ހަބަރު

މިނިސްޓަރު ވަކި ކުރަން ގޮވާލައިފި

Aug 17, 2020
2

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތަކެއް ގެނައުމުގެ ނަމުގައި ހެލްތު މިނިސްޓަރު އަމީން ވަނީ ރައްޔިތުންގެ ފައިސާ އިން ވައްކަން ކުރުމުގެ އިތުރުން ރައްޔިތުން ކުރި އިތުބާރުން ވައްކަންކޮށްފައިވާ ކަމަށާއި، އޭނާ ވަގުތުން މަގާމުން ވަކި ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ގޮވާލައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ދެ ރިޕޯޓުގައި އެ ދެ މިނިސްޓްރީވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ހާމަކޮށްފައިވާއިރު، އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހުށަހެއްޅުވި ކުއްލި މައްސަލާގެ ބަހުސްގައި މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ވައްކަން ކުރިއަސް، ބަޔަކު މީހުން މަރުވެގެން ދަނޑިވަޅުގައި ބޭނުން ކުރަން އޮތް ވެންޓިލޭޓަރުތަކުން ވައްކަން ކުރުމަށް ވުރެ ވަކި އިންސާނިއްޔަތުކަން ކުޑަ އަދި ހުތުރު އަމަލެއް ނޯންނާނެ ކަމަށެވެ.

މީކާއިލް ވިދާޅުވި ގޮތުގައި އަމީން ވަނީ ރައްޔިތުންގެ މަޖިލިހަށް އިތުރުފުޅު ހައްދަވައިފައެވެ. އަދި ރައްޔިތުންގެ މާލިއްޔާ އިން ވައްކަން ކުރެއްވުމަކީ އަމީން ކުރެއްވި ދެ ވަނަ ކަމެއްގެ ގޮތުގައި ތުހުމަތު ކުރައްވައި މީކާއިލް އެދިވަޑައިގެންނެވީ މިހާރުން މިހާރަށް އޭނާ ވަކިކޮށް ދެއްވުމަށެވެ.

"އެމަނިކުފާނު ރާވައި ހިންގައިގެން ރައްޔިތުންތަކެއް އިތުބާރު ދީފައި ރައްޔިތުންގެ ކަންކަން ތަމްސީލް ކުރައްވަން ތިއްބަވާ ބޭފުޅުން ވައްކަން ކުރެއްވީމަ އެ ކުރެއްވެނީ ދެ ވައްކަން. އެއީ އިތުބާރުން ކުރާ ވައްކަމާއި ފިޒިކަލީ މާލިއްޔަތުން ކުރާ ވައްކަން. އެހެންވީމަ އެމަނިކުފާނު އެ ހުންނެވީ ދެ ވައްކަން ކުރައްވައިގެން. އަޅުގަނޑު ގޮވާލަން މިހާރުން މިހާރަށް ހެލްތު މިނިސްޓަރު އަމީން ވަކި ކުރައްވަން،" މީކާއިލް ވިދާޅުވި އެވެ.

މީގެއިތުރުން ބިޑް ކޮމިޓީގެ ޗެއާމަން އޮޅުވާލައްވާފައިވާތީ އޭނާ ވެސް މަގާމުން ވަކިކުރަން މީކާއިލް ގޮވާލެއްވި އެވެ.

ބަހުސްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ 75 ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ރިކަމެންޑުކުރި ކުންފުންޏެއްކަމަށް ވިދާޅުވީ ހެލްތު މިނިސްޓަރު އަމީން އިސްވެ ތަކުރާރުކޮށް އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.

ނަމަވެސް، ރައްޔިތުންގެ ފައިސާއަށް ހިޔާނާތްވެގެން ހަމައެކަނި މަގާމުން ވަކިކުރުމުން ނުނިމޭ ކަމަށާއި، އެ ފަދަ މީހުންގެ މައްޗަށް ޝަރީއަތް ކުރެވެންޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ވަރަށް ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައިވެ އެވެ.

އޮޑިޓަރު ޖެނެރަލް ހަސަން ޒިއަތު ސޮއިކުރައްވާ، ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އާންމު ކުރެއްވި ރިޕޯޓްގައި މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ޓްރަސްޓް ފަންޑުން ކޮވިޑް-19 އާ ގުޅޭ ކަންކަމަށް ހަަރަދުކުރަން ބަޖެޓެއް ކަނޑައެޅުމުގެ ކުރިން މުއާމަލާތްތައްވެސް ހިންގާފައިވާ ކަމަށެވެ.

