ކޮވިޑް-19 އިގެ ފަރުވާ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ތުހުމަތު ކުރެވޭއިރު، އެ މައްސަލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގޯހެއް ހައްދަވާފައިވާކަމަށް ބެލޭނެ ޖާގައެއްނެތް ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ތިން ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކެވެ.
އެގޮތުން، އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ.
ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރެކަމެންޑުކޮށްގެން ކަން ދައްކަން ލިއެކިއުންތަކުގައި މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓުގައި ހާމަވެފައިވާއިރު، ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ.
އެ ރިޕޯޓު އޮޑިޓާ ޖެނެރަލް މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވުމާ ގުޅިގެން، ކޮމިޓީގެ ބައެއް މެންބަރުންގެ ގިނަ ސުވާލުތަކެއް އަމާޒުވީ، ވެންޓިލޭޓަރުތައް ބީލަމަށް ނުލައި އެގްޒެކިއުޓާސްއާ ހަވާލުކުރުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދީފައިވާއިރު އެކަމުގައި އެ މިނިސްޓްރީގެ އިހުމާލެއްވޭތޯ އެވެ.
އެ ސުވާލުތަކުގެ ޖަވާބުގައި ޒިޔަތު ވިދާޅުވީ ކުއްލި ހާލަތްތަކުގައި މާލިއްޔަތު ގަވައިދުގެ ތެރެއިން ބައެއް ލުއިތަކެއް ދިނުމުގެ ބާރު ފިނޭންސް މިނިސްޓަރަށް ލިބިވަޑައިގެންފައިވާއިރު ވެންޓިލޭޓަރުތައް ބީލަމަށް ނުލައި ގަތުމުގެ ހުއްދަ ހެލްތު މިނިސްޓްރީއަށް ދެއްވާފައިވަނީ މާލިއްޔަތު ގަވައިދުގެ ތެރެއިން އެކަން ކުރިއަށް ގެންދިއުމަށް ސާފުކޮށް ވިދާޅުވެފައި ކަމަށެވެ.
"ހާލަތަށް ބަލާފައި، އެޑްވާންސް ފައިސާ ދިނުމާއި އެ ހުރިހާ ކަމެއްވެސް މާލިއްޔަތު ގަވާއިދުގައި އޮންނަ އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަރަށް ސާފުކޮށް ފިނޭންސް މިނިސްޓަރު ސޮއި ކުރައްވާ ހެލްތަށް ފޮނުއްވި ސިޓީގައި އެބައޮތް ވިދާޅުވެފައި. އެހެންވީމާ ފިނޭންސް މިނިސްޓްރީގެ ނުވަތަ މިނިސްޓަރު ގޯހެއް ހައްދަވާފައިކަމަށް ބުނުމަށް ޖާގައެއް ނުލިބޭ،" ޒިޔަތު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ގަވައިދުގެ ތެރެއިން ކަންކަން ނުކޮށް މިކަމުގައި އެންމެ ބޮޑަށް އިހުމާލުވެފައިވަނީ ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީގެ އިތުރުން މާލީ ޒިންމާދާރު ވެރިޔާ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދައުލަތުން ބޮޑު ހޭދައެއް ކުރާ ގޮތަށް ދުބާއީގެ ކުންފުންޏާ އެކު އެއްބަސްވުމެއް ހެދިއިރު އެންމެ ކުޑަމިނުން އެ ކުންފުންޏަކީ މާލީ ގޮތުންނާއި ފަންނީ ގާބިލްކަން ހުރި ކުންފުންޏެއްތޯ ވެސް ހެލްތު މިނިސްޓްރީން ބަލައިފައެއް ނުވެ އެވެ. އެ ކުންފުނިން ހުށަހެޅި މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއްތޯ ވެސް ހެލްތު މިނިސްޓްރީން ބަލައިފައެއް ނުވެ އެވެ.
ނަމަވެސް، ދައުލަތުގެ މާލިއްޔަތަށް މިހާ ދަތިކަމެއް ދިމާވެފައިވާ ދަނޑިވަޅެއްގައި އެފަދަ ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރެވޭއިރު، ފިނޭންސުން ވެސް އެކަންކަން އިތުރަށް ބަލައި، ފާރަވެރިވެވޭނެ ގޮތްތަކެއް މުސްތަގުބަލުގައި ހޯދަންޖެހޭކަމަށްވެސް ޒިޔަތު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިހާރު މަސައްކަތުން އަމިއްލައަށް އެކަހެރިވެވަޑައިގެންފައިވާއިރު، އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވި މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބިޑް ކޮމިޓީގެ މެންބަރުން މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.
އެ ފިޔަވަޅަށް މަރުހަބާ ވިދާޅުވަމުން ޒިޔަތު ވިދާޅުވީ އޮޑިޓް އޮފީހުން ނެރޭ ރިޕޯޓުތަކުގެ ނަތީޖާ ފެންނާނީ، ދައުލަތުގެ މާލިއްޔަތާގުޅޭ މިފަދަ މައްސަލަތަކުގައި ޖަވާބުދާރީ ކުރުވުމުގެ ބުރު ވަށާޖައްސައިގެން ކަމަށެވެ.