ހަބަރު

ޑިމޮކްރަސީ ހަރުދަނާ ކުރަން ކުރާ މަސައްކަތަށް އެމެރިކާގެ ތައުރީފު

Oct 24, 2020
2

ރާއްޖޭގައި ޑިކޮމްރަސީ ހަރުދަނާ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރާ މަސައްކަތްތަކަށް އެމެރިކާ އިން ތައުރީފު ކޮށްފި އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް އާރް ޕޮމްޕެއޯ އަންނަ ބުދަ ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންގެ ޕްރިންސިޕަލް ޑެޕިޔުޓީ އެސިސްޓެންޓް ސެކްރެޓަރީ ޑީން ތޮމްޕްސަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސާސަތައް ހަރުދަނާކުރުމަށް ރައީސް ސޯލިހުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ކަމަށެވެ.

"އެތަކެއް އަހަރުތަކެއް ވަންދެން އެ މަސައްކަތުގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި އެމެރިކާ އިން އަދާކޮށްފައިވާ ދައުރާމެދު ފަހުރުވެރިވޭ. އަދި ސަރަހައްދީ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއާ ގުޅިގެން ކުރެވޭ މަސައްކަތަކީވެސް އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،" ތޮމްޕްސަން އިއްޔެ ވިދާޅުވި އެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސް ސޯލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައި ޝާހިދުއާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. މި މަޝްވަރާތަކުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި ކުރިމަގުގައި ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޕޮމްޕެއޯގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު ވަނީ މިދިޔަ އަހަރު އެމެރިކާގެ ވެރިރަށް ވޮޝިންޓަންއަށް ވަޑައިގެން ޕޮމްޕެއޯ އާ ބައްދަލުކުރައްވާފައެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ ޖުލައި، 24 1992 ގައި އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.