެއޯ ވަޑައިގެންނެވި ދުވަހު ވެސް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދާތީ އެ ކަންބޮޑުވުންތައް އޭރު ހިއްސާ ނުކުރެވުނީކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވި އެވެ.
އެގޮތުން، ޕޮމްޕެއޯގެ ދަތުރުފުޅުގައި ކަންކަން ހިނގާ ދިއަ ގޮތާއި، އޭގެ ތަފްސީލުތައް ހާމަކޮށް ދިނުމަށް ޝިޔާމް ވަނީ ގޮވާލައްވައިފަ އެވެ.
"އަޅުގަނޑު ޖަހާ ހިސާބުތަކުން އެ ދުވަހަކީ ރާއްޖޭގެ މިނިވަންކަން ޒާތަކަށް ގެއްލިގެން ދިއަ ދުވަހެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އިތުރު ތަފްސީލެއް ނުދެއްވާ ޝިޔާމް ވިދާޅުވި އެވެ.
ގާތްގަނޑަކަށް ހަ ވަރަކަށް ގަޑިއިރަށް ޕޮމްޕެއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއެކު ރަސްމީ މަޝްވަރާތައް ބޭއްވި އެވެ.
އެ ބައްދަލުވުންތަކުގައި ގިނަ ދާއިރާތަކަކުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށް ސަރުކާރުން ވަނޫ ބުނެފަ އެވެ.
މި ގޮތުން، ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމާއި، ބައިނަލްއަގުވާމީ މައިދާނުގައި ގުޅުން ބަދަހިކުރުން އިތުރުކުރުމާއި، ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.
މީގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމާއި، ސައިބާ ސެކިއުރިޓީ ވަރުގަދަކޮށް ނިރުބަވެރިކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމާއި، އިންޑޯ-ޕެސިފިކް ސަރަހައްދުގެ މިނިވަންކަން ދަމަހައްޓައި، އެ ސަރަޙައްދުގެ ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން ވެސް ހިޔާލު ބަދަލުކުރެވުނުކަމަށް ބުންޏެވެ.
ޝާހިދު އާއެކު ބޭއްވުނު ރަސްމީ މަޝްވަރާތަކަށްފަހު، ދެ ބޭފުޅުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑޯ-ޕެސިފިކް ސަަރަހަައްދުގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ މުހިއްމުކަން އަންނަނީ އިތުރުވަމުން ކަމަށް ވިދާޅުވެ، ޕޮމްޕެއޯ ވަނީ ރާއްޖޭގައި އެމެރިކާ އެމްބަސީއެއް ގާއިމުކުރަން ނިންމެވިކަން އިއުލާނު ކުރައްވައިފަ އެވެ.
ޕޮމްޕެއޯގެ ދަތުރުފުޅަކީ އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ކުޑަކުރަން އިންޑިއާ އާއެކު ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން ކުރެވުނު ދަތުރުފުޅެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
މިގޮތުން، ޕޮމްޕެއޯ ދެއްކެވި ވާހަކަފުޅުގައި ޗައިނާއަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ކުރިން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރެއްވި އެ ދަތުރުފުޅުގައި، ރާއްޖޭގެ އިތުރުން، އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާގެ އިތުރުން އިންޑޮނީޝިއާއަށް ވެސް ޕޮމްޕެއޯ ވަނީ ޒިޔާރަތް ކުރައްވައިފަ އެވެ.
ނަމަވެސް، މިމަހުގެ ތިން ވަނަ ދުވަހު ބޭއްވުނު އިންތިހާބުން ރައީސް ޑޮނަލްޑް ޓްރަމްޕަށް ނާކިޔާބުވެ، ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ވަނީ އެމެރިކާގެ 46 ވަނަ ރައީސްކަމަށް އިންތިހާބުވެފައި އެވެ.