ހަބަރު

ސަރަހައްދުގައި ރާއްޖޭގެ މުހިއްމުކަން ވަނީ އިތުރުވެފައި: ޕޮމްޕެއޯ

Oct 28, 2020

އިންޑޯ-ޕެސިފިކް ސަަރަހަައްދުގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ މުހިއްމުކަން އަންނަނީ އިތުރުވަމުން ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.

މިއަދު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއެކު ޝެރަޓަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮމްޕެއޯ ވިދާޅުވީ ރާއްޖެ އާއި އެމެރިކާއާއެކު އޮންނަ ގާތް، ރަހުމަތްތެރި ގުޅުން މިހާރު ވަނީ ކުރިން ނުދެކޭ ފަދަ ހަރުފަތަކަށް އުފުލިފައި ކަމަށެވެ.

ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވަން ނިންމި ކަން މިއަދު އިއުލާނު ކުރައްވަމުން ޕޮމްޕެއޯ ވިދާޅުވީ އެ ނިންމެވުމަކީ ހާއްސަކޮށް އިންޑޯ-ޕެސިފިކް ސަރަހައްދުގައި ރާއްޖޭގެ މުހިއްމުކަން އިތުރުވުމުގެ ރަމްޒެއް ކަމަށެވެ.

"އިންޑޯ ޕެސިފިކްގައި އަދި ބައިނަލް އަގުވާމީ މުޖުތަމައުގައި ރާއްޖެ އަދާކުރަމުން އަންނަ ދައުރުގެ މުހިއްމުކަން އަންނަނީ އިތުރުވަމުން. އަދި އަޅުގަނޑުމެން ބޭނުންވަނީ ރަނގަޅު ބައިވެރިއެއްގެ ގޮތުގައި އޮންނަން،" ޕޮމްޕެއޯ ވިދާޅުވި އެވެެ.

ޗައިނާއާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި ޕޮމްޕެއޯ ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ވަން ބެލްޓް ވަން ރޯޑް މަޝްރޫއުގެ ދަށުން އެކި ގައުމުތަކަށް ޗައިނާއިން ބޮޑެތި އަދަދުތަކުން ދީފައިވާ ލޯނުތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި ގޮތުގައި ޗައިނާ އިން ދަނީ ސަރަހައްދީ ގައުމުތަކާއެކު މުޅި ދުނިޔޭގެ އިގުތިސޯދީ މިނިވަންކަން ގެއްލުވާލައިގެން، އެ ގައުމުތަކުގެ ސިޔާދަތަށް އަރައިގަންނަމުން ކަމަށެވެ.

އަދި އޭގެ ސަބަބުން ސަރަހައްދުގެ ސަލަމާތާއި ރައްކާތެރިކަމަށްވެސް ނުރައްކާވެފައިވާކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"އެމެރިކާ ތަފާތު. އަޅުގަނޑުމެން ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމްކުރަން. އަޅުގަނޑުމެން ބާރުއަޅަނީ ދެފުށް ފެންނަ ގޮތަށް މަަސައްކަތް ކުރަން. އަޅުގަނޑުމެން ގުޅުން ބިނާ ކުރަނީ އެކުވެރިކަމާއި ބައިވެރިވުމުގެ މައްޗަށް،" ރާއްޖެއަށް ވަޑައިގެންނެވުމުގެ އަވަށްޓެރި ސްރީލަންކާއަށް ކުރެއްވި ޒިޔާރަތުގައިވެސް ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ޕޮމްޕެއޯ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވިގެން ދިއުމަކީ ސިޔާސީ އަދި ހާރިޖީ ގުޅުމުގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ފުޅާވެގެންދާނެ ފާލަމެއް ކަމަށެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އެމެރިކާއިން އަދާކުރަމުންދާ މުހިއްމު ދައުރު ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ ދީނީ ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއާއި އެމެރިކާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.

ޕޮމްޕެއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ގިނަ ދާއިރާތަކަކުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މި ގޮތުން، ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމާއި، ބައިނަލްއަގުވާމީ މައިދާނުގައި ގުޅުން ބަދަހިކުރުން އިތުރުކުރުމާއި، ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމާއި، ސައިބާ ސެކިއުރިޓީ ވަރުގަދަކޮށް ނިރުބަވެރިކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމާއި، އިންޑޯ-ޕެސިފިކް ސަރަހައްދުގެ މިނިވަންކަން ދަމަހައްޓައި، އެ ސަރަޙައްދުގެ ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވި އެވެ.

ރާއްޖެއަށް ޒިޔާރަތްކުރައްވާފައި މި ވަނީ، އޭޝިޔާގެ ބައެއް ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރާތުގެ ދަށުންނެވެ. މިއީ، 1992 ވަނަ އަހަރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޭމްސް އެޑިސަން ބޭކާ ރާއްޖެއަށް ކުރެއްވި ޒިޔާރާތަށް ފަހު، އެ ޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު ރާއްޖެއަށް ޒިޔާރަތްކުރައްވާ ފުރަތަމަ ފަހަރެވެ.