ހަބަރު

ހެލްތުގެ ދެ ބޭފުޅުން ހާޒިރުވާން އަމުރެއް ނުނެރޭ: މަޖިލިސް

Aug 24, 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް އެކަމަށް ހެދި ހާއްސަ އޮޑިޓު ރިޕޯޓުން ފާހަގަވެފައިވާއިރު، އެކަމާ ގުޅިގެން ޖަވާބުދާރީވާން ހެލްތު މިނިސްޓްރީގެ އިސް ދެ ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވާން އަމުރެއް ނެރެފައިނުވާކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

މިއަދުގެ މާލިއްޔަތު ކޮމިޓީއަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު ޖުމްލަ 11 ބޭފުޅަކު ހާޒިރުވާން ހަމަޖެހިފައިވާ އޮތް ކަމަށް ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މުހައްމަދު ނާޝިޒު ވިދާޅުވި އެވެ.

ނަމަވެސް، ތަހުގީގީ އިދާރާތަކުން މި މައްސަލަ ބަލަމުންދާތީ، ވަކީލުންގެ ލަފާގެ މަތިން، އެ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބިޑް ކޮމިޓީގެ ޗެއާ އަދި ހެލްތުގެ ޑެޕިޔުޓީ މިނިސްޓަރު ނިޝާމާ މުހައްމަދުގެ އިތުރުން ފައިނޭންޝަލް އެގްޒެކެޓިވް އަދި ހެލްތު ޑިރެކްޓަރު އަހުމަދު އަސްލަމް ހާޒިރުވެވަޑައިގަންނަވަން އުޒުރުވެރިވާކަމަށް ވަނީ އަންގައިފަ އެވެ.

އެ މައްސަލާގައި އަމީން އަމިއްލަފުޅަށް މަސައްކަތްތަކުން އެކަހެރިވެވަޑައިގެންފައިވާއިރު، ނިޝާމާއާއެކު އަސްލަމް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

އެކަމާ ގުޅިގެން އެ ކޮމިޓީގެ ގިނަ މެންބަރުން ވަނީ ހިތްހަމަނުޖެހުން ފާޅު ކުރައްވައިފަ އެވެ. އަދި މި މައްސަލާގައި މިނިސްޓަރާއެކު އެންމެ އިސްކޮށް ހަރަކާތްތެރިވި ދެ ބޭފުޅުން ނެތި ބައްދަލުވުން ކުރިއަށް ގެންގޮސްފިނަމަ، އިންސާފުވެރިނުވާނެ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ކުރެވޭ ސުވާލުތަކަށް ދެވޭ ޖަވާބުތަކުން ބައްދަލުވުމުގައި ނެތް ބޭފުޅުންނަށް އެޑްވާންޓޭޖެއް ލިބިގެންދާނެކަމަށް ގިނަ މެންބަރުން ވަނީ ފާހަގަކުރައްވައިފަ އެވެ.

އެގޮތުން، މި މައްސަލަ އަދި ކޯޓަށް ހުށަހަޅެފިއިވެސް ނުވާއިރު، ކޮމިޓީއަށް މައުލޫމާތު ދިނުމަށް ގާނޫނީ ހުރަހެއްނެތް ކަމަށް މެންބަރުން ވިދާޅުވި އެވެ.

އެހެންކަމުން، މެންބަރުންގެ ހުށަހެޅުމާ އެއްގޮތަށް މާދަމާގެ މެންދުރު 2:00 އަށް ކޮމިޓީއަށް ހާޒިރުވުމަށް އޮންނަ އުސޫލުގެ ތެރެއިން އެ ދެ ބޭފުޅުންނަށް އަންގަވާނެކަމަށް މުގައްރަރު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، އެ ދެ ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރުމަށް އަމުރެއް ނެރެން ނިންމި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމުން، މަޖިލީހުގެ އިދާރާއިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

މަޖިލީހުން ބުނީ އެ ދެ ބޭފުޅުން ހާޒިރު ކުރަން އަމުރެއް ނުނެރޭ ކަމަށާއި، އެ ދެ ބޭފުޅުން މާދަމާ ބާއްވާ ކޮމިޓީ ބައްދަލުވުމަށް ވަޑައިގަތުމަށް ލިޔުމުން އަންގާފައިވާ ކަމަށެވެ.

"ވަޑައިނުގެންފިނަމަ، ގަވާއިދުގައިވާ ގޮތުގެ މަތިން އަމުރެއް ނެރެން ޖެހިއްޖެ ހާލަތެއްގައި ނެރުމަށް ކޮމިޓީގައި މެންބަރުން މަޝްވަރާ ކުރެއްވި،" މަޖިލީހުގެ އިދާރާ އިން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ތިން ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކެވެ.

އެގޮތުން، އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ.

ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރެކަމެންޑުކޮށްގެން ކަން ދައްކަން ލިއެކިއުންތަކުގައި މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓުގައި ހާމަވެފައިވާއިރު، ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ.

ނަމަވެސް، ދައުލަތުން ބޮޑު ހޭދައެއް ކުރާ ގޮތަށް ދުބާއީގެ ކުންފުންޏާ އެކު އެއްބަސްވުމެއް ހެދިއިރު އެންމެ ކުޑަމިނުން އެ ކުންފުންޏަކީ މާލީ ގޮތުންނާއި ފަންނީ ގާބިލްކަން ހުރި ކުންފުންޏެއްތޯ ވެސް ހެލްތު މިނިސްޓްރީން ބަލައިފައެއް ނުވެ އެވެ. އެ ކުންފުނިން ހުށަހެޅި މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއްތޯ ވެސް ހެލްތު މިނިސްޓްރީން ބަލައިފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން މިކަމުގައި އެންމެ ބޮޑު އިހުމާލެއްއޮތީ ބިޑް ކޮމިޓީގައި ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވަނީ ވިދާޅުވެފަ އެވެ.