އަބްދުﷲ ޝާހިދު

ޝާހިދު، ބްލިންކެން އާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާގެ ސެކެޓްރިއޭޓް އޮފް ސްޓޭޓް އެންތަނީ ބްލިންކެން އާ ބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރު ޝާހިދު، ބްލިންކެންއާ ބައްދަލުކުރެއްވީ އެމެރިކާގައި ރާއްޖޭގެ އެމްބަސީ ހުޅުވުމަށް މިހާރު އެގައުމަށް ކުރައްވާ ދަތުރުފުޅުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު އާއި ބްލިންކެން ވަނީ ޑިމޮކްރަސީ ކުރިއެރުވުމާއި ހަރުދަނާކުރުމާއި ގުޅޭ ގޮތުންނާއި އިގުތިސާދު ކުރިއެރުވުމާއި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

މީގެ އިތުރުން ދިފާއީ ގޮތުން އެއްބާރުލުން ދިނުމާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ބްލިންކެން ވަނީ ޑިމޮކްރަސީ ހަރުދަނާކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް މަރުހަބާ ދަންނަވާފަ އެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށީ ހިމާޔަތްކުރަން ކުރާ މަސައްކަތް ބްލިންކެން ފާހަގަކުރެއްވި އެވެ.

ބްލިންކެންއާ ބައްދަލުކުރައްވާ މިނިސްޓަރު ޝާހިދު ވަނީ އެމެރިކާގެ ޔުނިވާސިޓީތަކުން ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކޮށްދިނުމަށާއި ވިސާ ލިބުމުގައި ދިވެހިންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އެދިވަޑައިގެންފަ އެވެ.