ފިނޭންސް މިނިސްޓްރީ

ކުވައިތު ފަންޑުން އަޅާ ހުރިހާ ހޮސްޕިޓަލް އަލުން ބީލަމަށް

ކުވައިތު ފަންޑުގެ އެހީގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލްތަކަށް ހުށަހެޅި ބީލަންތަކުގެ އަގުބޮޑުވުމުން އަލުން ބީލަމަށްލުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ކުވައިތު ފަންޑުގެ އެހީގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލްތަކަށް ހުށަހެޅި ބީލަންތަކުގެ އަގުތައް ބޮޑު ކަމަށެވެ.

ހޮސްޕިޓަލްތަކަށް ލިބުނު ބިޑްތަކުގެ އަގު އިންޖިނިއަރުންގެ އަންދާޒާއަށްވުރެ ބޮޑުވުމުން ހުރިހާ ހޮސްޕިޓަލްތައް އަލުން ބީލަމަށް ހުޅުވާލުން ނޫން ގޮތެއް ނެތް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް މަޖިލީހުގައި މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ބިޑް ކާމިޔާބުކުރިކަން އެއްވެސް ފަރާތަކަށް އަންގާފައިނުވާނެ ކަމަށެވެ.

ކުވެއިތު ފަންޑުން ހޮސްޕިޓަލް އަޅާ ރަށްތައް

  • ހދ. ހަނިމާދޫ
  • ށ. މިލަންދޫ
  • ނ. ވެލިދޫ
  • ކ. ތުލުސްދޫ
  • އދ. މާމިގިލި
  • ވ. ފެލިދޫ
  • ތ. ވިލުފުށި

ޓެންޑާ ބޯޑަށް ހުށަހެޅި ބިޑްތައް ބޮޑުވުމުން އަލުން ބީލަމަށް ލައިގެން ކުރިއަށް ގެންދާނެ ކަމުގެ މައުލޫމާތު ކުވައިތު ފަންޑާ ހިއްސާކޮށްފައިވާނެ ކަމަށާއި އަލުން ބީލަން ހުށަހެޅުމުގެ މަރުހަލާ ކުރިއަށް ގެންދަވާނެ ކަމުގައިވެސް އަމީރު ވިދާޅުވި އެވެ.

ކުވައިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެހީގައި ހަތް ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކުރީ މިއަހަރުގެ އެޕްރީލް މަހު އެވެ.

ހެލްތު މިނިސްޓަރު އަހްމަދު ނަސީމު މީގެ ކުރިން ވިދާޅުވި ގޮތުގައި އަލަށް އަޅާ ހޮސްޕިޓަލްތަކުގެ ތެރޭގައި 30 އަދި 50 އެނދުގެ ހޮސްޕިޓަލްތަކާއި ޓާޝިއަރީ ހޮސްޕިޓަލްތައް ހިމެނޭ ކަމަށެވެ.