ޑރ. އަބްދުﷲ ޚަލީލް

ފައިސާއެއް ނެތް، ދެއްކީ ހުވަފެންތަކެއް: ހަލީލް

ހޮސްޕިޓަލްތައް އިމާރާތްކުރެވޭނެ ފެންވަރު ނެތި ކުރީ ސަރުކާރުން ދެއްކީ ހަމައެކަނި ހޮސްޕިޓަލްތަކުގެ ކުރެހުންތަކެއް ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ ކުރީގެ ސަރުކާރުގައި ހޮސްޕިޓަލްތަކުގެ ކުރެހުންތައް ދެއްކިއިރު އެކަން ކުރަން ދައުލަތުގައި ފައިސާ ނެތް ކަމަށެވެ.

"އަޅުގަނޑުމެން ކަންބޮޑުވަނީ ދައުލަތަށް ނުކަތާވަރުގެ އިމާރާތްތައް ބިނާކުރުމަށްޓަކައި ކުރެހުންތައް ކުރަހައިގެން ރައްޔިތުންނަށް ދެއްކިއިރުގައި މިކަން ކުރެވޭނެ އެއްވެސް މަގެއް ފެންނާކަށް ނެތް. ފައިސާއެއް ނެތް މި ދައުލަތަކު. މި ދައުލަތަކު އެވަރުގެ ކެރިފޯރުންތެރި ކަމެއް ނެތް،" ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވި ގޮތުގައި އެ ކުރެހުންތައް ކުރަހާފައިވަނީ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތާ ނުބައްދަލުކޮށެވެ. އެހެންކަމުން އެ ހޮސްޕިޓަލްތައް އިމާރާތްކުރަންޖެހެނީ އެހެން ކަމެއް ކޮމްޕްރިމައިޒްކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވަނީ ހިދުމަތް ކަމަށާއި އެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހަލީލް ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވާ އެއްވެސް ހިދުމަތަކަށް ބުރޫ ނާރާ ގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޑިޒައިންތައް ކުރަމުން މިދަނީ،" ހަލީލް ވިދާޅުވި އެވެ.