ހަބަރު

އެހެން ދީންތަކަށް ފުރުސަތު ނުދޭތީ އެމެރިކާގެ ކަންބޮޑުވޭ: ރިޕޯޓް

Jun 23, 2019
3

ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ނުދޭ ކަމަށް ބުނެ އެމެރިކާ ސަރުކާރުން ނެރުނު ރިޕޯޓެއްގައި ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހާ ހިއްސާކުރަން އެ ގައުމުގެ ހާރިޖިއްޔާއިން ރާއްޖޭގައި ދީނީ މިނިވަންކަން އޮންނަ މިންވަރުގެ މައްޗަށް ތައްޔާރުކުރި މިދިޔަ އަހަރުގެ ރިޕޯޓްގައި ރާއްޖޭގެ ގާނޫނޫ އަސާސީގެ އިތުރުން ގާނޫނުތަކާއި ގަވައިދުތަކުގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަ ނުދޭ ކަމަށް ފާހަގަކޮށްފައި ވެއެވެ.

އެގޮތުން އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި، ހަޖޫޖެހުމުގެ އަމަލުތަކުގައި ޖަލަށްލުމާއި ޖޫރިމަނާ ކުރުން ފަދަ އަދަބުތައް ކަނޑައަޅާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވާއިރު އިސްލާމް ދީން ހިމާޔަތް ކުރަން ސަރުކާރުން ފާޅުގައި މަސައްކަތްކޮށް އަންހެނުން ބުރުގާ އެޅުން ފަދަ ކަންކަމަށް ޕްރެޝަރު ކުރަމުންދާ ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ.

އަދި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އިތުރުން ޗުއްޓީ ހޭދަ ކުރަން އަންނަ ފަތުރުވެރިންނަށް ވެސް އިސްލާމް ދީން ނޫން އެހެން ދީނެއްގެ އެއްޗެއް ނޫނީ ފާޅުގައި އަޅުކަން ކުރުން ފަދަ ކަންކަން މަނާ ކޮށްފައިވާކަން ފާހަގަ ކޮށްފައި ވެއެވެ. އެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގައި އަމަލު ކުރަމުންދާ އިސްލާމީ ޝަރީއަތުގެ ދަށުން އަތްކެނޑުމާއި ހައްދުޖެހުމުގެ އަދަބުތައް ވެސް ހިމެނެ އެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް ހަޖޫޖެހި ކަމަށް ތުހުމަތުކުރެވޭ މީހުންނާ ފުލުހުން ސުވާލު ކުރަމުންދާއިރު، އެފަދަ މީހުންނަށް މަރުގެ އިންޒާރުތައް ވެސް އާންމުންގެ ފަރާތުން ލިބިފައިވާ ކަމަށާއި އެ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި އައިޝަތު ވެލެޒީނީގެ އިތުރުން ޝަހިންދާ އިސްމާއީލްގެ ކޭސްތައް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި އިސްލާމް ދީނާ ދެކޮޅު ވާހަކަ ދައްކާކަމަށްބުނެ، ސޯޝަލް މީޑިއާ މެދުވެރިކޮށް ހިޔާލުފާޅު ކުރަމުންދާ މީހުންނަށް ވެސް އެކި ވަރުގެ އިންޒާރުތައް ލިބެމުންދާއިރު، އެފަދަ މީހުންނަށް ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ ރައްކާތެރިކަން ދެވިފައި ނުވާ ކަމަށާއި 2017 ގައި މަރާލި ޔާމީން ރަޝީދަށް ވެސް އަދިވެސް އިންސާފު ލިބިފައިނުވާ ކަމަށް ހިމަނާފައި ވެއެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް އަމިއްލަ ޖަމިއްޔާތަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނީ، ދީނީ ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރޭ މިންވަރު އިތުރުވަމުންދާއިރު، އެ ސަގާފަތަށް ދިވެހި ސަރުކާރުން ހިތްވަރުދޭ ކަމަށެވެ.

އަދި އެ ރިޕޯޓްގައި ބުނަނީ ދިވެހި ސަރުކާރުގެ އޮފިޝަލުންނާއެކު ބާއްވާ އެކި ބައްދަލު ކުރުންތަކުގައި އެމެރިކާ ސަފީރުގެ އިތުރުން އެމްބަސީ އޮފިޝަލުން ވެސް އެހެން ދީންތަކަށް ފުރުސަތުދީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ނަހަން ބާރު އަޅާ ކަމަށެވެ.