ރައްޔިތުންގެ މަޖިލިސް

ހަތް ހޮސްޕިޓަލް އިމާރާތްކުރަން މި ހަފުތާގައި ހަވާލުކުރަނީ

ކުވެއިތު ފަންޑުގެ އެހީގައި ހަތް ރަށެއްގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްތަކުގެ މަސައްކަތް މި ހަފުތާގައި ހަވާލުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ހަތް ހޮސްޕިޓަލްގެ އިވެލުއޭޝަން މިހާރު ނިމިފައިވާ ކަމަށެވެ.

"މި ހަފުތާ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެވޯޑުކޮށްފަ ނޯ އޮބްޖެކްޝަނަށް ކުވެއިތު ފަންޑަށް ފޮނުވާނަން،" އަމީރު ވިދާޅުވި އެވެ.

ހޮސްޕިޓަލްތައް އަޅާ ރަށްތައް:

  • ހދ. ހަނިމާދޫ
  • ށ. މިލަންދޫ
  • ނ. ވެލިދޫ
  • ކ. ތުލުސްދޫ
  • އދ. މާމިގިލި
  • ވ. ފެލިދޫ
  • ތ. ވިލުފުށި

މިއިން ކޮންމެ ރަށެއްގައިވެސް އަޅަނީ 30 އެނދުގެ ހޮސްޕިޓަލެވެ.

ކުވޭތު ފަންޑުގެ އެހީގައި ހޮސްޕިޓަލް އެޅުމަށް އިއުލާނުކުރުމުން ހުށަހެޅި ބީލަންތަކުގެ އަގު ބޮޑުވުމުގެ ސަބަބުން އެ މަޝްރޫއަށް އަލުން އިއުލާނު ކުރި އެވެ.