ކުވެއިތު ފަންޑުގެ އެހީގައި ހަތް ރަށެއްގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްތަކުގެ މަސައްކަތް ބަޔަކާ ހަވާލުނުކުރެވި ލަސްވަނީ ކުވެއިތު ފަންޑުން "ނޯ އޮބްޖެކްޝަން" ނުލިބޭތީ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ހޮސްޕިޓަލުތަކުގެ މަސައްކަތަށް ކުވެއިތު ފަންޑުން "ނޯ އޮބްޖެކްޝަން" ނުލިބޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ކުވެރިތު ފަންޑުގެ އެހީގައި ހަތް ރަށެއްގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލުތަކުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ހަވާލުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ މިމަހުގެ ހަވަނަ ދުވަހު ވިދާޅުވެފަ އެވެ.
އެކަން ފާހަގަކުރައްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ވަނީ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ކިހާ މުއްދަތެއް ނަގާނެތޯ އަދި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވޭ ތާރީހު ސާފުކުރެއްވުމަށް ސުވާލު ކުރައްވާފަ އެވެ.
ކުވެއިތު ފަންޑުގެ އެހީގައި ހޮސްޕިޓަލް އިމާރާތްކުރާ ރަށްތަކުގެ ތެރޭގައި ވެލިދޫވެސް ހިމެނޭއިރު މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ ބޭރުގެ ފަރާތްތަކުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއުތަކަށް ނޯ އޮބްޖެކްޝަން ބޭނުންވާ ކަމަށެވެ.
ބޭރުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއު އެވޯޑުކުރުމަށްފަހު އެ ފަރާތްތަކުން ނޯ އޮބްޖެކްޝަން ޓެންޑާ މަރުހަލާގައި ބޭނުންވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
މީގެ ދެތިން ދުވަސް ކުރިން ކުވެއިތު ފަންޑުގެ ކުވެއިތު ފަންޑުގެ އިސް ބޭފުޅުންނާ މަޝްވަރާ ކުރެއްވި ކަމަށާއި ނޯ އޮބްޖެކްޝަން ވަރަށް އަވަހަށް ހަމަޖެހޭނެކަން ފާހަގަކުރެއްވި ކަމަށް އަމީރު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މި ހަފުތާ ތެރޭގައި ނޯ އޮބްޖެކްޝަން އަޅުގަނޑުމެންނަށް ލިބި އެގްރިމެންޓް ސޮއިކުރެވޭ ހިސާބަށް ކުރިއަށް ގެންދެވޭނެ،" އަމީރު ވިދާޅުވި އެވެ.
ހޮސްޕިޓަލްތައް އަޅާ ރަށްތައް:
- ހދ. ހަނިމާދޫ
- ށ. މިލަންދޫ
- ނ. ވެލިދޫ
- ކ. ތުލުސްދޫ
- އދ. މާމިގިލި
- ވ. ފެލިދޫ
- ތ. ވިލުފުށި
މިއިން ކޮންމެ ރަށެއްގައިވެސް އަޅަނީ 30 އެނދުގެ ހޮސްޕިޓަލެވެ.