ބޭސް ފިހާރަތަކުން ބޭހުގެ ވިޔަފާރިން އެކަށީގެން ނުވާ މަތީ އަދަދަކުން ފައިދާ ނެގުން ހުއްޓުވުމަކަށް ގެނައުމަށް ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ކޮވިޑްގެ ހާލަތުގައި އެންމެ ފަރުދަކުވެސް ބާކީ ކުރުމެއްނެތި، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ހުރިހާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 3.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށެވެ.
އިޖުތިމާއީ ރައްކާތެރިކަމުގެ އޮނިގަނޑުގެ ތެރެއިން ސަރުކާރުން އެއް ކަމަކަށް އެންމެ ބޮޑު ހަރަދެއް ކުރަމުން އަންނަނީ އާސަންދަ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ސިއްހީ ހިދުމަތް ކަށަވަރުކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އަންނަ އަހަރު އާސަންދަ ސްކީމަށް 731 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ.
މިނިސްޓަރު ވިދާޅުވީ އާސަންދަ އަކީ ލިމިޓެއް ނެތި ހުޅުވާލާފައި އޮންނަ ނިޒާމެއްކަމުން، އިސްރާފަށް މަގުފަހިވާ ބައެއް ނުރަނގަޅު އާދަތަކަށް މަގުފަހި ކުރުވާ ކަމަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާ އިން ހިންގާ އިސްރާފުގެ މިންވަރު ކުޑަކޮށް، ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުންގެ ޖީބުން ބޭސްފަރުވާއަށް ކުރާ ހަރަދު ކުޑަކުރުމަށް އަންނަ އަހަރު ފިޔަވަޅުތަކެއް އެޅުމަށް ރާވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު މިއަންނަ އަހަރު ކަނޑައަޅައި، ބޭހުގެ ވިޔަފާރިން އެކަށީގެން ނުވާ މަތީ މިންވަރުތަކުން ފައިދާ ނެގުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެވޭނެ. ރާއްޖެ އެތެރެކުރާ ބޭސް ޕްރޮކިއޮ ކުރުމުގެ އުސޫލުތައް ހަރުދަނާ ކޮށްގެން އިތުރަށް އަގުތައް ތިރިކުރުމުގެ ފުރުސަތު ހޯދުމަށްވެސް މަސައްކަތް ކުރާނަން." މިނިސްޓަރު ވިދާޅުވި އެވެ.
ނިކަމެތިންނާއި، އެކަނިވެރި މައިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެހެނިހެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދޭ އެހީގެ ގޮތުގައި 363 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ. އަދި ކާޑުގެ ބާވަތްތަކާއި ކަރަންޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ދޭ އެހީގެ އިތުރުން، ދަތުރު ފަތުރުގެ އަގު ތިރިކުރުމަށް ދޭ ސަބްސިޑީވެސް އަންނަ އަހަރު ވެސް ދިނުމަށް ނިންމާފައިވެ އެވެ.
އަމީރު ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާ އަކީ މި ސަރުކާރު ވެރިކަމަށް އައި އިރު ވަރަށް ބޮޑަށް އަޅާނުލެވި އޮތް ދާއިރާއެއް ކަމަށެވެ. ވަކިން ހާއްސަކޮށް، މި ދާއިރާގައި ހައްލުކުރަންޖެހޭ ގިނަ ކަންކަން ހުރިއިރު، ދާއިރާ ކުރިއަރުވަން އެކަށީގެންވާ ވަސީލަތްތައް ކުރީ ސަރުކާރުން ހޯދައިދީ އިންވެސްޓްމަންޓްތައް ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"2022 ވަނަ އަހަރު ޖެންޑާ މިނިސްޓްރީގެ ބަޖެޓު ވާނީ 2018 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ ބޮޑުކޮށްފައި." މިނިސްޓަރު ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހި މުޖުތަމައުން އެކަހެރިވެފައިވާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނައުމަށް އަންނަ އަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން ސ. ހިތަދޫގައި ރީޖަނަލް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރަން ބަޖެޓުގައި ހިމަނާފައިވެ އެވެ. އަދި ހުޅުމާލޭގައި ގާއިމުކުރާ ނެޝަނަލް ޑްރަގް އޭޖެންސީގެ ވެލްނަސް ސެންޓަރުގެ މަސައްކަތްވ ކުރިއަށް ގެންނދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.