ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ހަރަދު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ބޮޑެތި މައްސަލަތަކެއް ކޮމްޕްލަޔަންސް އޮޑިޓެއްގައި ހާމަވެފައިވާއިރު ފޮރިން މިނިސްޓްރީގެ އޮޑިޓު ރިޕޯޓު ހާމަނުކޮށް، ފޮރުވަން މަސައްކަތް ކުރަމުންދާކަމަށް އިދިކޮޅުން މިއަދު ތުހުމަތުކޮށްފި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ދެ ރިޕޯޓުގައި އެ ދެ މިނިސްޓްރީވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ހާމަކޮށްފައިވާއިރު، އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހުށަހެއްޅުވި ކުއްލި މައްސަލާގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ހަމަ އެފަދަ ކަންބޮޑުވުންތަކެއް ހިމެނޭ ފޮރިން މިނިސްޓްރީގެ ރިޕޯޓެއް ވެސް އެކުލަވާލެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެނަށް ވަރަށް މުއުތަބަރުކޮށް މައުލޫމާތު އެބަލިބޭ ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓެއް ވެސް އެބައޮތް. ހާމަނުކުރަނީ. އެ އޮޑިޓް ރިޕޯޓްގައި އިންތިހާއަށް ކަންބޮޑުވާ ކަންތައްތައް އެބަހުރި. އިންތިހާއަށް ބޮޑެތި ވައްކަންތައް ހިނގާފައި އޮތް ކަމަށް އެ ރިޕޯޓް އެބަ ބުނޭ،" އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރައްވާ ޝިޔާމް ވިދާޅުވި އެވެ.
ފޮރިންގެ އިތުރުން ޕްލޭނިންގެ އޮޑިޓް ރިޕޯޓެއްވެސް އޮތް ކަމަށް ތުހުމަތު ކުރައްވަމުން، ޝިޔާމް ވަނީ އެ ރިޕޯޓުތައް ހޯދައި، އާއްމު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ.
ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ވަރަށް ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައިވެ އެވެ.