ދުބާއީ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ފިނޭންސް މިނިސްޓްރީން ދިން ހާއްސަ ހުއްދަ އާ ހިލާފަށް ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީން އަމަލުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ހެލްތު މިނިސްޓްރީން ކުރި ހަރަދުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް އެކަމަށް ހެދި ހާއްސަ އޮޑިޓު ރިޕޯޓުން ވަނީ ފާހަގަކޮށްފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ތިން ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކެވެ.
އެގޮތުން، އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ.
ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރެކަމެންޑުކޮށްގެން ކަން ދައްކަން ލިއެކިއުންތަކުގައި މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓުގައި ހާމަވެފައިވާއިރު، ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ.
އެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ކޮންމެ ބޭނުންވެފައިވާ ވެންޓިލޭޓަރުތައް ހޯދުމަށް ހާއްސަ ހުއްދައެއް ދިނީ މާލިއްޔަތު ގާނޫނާއި ގަވައިދުގެ ތެރެއިން އެކަންކަން ކުރުމަށް ކަމަށެވެ.
އެގޮތުން، އެޑްވާންސް ފައިސާ ދެއްކެއިރު، ކުންފުނީގެ ފަރާތުން ޕަފޯމަންސް ގެރެންޓީއެއް ހޯދަންޖެހޭ ގޮތަށް މާލިއްޔަތު ގަވައިދުގައި އޮތް މާއްދާއަށް ލުޔެއް ދީފައިނުވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ދިން ހުއްދައެއް ދީފައިވާނީ މާލިއްޔަތު ގާނޫނާއި ގަވައިދުގެ ތެރެއިން. ދީފައިވާ ކޮންމެ ހުއްދައެއްވެސް ދީފައިވާނީ މާލީ ނިޒާމުގެ އަސާސްތައް ހިފަހައްޓައި، ހަމައެކަނި އެވަގުތު ކުރަން ޖެހޭ ކަމެއް ކުރުމަށް ބޭނުންވާނެ އެންމެ ކުޑަ މިންވަރަށް" އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި ތަކެތި ގެންނަން ހަވާލުކުރާ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލްކަން ބެލުމަކީ އެއީ ބިޑް ކޮމިޓީގެ ޒިންމާއެކެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިނިސްޓްރީ އޮފް ހެލްތުގެ ބިޑުކޮމިޓީން މި މަސައްކަތް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކުރީ އެ ކަންތައްތައް ބަލައި އޭރުގެ ހާލަތަށް ރިއާޔަތްކުރުމަށް ފަހު. އެކަމަކު އެވޯޑް ކުރުމުގެ ކުރިން މަސައްކަތް ހަވާލުކުރެވޭ ފަރާތުގެ ފަންނީ އަދި މާލީ ގާބިލުކަން ކަށަވަރުކުރުމަކީ ބިޑު ކޮމިޓީގެ ޒިންމާއެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން، އެޑްވާންސް ޕޭމަންޓް ދައްކާއިރު ކަންކަން ފުރިހަމަވެފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަކީ އެ މިނިސްޓްރީއެއްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތެއް ކަމަށް މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ އޮޑިޓު ރިޕޯޓުން ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން، ފިނޭންސް މިނިސްޓްރީގެ މާލީ މައްސަލަތައް ބަލާ ކޮމިޓީން އެ ރިޕޯޓު ދިރާސާ ކުރަމުންދާ ކަމަށާއި، އެ ކޮމިޓީގެ ލަފާގެ މަތީން އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ވެންޓިލޭޓަރުތައް ގަންނަން ހަވާލުކުރުމުގައި، މާލިއްޔަތު ގާނޫނާއި ގަވައިދުގެ އިތުރުން އާއްމު ބުއްދީގެ ހަމަތަކާ ހިލާފަށް ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީން އަމަލުކޮށްފައިވާކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވާއިރު، މިކަމުގައި އެ ކޮމިޓީއާއި މާލީ ޒިންމާދާރުވެރިޔާގެ އިހުމާލު ބޮޑުކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވެސް ވަނީ ވިދާޅުވެފަ އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަގާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަމިއްލަފުޅަށް މަސައްކަތްތަކުން އެކަހެރިވެވަޑައިގެންފައިވާއިރު، އެ މިނިސްޓްރީގެ ބިޑު ކޮމިޓީގެ އިތުރުން މާލީ ޒިންމާދާރު ވެރިޔާ މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.
ނަމަވެސް، މިކަމުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ނުވަތަ ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގެ ނިޔަތުގައި ހެލްތު މިނިސްޓްރީގެ އެއްވެސް މުވައްޒަފަކު ކަމެއް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަމީން ވަނީ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފަ އެވެ.