ޑރ. އަބްދުﷲ ޚަލީލް

ސިއްހީ ހުރިހާ ރެކޯޑެއް އެއްތާކުން ފެންނަ ގޮތް ހަދަނީ

ރައްޔިތުންގެ ސިއްހީ މައުލޫމާތު އެއްތާކުން ފެންނަ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހަލީލް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ގިނަ ދަތިތަކެއް އެބަހުރި ކަމަށާއި، އެކަމެއްގެ ސަބަބުން ރައްޔިތުންނަށް އެންމެ ދަތިވާ އެއް ކަމަކީ އެއްތަނަކުން ސިއްހީ މައުލޫމާތުތައް ލިބޭނެ އިންތިޒާމެއް ނެތުން ކަމަށެވެ.

ހަލީލް ވިދާޅުވީ އެއް ހޮސްޕިޓަލުން ހަދާ ޓެސްޓްތައް އަނެއް ހޮސްޕިޓަލުން ފެންނާނެ ނިޒާމެއް ގާއިމުވެފައި ނެތުމުގެ ސަބަބުން އެކަމުގެ ތަކުލީފުތައް ބަލިމީހާ އިންތިހާއަށް އުފުލަންޖެހޭ ޖެހުމަކީ ދައުލަތައްވެސް ބުރަބޮޑުވެފައިވާ ކަމެއް ކަމަށެވެ.

"ޑިޖިޓަލް ނިޒާމަކުން ސިއްހީ ދާއިރާ ގުޅާލުމަކީ އެކަމުގެ ސަބަބުން އެއް ހޮސްޕިޓަލަކުން ހަދާ ޓެސްޓްތައް ތަކުރާރުކުރަން ނުޖެހި ފަސޭހަކަމާއެެކު ބަލާލެވިގެންދާ ހަރުދަނާ ނިޒާމަކަށް ވެގެންދާނެ" ހަލީލް ވިދާޅުވި އެެވެ.

ކުލިނިކަކުން ނުވަތަ ހޮސްޕިޓަލަކުން މީހަކު ފަރުވާ ހޯދި ނަމަވެސް އެމީހެއްގެ ސިއްހީ ރެކޯޑުތައް ރައްކާތެރިކަމާ އެކު ބެލެހެއްޓިގެންދާ ނިޒާމަކަށް މިނިޒާމު ވެގެންދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ދެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިނިޒާމު ގާއިމުކުރެވިގެން ދާނީ ދުނިޔޭގެ ސިއްހަތު ޖަމައިއްޔާ (ޑަބްލިޔޫއެޗްއޯ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީތެރިކަމާ އެކު އެވެ.