ރާއްޖޭގެ އެކި ހިސާބުތަކުގައި ހޮސްޕިޓަލް އަޅަން ކުވެއިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އިން ހަމަޖެއްސި ފަންޑް ކެންސަލްކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ ކުވެއިތު ފަންޑްގެ ފަންޑިންގް އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
މިނިސްޓަރު ހަލީލް ވިދާޅުވި ގޮތުގައި ފަންޑު އަނބުރާ ގެންދިޔައީ މަޝްރޫއު އެވޯޑްކުރުމުގެ މަރުހަލާ ވަކި ގޮތަކަށް ކުރިއަށް ގެންދަން ރާއްޖެއިން ބޭނުންވުމުންނެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުން ވަކި ގޮތަކަށް ރާއްޖެއިން އޭރުގައި އެވޯޑްކުރުމުގެ މަރުހަލާ ކުރިއަށް ގެންދަން ބޭނުންވީމައާއެއްކޮށް ވަނީ ކުވެއިތު ފަންޑުން އެކަން ހުއްޓާލާފަ. އެހެންވީމަ ކުވެއިތު ފަންޑުގެ ޕްރޮކިއުމަންޓް އުސޫލާ ހިލާފަށް ކުރިއަށްދިޔަ ކަމަކަށްވާތީ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ،" ހަލީލް ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ފަންޑިން އެޖެންސީތަކަކީ އެ އެޖެންސީތަކުން ކަނޑައަޅާފައި ހުންނަ އުސޫލުގެ ތެރެއިން ޕްރޮކިއުމަންޓް ހަދަންޖެހޭ އެޖެންސީތަކެއްކަން ހަލީލް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ހަލީލް ވިދާޅުވީ ފަންޑް އަނބުރާ ހޯދަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހޮސްޕިޓަލްތަކުގެ މަޝްރޫއަށް އެހެން ގޮތަކުން ފައިސާ ހަމަޖެހޭތޯ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ހަލީލް ވިދާޅުވި އެވެ.
ކުވެއިތު ފަންޑުގެ އެހީގައި ހޮސްޕިޓަލްތައް އަޅަން 2022 ވަނަ އަހަރުގެ އެޕްރީލް މަހު އިއުލާނުކުރި އެވެ.
ހޮސްޕިޓަލް އަޅާ ރަށްތައް
- ހދ.ހަނިމާދޫ
- ށ.މިލަންދޫ
- ނ.ވެލިދޫ
- ކ. ތުލުސްދޫ
- އދ. މާމިގިލި
- ވ. ފެލިދޫ
- ތ. ވިލުފުށި
މި މަޝްރޫއުގެ ދަށުން އަޅަން ނިންމީ 30 އެނދުގެ ހޮސްޕިޓަލްތަކެކެވެ.