ދުބާއީ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމަށް ދައްކާފައިވާ ފައިސާ، އެތަކެތި ނުލިބިއްޖެނަމަ އަނބުރާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ހެލްތު މިނިސްޓްރީން ކުރި ހަރަދުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް އެކަމަށް ހެދި ހާއްސަ އޮޑިޓު ރިޕޯޓުން ވަނީ ފާހަގަކޮށްފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ތިން ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކެވެ.
އެގޮތުން، އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ.
ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރެކަމެންޑުކޮށްގެން ކަން ދައްކަން ލިއެކިއުންތަކުގައި މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓުގައި ހާމަވެފައިވާއިރު، ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ.
އެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ އެ ކޮންޓްރެކްޓްގެ ދަށުން ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުންދާއިރު ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ މިހާތަނަށް އެކަމަށް ހަރަދު ކުރެވުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.
އެގޮތުން، މިކަމުގެ އެއްބަސްވުމުގައި ފައިސާ އަނބުރާ ލިބޭނެގޮތްތައް ހިމެނިފައިވާކަން އަމީރު ފާހަގަ ކުރެއްވި އެވެ.
"އެގްރީމެންޓްގައި ޑިލޭ ޗާޖުގެ ވާހަކައެބައޮތް. އާބިޓްރޭޝަނަކަށް ހިންގައްޖެނަމަ، ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރުގައި އެކަން ކުރަންޖެހޭކަމަށް އެގްރީމަންޓްގައި ލިޔެވިފައި އެބައޮތް. އަޅުގަނޑުމެންވެސް މިދަނީ މި ކޮންޓްރެކްޓުގެ އަޕްޑޭޓްތައް ހޯދަމުން. އެކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން އަރުވަން" މިނިސްޓަރު ވިދާޅުވި އެވެ.
ވެންޓިލޭޓަރުތައް ހޯދުމަށް ފިނޭންސުން ދިން ހުއްދަ އާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އަމީރު ވިދާޅުވީ ރާއްޖެއަށް ކޮންމެ ބޭނުންވެފައިވާ ވެންޓިލޭޓަރުތައް ހޯދުމަށް ހާއްސަ ހުއްދައެއް ދިނީ މާލިއްޔަތު ގާނޫނާއި ގަވައިދުގެ ތެރެއިން އެކަންކަން ކުރުމަށް ކަމަށެވެ.
އެގޮތުން، އެޑްވާންސް ފައިސާ ދެއްކެއިރު، ކުންފުނީގެ ފަރާތުން ޕަފޯމަންސް ގެރެންޓީއެއް ހޯދަންޖެހޭ ގޮތަށް މާލިއްޔަތު ގަވައިދުގައި އޮތް މާއްދާއަށް ލުޔެއް ދީފައިނުވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ދިން ހުއްދައެއް ދީފައިވާނީ މާލިއްޔަތު ގާނޫނާއި ގަވައިދުގެ ތެރެއިން. ދީފައިވާ ކޮންމެ ހުއްދައެއްވެސް ދީފައިވާނީ މާލީ ނިޒާމުގެ އަސާސްތައް ހިފަހައްޓައި، ހަމައެކަނި އެވަގުތު ކުރަން ޖެހޭ ކަމެއް ކުރުމަށް ބޭނުންވާނެ އެންމެ ކުޑަ މިންވަރަށް" އޭނާ ވިދާޅުވި އެވެ.