ހަބަރު

ވެންޓިލޭޓަރު މައްސަލަ: ގެރެންޓީ ނެތި ފައިސާ ދޫކުރުމުން ގިނަ ސުވާލުތަކެއް

ދުބާއީ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދަން އެޑްވާންސް ފައިސާ ދައްކާފައިވާއިރު، އެކަން ކޮށްފައި ވަނީ އެ ކުންފުނީގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ ޕަފޯމަންސް ގެނެރެންޓި ނެތިކަމަށްވާއިރު، އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ފިނޭންސް މިނިސްޓްރީއަށް ގިނަ ސުވާލުތަކެއް އަމާޒުކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ހެލްތު މިނިސްޓްރީން ކުރި ހަރަދުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް އެކަމަށް ހެދި ހާއްސަ އޮޑިޓު ރިޕޯޓުން ވަނީ ފާހަގަ ކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައި ވަނީ ތިން ކުންފުންޏަކާ ހަވާލު ކޮށްގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކެވެ.

އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ.

ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރެކަމެންޑު ކޮށްގެން ކަން ދައްކަން ލިއެކިއުންތަކުގައި މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުގައި ހާމަވެފައިވާއިރު، ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ.

އެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖެއަށް ކޮންމެ ބޭނުންވެފައިވާ ވެންޓިލޭޓަރުތައް ހޯދަން ހާއްސަ ހުއްދައެއް ދިނީ މާލިއްޔަތު ގާނޫނާއި ގަވައިދުގެ ތެރެއިން އެކަންކަން ކުރަން ކަމަށެވެ. އެގޮތުން، އެޑްވާންސް ފައިސާ ދެއްކެއިރު، ކުންފުނީގެ ފަރާތުން ޕަފޯމަންސް ގެރެންޓީއެއް ހޯދަންޖެހޭ ގޮތަށް މާލިއްޔަތު ގަވައިދުގައި އޮތް މާއްދާއަށް ލުޔެއް ދީފައި ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ދިން ހުއްދައެއް ދީފައި ވާނީ މާލިއްޔަތު ގާނޫނާއި ގަވައިދުގެ ތެރެއިން. ދީފައިވާ ކޮންމެ ހުއްދައެއް ވެސް ދީފައިވާނީ މާލީ ނިޒާމުގެ އަސާސްތައް ހިފަހައްޓައި، ހަމައެކަނި އެވަގުތު ކުރަން ޖެހޭ ކަމެއް ކުރުމަށް ބޭނުންވާނެ އެންމެ ކުޑަ މިންވަރަށް،" އޭނާ ވިދާޅުވި އެވެ.

އެޑްވާންސް ފައިސާ ދޫކޮށްފައި ވަނީ، ފިނޭންސް މިނިސްޓަރުގެ ހުއްދައިގެ ދަށުން ކަމަށް މާލިއްޔަތު ކޮމިޓީއަށް މީގެ ކުރިން މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމް ވިދާޅުވެފައި ވާއިރު، އެކަމާ ގުޅިގެން ގިނަ މެންބަރުންގެ ސުވާލުތައް އަމީރަށް ވަނީ އަމާޒު ކުރައްވައިފަ އެވެ.

ވެންޓިލާޓަރުތަކާ ގުޅިގެން އެގްޒެކިއުޓާސް ކުންފުންޏާއެކު ހެލްތު މިނިސްޓްރީން ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ގެރެންޓީއެއް ދޭން ނުޖެހޭކަމަށް ބަޔާން ކޮށްފައިވާ ކަމަށާއި، އެކަން އެ ގޮތަށް އޮތް އިރު އެޑްވާންސް ފައިސާ ދޫކުރީ ކީއްވެތޯ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ސުވާލު ކުރެއްވި އެވެ.

ނަމަވެސް، ގެރެންޓީއެއް ދޭން ނުޖެހޭކަމަށް އެގްރީމަންޓުގައި ބަޔާންކޮށްފައި އޮތް ކަމަށް ރިޔާޒް އިޝާރާތް ކުރެއްވި މާއްދާ އާ ގުޅޭގޮތުން މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދުނެވެ.

އެޑްވާންސް ފައިސާ އާ ގުޅޭގޮތުން ކަންހިނގާ ދިއަ ގޮތް ސާފުކޮށް ދެއްވަމުން އަމީރު ވިދާޅުވީ ފުރަތަމަ 75 ޕަސެންޓަށް ފަހު، 15 ޕަސެންޓުގެ އެޑްވާންސް ޕޭމަންޓަކަށް އަނެއްކާ ވެސް ހެލްތު މިނިސްޓްރީން އެދުމުން، އެގްޒެކިއުޓާސްއާ އެކު ވެފައިވާ އެއްބަސްވުން ހޯދައި އޭގައިވާ ޕޭމަންޓް ޝެޑިއުލަށް ރިއާޔަތްކުރި ކަމަށެވެ.

"މި އެގްރީމަންްޓުގައިވާ ގޮތުން 15 ޕަސެންޓް ދައްކަން ޖެހެނީ ވެންޓިލޭޓަރުތައް ޝިޕްމަންޓަށް ތައްޔާރުވުމުން، އެ ތަކެތި ކަންޓްރީ އޮފް އޮރިޖިން އިން ފުރުވާލުމުގެ ކުރިން. މިކަމާ ގުޅިގެން މި މާއްދާ ފަރުމާކުރެވިފައިވަނީ ހުރިހާ ވެންޓިލޭޓަރެއް އެއްފަހަރާ ޝިޕްކުރުމަށް ކަން ބެލެވޭ. ނަމަވެސް އެ ޝިޕްމަންޓުގައި ގެންނަން އުޅުނީ 10 ވެންޓިލޭޓަރުކަން މިނިސްޓްރީ އޮފް ހެލްތުން މައުލޫމާތު ލިބުނު. މިކަމާ ގުޅިގެން 15 ޕަސެންޓް ދެއްކުން އެންމެ ފަހު ޝިޕްމަންޓަށް ހެދޭތޯ އިރުޝާދު ދެވުނު،" އަމީރު ވިދާޅުވި އެވެ.

ނަމަވެސް ވެންޓިލޭޓަރު ޝިޕްކުރެވެން އަންނަނީ އެ އަދަދު ދައްކައިގެން ކަމަށް ހެލްތު މިނިސްޓްރީން ބުނެ، ވެންޓިލޭޓަރު ޝިޕްމަންޓްގެ ފޮޓޯ އާއި ވީޑިއޯވެސް ލިބިފައިވާ ކަމަށް ބުނުމުން އެ ހުއްދަ ދިނީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި މާލިއްޔަތު ގާނޫނާއި ގަވައިދުގެ ދަށުން ޕަފޯމަންސް ގެރެންޓީއާއި މާލީ އަދި ފަންނީ ގާބިލްކަން ބެލުމަކީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ އިތުރުން މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތެއްކަން އަމީރު ފާހަގަކުރެއްވި އެވެ.