އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފި އެވެ. ރައީސްގެ މި ދަތުރުފުޅުގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
ނިއުޔޯކުން ރައީސަށް މަރުހަބާ ދެންނެވީ އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
އދ. ގެ އާންމު މަޖިލީހުގައި ރައީސް ސޯލިގް ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސް ތަގުރީރުކުރައްވާނީ މިމަހުގެ 21 ވަނަ ދުވަހު ބާއްވާ އާންމު މަޖިލީހުގެ ޖަލްސާގަ އެވެ. އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަހަރު ތަގުރީރު ކުރައްވާނީ ދިވެހި ބަހުންނެވެ.
އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި މިހާތަނަށް ދިވެހި ބަހުން ތަގުރީރު ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ. އެއީ 2006 ވަނަ އަހަރު އެވެ.
އާންމު މަޖިލީހުގެ ޖަލްސާގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ގޮތުން ނަމަ ރައީސް ސޯލިހް ތަގުރީރު ކުރައްވާނީ އަންނަ އަންގާރަ ދުވަހު ތިންވަނަ އަށެވެ. ރައީސް ސޯލިހުގެ ކުރިއަށް ތަގުރީރު ކުރައްވާނީ ބްރެޒިލް އަދި އެމެރިކާގެ އިސްވެރިންނެވެ.
ރައީސް އާންމު މަޖިލީހުގައި ތަގުރީރުކުރައްވާއިރު އެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާނީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެވެ.
ރައީސް ސޯލިހް އެންމެ ފުރަތަމަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެ މަޖިލީހުގައި ތަގުރީރު ނުކުރައްވާތާ ހަތް އަހަރު ފަހުން 2019 އަހަރު އިނގިރޭސި ބަހުންނެވެ. އެހެންކަމުން މިއީ އެމަނިކުފާނު އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާ ދެވަނަ އަހަރެވެ.
ރައީސްގެ މި ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާއި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ވެސް ބާއްވަވާނެ އެވެ.
ރައީސްގެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.