ހަބަރު

ވައްކަމެއް ކުރި ކަމަށް އަމީން ގަބޫލެއް ނުކުރެއްވި

Aug 25, 2020
4

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް އެކަމަށް ހެދި ހާއްސަ އޮޑިޓު ރިޕޯޓުން ފާހަގަވެފައިވީ ނަމަވެސް، އެކަމުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ނުވަތަ ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގެ ނިޔަތުގައި ހެލްތު މިނިސްޓްރީގެ އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

އެ ރިޕޯޓާ ގުޅިގެން މިނިސްޓަރާއެކު މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެންބަރުން މިއަދު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައިވާއިރު، މިހާރު އަމިއްލަފުޅަށް މަސައްކަތްތަކުން އެކަހެރިވަޑައިގެންފައިވާ އަމީން ވަނީ ވެންޓިލޭޓަރުތަކާ ގުޅިގެން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާ ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ތިން ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކެވެ.

އެގޮތުން، އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ.

ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރެކަމެންޑުކޮށްގެން ކަން ދައްކަން ލިއެކިއުންތަކުގައި މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓުގައި ހާމަވެފައިވާއިރު، ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ.

އެ މައްސަލަތަކަށް އިޝާރާތް ކުރައްވަމުން އަމީން މިއަދު ވިދާޅުވި ގޮތުގައި، އޭރު ރާއްޖޭގައި އޮތް ސިއްހީ ނުރައްކަލުގެ ހާލަތަށް ބަލައި، މިނިސްޓްރީގެ ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކުރަމުން ދިއައީ ދިވެހި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކަމަށެވެ.

ނަމަވެސް، އޭރު އޮތް ހާސް ކަމުގެ ހާލަތާއި، ދުނިޔޭގައި އޮތް ވެންޓިލޭޓަރުގެ ދަތިކަމުގެ ހާލަތަށް އޮޑިޓް ރިޕޯޓުގައި ރިއާއަތްކޮށްފައިވާ ނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިޖުރާއީ ގޮތުންނާއި އިދާރީ ގޮތުން މައްސަލަތަކެއް ހުރިކަން މިހާރު ފާހަގަވެފައިވީ ނަމަވެސް، މިކަމުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ނުނީ ވައްކަމެއް ކުރުމުގެ ނިޔަތުގައި އެއްވެސް މުވައްޒަފަކު މަސައްކަތް ކޮށްފައިވާ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަމީން ވިދާޅުވި އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ޑަބްލިޔުއެޗްއޯ އިން ރެކަމެންޑުކޮށްގެންކަމަށް ދައްކަން މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުތަކަށްވެސް އަމީން މިއަދު ވަނީ ރައްދު ދެއްވައިފަ އެވެ.

އަމީން ވިދާޅުވި ގޮތުގައި، ވެންޓިލޭޓަރުތައް ހޯދުމުގައި ލޯކަލް ކުންފުނިތަކަށްވެސް ދަތިކަން ހުރި ކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން ވީއެންމެ އަވަހަކަށް ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދަން ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މަންދޫބާ މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި އެ މަޝްވަރާތަކަށްފަހު އޮޑިޓް ރިޕޯޓުގައި ވެސް ފާހަގަކޮށްފައި އީމެއިލް މެދުވެރިކޮށް އެފަދަ ކުންފުނިތަކުގެ ލިސްޓެއް ލިބުނުކަމަށް އަމީން ފާހަގަކުރެއްވި އެވެ.

"އެހެންވީމާ، އެއީ އަޅުގަނޑު ޕާސަނަލް ހައިސިއްޔަތުން ކުރި މަޝްވަރާއެއް ކަމަށް އަޅުގަނޑަށް އަދިވެސް ގަބޫލުކުރަން ދަތި. ފުރަތަމަ މަރުހަލާގައި ނުރަސްމީ މަޝްވަރާއެއް ކުރެވުނު ނަމަވެސް، ފަހުން ޑަބްލިޔުއެޗްއޯގެ ކަންޓްރީ އޮފީހުން ފޮނުވި އީމެއިލްތަކުންވެސް އެކަމުގައި އެ އޮތީ ރަސްމީ ސިފަ ޖެހިފައި،" އަމީން ތަކުރާރުކޮށް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ބިޑް ކޮމިޓީގެ ޗެއާ އަދި ޑެޕިޔުޓީ ހެލްތު މިނިސްޓަރު ނިޝާމާ މުހައްމަދުވެސް ވިދާޅުވީ ބިޑް ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ފިނޭންސް މިނިސްޓްރީ ހުއްދައިގެ ދަށުން، ހެޔޮ ނިޔަތުގައި ކަމަށެވެ. އަދި އެކަމުގައި އަމިއްލަ ފައިދާއެއް ހޯދަން މަސައްކަތްކޮށްފައި ނުވާނެކަމަށް ނިޝާމާ ވެސް ވިދާޅުވި އެވެ.