ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ދެ ރިޕޯޓުގައި އެ ދެ މިނިސްޓްރީން ވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވާއިރު، އެކަން ބެލުމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތާއި ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީ ހާޒިރުކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެ ދެ ރިޕޯޓުގެ މައްްސަލައާ ގުޅިގެން މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ އެ ދެ ރިޕޯޓުގެ މައްސަލަ ވަކިވަކިން ދިރާސާ ކުރުމަށެވެ.
އެގޮތުން، ރާއްޖެ އަށް ބޭނުންވާ 149 ވެންޓިލޭޓަރު ގަތުމުގައި ތިން ކުންފުންޏަކާ ހަވާލުކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ފެންމަތިކޮށްފައިވާ އޮޑިޓާ ގުޅޭ ގޮތުން ޒިޔަތު ކޮމިޓީ އަށް ހާޒިރުކުރަން ފާސްކުރީ މާދަމާ މެންދުރުފަހު 2:00 އަށެވެ.
އޭގެ ފަހުން ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ހުށަހެޅުއްވުމަށް ވަކި ބައްދަލުވުމެއް ބާއްވާނެ ކަމަށް ކޮމިޓީ މުގައްރިރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިދު ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ހާޒިރުކުރާނީ، ދެ ރިޕޯޓް އޮޑިޓަ ޖެނެރަލް ހުށަހެޅުއްވުމުން ކަމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. ފިނޭންސް މިިނިސްޓްރީ ހާޒިރުކުރަން ނިންމީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށް، އެއްބަސްވުމުގެ އަގުގެ 90 ޕަސެންޓަށް ވާ ފައިސާ ޕާފޯމަންސް ގެރެންޓީއަކާ ނުލައި ހަވާލުކުރި މައްސަލައިގަ އެވެ.
ކޮމިޓީން ނިންމާފައިވަނީ، އޮޑިޓް އޮފީސް އަދި ފިނޭންސް މިނިސްޓްރީއާ ބައްދަލުކުރުމަށްފަހު، މާދަމާ ހެލްތް މިނިސްޓްރީއާ ވެސް ބައްދަލު ކުރުމަށެވެ.
"ހެލްތްގެ ރިޕޯޓުގެ ކަންކަން އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު، އެ ރިޕޯޓުގެ ކަންކަން ކޮމިޓީން ނިންމާފައި، ޓޫރިޒަމް ރިޕޯޓުގެ ދިރާސާ ކުރުމުގެ މަސައްކަތް ފެށޭނެ. އޭގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުވުމަށްފަހު އެ ރިޕޯޓާ މެދު ކޮމިޓީން ގޮތެއް ނިންމުމަށްފަހު ވީ އެންމެ އަވަހަށް މަޖިލީހުގެ ތަޅުމަށް ދާނެ،" ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިޒު ވިދާޅުވި އެވެ.