ހަބަރު

ޑަބްލިޔުއެޗްއޯ އާއެކު ކުރީ ރަސްމީ މުއާމަލާތްތަކެއް: އަމީން

Aug 25, 2020
3

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އާއެކު ކުރީ ރަސްމީ މުއާމަލާތްތަކެއް ކަމަށް ވިދާޅުވެ، އޮޑިޓު ރިޕޯޓުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ރައްދު ދެއްވައިފި އެވެ.

އެ ރިޕޯޓާ ގުޅިގެން މިނިސްޓަރާއެކު މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެންބަރުން މިއަދު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައިވާއިރު، މިހާރު އަމިއްލަފުޅަށް މަސައްކަތްތަކުން އެކަހެރިވަޑައިގެންފައިވާ އަމީން ވަނީ ވެންޓިލޭޓަރުތަކާ ގުޅިގެން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާ ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ތިން ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކެވެ.

އެގޮތުން، އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ.

ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރެކަމެންޑުކޮށްގެން ކަން ދައްކަން ލިއެކިއުންތަކުގައި މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓުގައި ހާމަވެފައިވާއިރު، ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ.

ޑަބްލިއުއެޗްއޯގެ ވާހަކައަށް އިޝާރާތް ކުރައްވަމުން އަމީން ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތަކީ ހަގީގަތް އޮޅޭ ގޮތަށް ހިމަނާފައިވާ މައުލޫމާތެއް ކަމަށެވެ.

އަދި ޑަބްލިއުއެޗްއޯގެ ރިކޮމެންޑް ނުކުރާ ކުންފުންޏެއް ކަމަށް ނުވަތަ އެފަދަ ލިޔެކިޔުމެއް ނެތްކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާއިރު ޑަބްލިއުއެޗްއޯގެ މުވައްޒަފަކު ރަސްމީ އޮފީސް މެއިލް އެޑްރެހަކުން ކުރާ އީމެއިލްތައް އެއީ ޕްރައިވެޓް މުއާމަލާތްތެއް ކަމަށް ދެކެވަޑައި ނުގަންވާ ކަމަށް އަމީން ތަކުރާރުކޮށް ވިދާޅުވި އެވެ.

އެގޮތުން ވެންޓިލޭޓަރު ގެނައުމާ ގުޅޭގޮތުން ފޮނުވި މެއިލްތަކުގައި ދުބާއިގެ ކުންފުނީގެ މައުލޫމާތާއި ވެންޓިލޭޓަރުގެ އަގުތައްވެސް ހިމަނާފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ސީދާ ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވްއާއި ވާހަކަދެއްކީ ވެންޓިލޭޓަރު ހޯދުމާ ގުޅޭގޮތުން. އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ އަޅުގަނޑު ޕްރައިވެޓް ކަމެއްގައި ދެއްކި ވާހަކަތަކެއް ކަމަކަށް. އެއީ އަޅުގަނޑުގެ ރަސްމީ މަގާމުގެ ހައިސިއްޔަތުން ރާއްޖެއަށް ނުހަނު ބޭނުންވެފައިވާ ވެންޓިލޭޓަރުތަކެއް ކޮންމެ ގޮތެއްގައިވެސް ގެނައުމަށް ދެއްކި ވާހަކަތަކެއް،" އަމީން ވިދާޅުވި އެވެ.

އަމީން މިއަދު ވިދާޅުވި ގޮތުގައި، އޭރު ރާއްޖޭގައި އޮތް ސިއްހީ ނުރައްކަލުގެ ހާލަތަށް ބަލައި، މިނިސްޓްރީގެ ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކުރަމުން ދިއައީ ދިވެހި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކަމަށެވެ.

ނަމަވެސް، އޭރު އޮތް ހާސް ކަމުގެ ހާލަތާއި، ދުނިޔޭގައި އޮތް ވެންޓިލޭޓަރުގެ ދަތިކަމުގެ ހާލަތަށް އޮޑިޓް ރިޕޯޓުގައި ރިއާއަތްކޮށްފައިވާ ނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިޖުރާއީ ގޮތުންނާއި އިދާރީ ގޮތުން މައްސަލަތަކެއް ހުރިކަން މިހާރު ފާހަގަވެފައިވީ ނަމަވެސް، މިކަމުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ނުނީ ވައްކަމެއް ކުރުމުގެ ނިޔަތުގައި އެއްވެސް މުވައްޒަފަކު މަސައްކަތް ކޮށްފައިވާ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަމީން ވިދާޅުވި އެވެ.

އެހާ ގިނަ އަދަދެއްގެ ފައިސާ ދައްކައިގެން ވެސް އަދިވެސް އެ ވެންޓިލޭޓަރުތައް ލިބިފައިނުވާތީ ކޮމިޓީގެ މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވަމުން އަމީން ވިދާޅުވީ ވެންޓިލޭޓަރުތައް ލިބުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް، އެ ތަކެތި ނުލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަމީން ވިދާލުވީ އޮޑިޓު ރިޕޯޓު ނެރުމާއި ހަމައަށް ވެންޓިލޭޓަރުތައް ގެނައުމަށް މަސައްކަތްތައް ކުރެވިގެން ދިޔަ ކަމަށެވެ. އަދި މިހާރުވެސް މުއާމަލާތްތައް ކުރެވެމުން އަންނަ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެ ވެންޓިލޭޓަރުތައް ނާންނާނެ ކަމަށް ނިންމާފައި ނުވާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"އެ ކުންފުންޏަށް ޕޭ ކުރުމުގައި ހުރި ކަންކަމުގައި އެއްބަސްވުމަކަށް އަންނަން ޖެހިގެން އެ އެއްބަސްވުމުގައި ދިގުލައިގެން ދިޔަ ކަމަށް މައުލޫމާތު ލިބިފައިވަނީ. އެހެންވީމަ މި ގެއްލިއްޖެ ކަމަށް ކަނޑައަޅާ ހާލަތަކަށް ނުއެއް އާދޭ" އަމީން ވިދާޅުވި އެވެ.