އެގޮތުން ވަކިވަކި ކަންކަމަށް ހަރަދުކުރާނެ ފައިސާ އަދަދު ކޮމެޓީން ފާސްކޮށްފައިނުވާ ކަމަށް ބުނެފައިވެއެވެ. ކޮވިޑްގެ ތެރޭގައި އެ މިނިސްޓްރީން އެކި ކަންކަމަށް 26،212،727 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅޭ ހަރަދުތަަކަށް ފަންޑުން ހަރަދުކުރާނެ ޖުމްލަ އަދަދެއް ކަނޑައެޅުމުގެ ކުރިން ޕްރޮކިއުމަންޓްގެ ކަންކަންވެސް ހިންގާފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ ބައިނަލްއަގްވާމީ އެއާޕޯޓްތަކުގައި ތާމަލް އިމޭޖިން ކެމެރާ ބެއްޓުމާ ގުޅޭ މަޝްރޫއުގެ ތެރެއިންވެސް ގޯސްކޮށް ހިނގާފައިވާ ގިނަ ކަންތައްތަކެއް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެށިގެން އައި ދުވަސްވަރު އެކި އެއާޕޯޓްތަކުގައި ޖުމްލަ ހަތް ކެމެރާ ހަަރުކޮށްފައިވެއެވެ. އެ މަސައްކަތަށް 2،361،340 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އޮޑިޓްގައި ބުނެފައިވަނީ މަސައްކަތް ހަވާލުކުރުމުގައި އަމަލުކުރުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިނުވާ ކަމަށެވެ. އަދި ދެ އެއާޕޯޓެއްގެ އެސެސްމަންޓެއް ހެދުމުގެ ނަމުގައި ބޮޑު ހޭދައެއްވެސް ކޮށްފައިވާ ކަމަށެވެ. އެގޮތުން ލަފާދޭނެ ދެ މީހަކު ގެނެސް އެ މީހުންގެ ކޮންސަލްޓަންސީ ފީގެ ގޮތުގައި 50،000 ޑޮލަރު ނުވަތަ 771،000 ރުފިޔާ އެ ދެ މީހުން ނިސްބަތްވާ ކުންފުންޏަށް ދައްކާފައިވާ ކަމަށާ އަދި މި ހަރަދާގުޅޭ ވިތްހޯލްޑިން ޓެކުގެ ގޮތުގައި 85،666 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް އޮޑިޓްގައި ބުނެފައިވެއެވެ.

މިއަދު ނެރުނު ހެލްތް މިނިސްޓްރީގެ ރިޕޯޓްގައިވެސް ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ.

މިއަދު ނެެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ ދުބާއީ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރިއިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައި ނުވާ ކަމަށެވެ. އެ ކުންފުންޏާއި 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ 34,502,250 ރުފިޔާއަށް ކަމަށާ މިފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާއި ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލްކަން ލިބިފައިވާ ކުންފުންޏެއްކަން ބަލަން ޖެހުނު ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށް ވަނީ ބުނެފައެވެ. އަދި މި ކުންފުންޏަކީ މީގެ ކުރިން ދިވެހި ސަރުކާރާއެކު އެއްވެސް ވަރަކަށް މުއާމަލާތެއްވެސް ކޮށްފައިނުވާ ކުންފުންޏެއްކަން ފާހަގަކޮށްފައިއެވެ.

މީގެ އިތުރުން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާގޮތަށް މިނިސްޓްރީގެ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ކަމަށާ ނަމަވެސް އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރެއް ނޫންކަމަށްވެސް ރިޕޯޓްގައިވެއެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަކީ ޑަބްލިއުއެޗްއޯއާއެކު އެއްވެސް މުއާމަލާތެއް ކޮށްފައިވާ ކުންފުންޏެއް ނޫން ކަމަށާއި އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ނުވާއިރު ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް އެ ޖަމާއަތުން ހެލްތް މިނިސްޓްރީއާއި ހިއްސާކޮށްފައިވެސް ނުވާކަމަށް ޑަބްލިއުއެޗްއޯއިން މައުލޫމާތު ދީފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.