ވޯލްޑް ކަޕް 2018

ސާބިއާ

Jun 12, 2018

ރަޝިއާގެ ވޯލްޑްކަޕަކީ، ސާބިއާގެ 12 ވަނަ ވޯލްޑްކަޕެވެ. އެއީ ކުރިން ޔޫގޮސްލޭވިއާގެ ބައެއްގެ ގޮތުގައި އޮތް އިރު ވާދަ ކުރި މުބާރާތްތައްވެސް ހިމަނައިގެންނެވެ. ފަހުން ޔޫގޮސްލޭވިއާ ރޫޅި ސާބިއާ އެންޑް މޮންޓަނީގްރޯގެ ގޮތުގައި އޮވެ ވާދަ ކުރި ދެ މުބާރާތްވެސް ހިމަނައިގެންނެވެ. ސާބިއާ އާއި މޮންޓަނީގުރޯވެސް ވަކިވެ ވަކި ގައުމެއްގެ އުފެދުނީ 2006 ވަނަ އަހަރު ވޯލްޑްކަޕު ފެށެން ކައިރިވެފައި ވަނިކޮށެވެ. އެއަހަރު ވޯލްޑްކަޕުގައި ސާބިއާ އެންޑް މޮންޓަނީގުރޯގެ ނަމުގައި ވާދަ ކުރި އެވެ. ސާބިއާ ވަކިވެ ސާބިއާގެ ނަމުގައި އެގައުމު ވޯލްޑްކަޕުގައި ވާދަ ކުރީ އެންމެ ފަހަރަކު އެވެ. އެއީ ދެކުނު އެފްރިކާ 2010 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގަ އެވެ.

ކޮލިފައިވީ ގޮތް

ކޮލިފައިންގައި ސާބިއާ ހިމެނުނީ ނިސްބަތުން ފަސޭހަ ގުރޫޕެއްގަ އެވެ. ގުރޫޕް "ޑީ" ގައި އެ ޓީމަށް ވަރުގަދަ ފައިޓެއް ދޭނެ ކަމަށް ބެލެވުނީ ޔޫރޯ 2016 ގެ ސެމީފައިނަލަށް ދަތުރު ކުރި މަޝްހޫރު ގެރެތު ބޭލް އާއި އާރޮން ރަމްސީގެ ވޭލްސްއިންނެވެ. ނަމަވެސް ވޭލްސްއަށް ލިބުނީ ތިން ވަނަ އެވެ. އެއްވަނައިގައި ސާބިއާ ކޮލިފައިވީ ދެ ޕޮއިންޓްގެ ލީޑަކާއެކު ދެ ވަނަ އަށް ދިޔަ އުތުރު އަޔަލޭންޑަށް ލިބުނީ 19 ޕޮއިންޓެވެ. ކޮލިފައިންގައި ސާބިއާ ބަލިވީ އެންމެ މެޗަކުންނެވެ. އެއީ އޮސްޓްރިއާ އަތުން 3-2 ބަލިވި މެޗެވެ. ހަ މެޗުން މޮޅުވެ، ތިން މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

މުހިންމު ކުޅުންތެރިން

ސާބިއާގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ކުރިން ޗެލްސީއަށް ކުޅުނު، މިހާރު ޒެނިޓް ޕީޓާސްބާގްގެ ޑިފެންޑަރު ބްރަނިސްލާވް އިވޮނޯވިޗް އެވެ. އޭނާ އަކީ ޓީމުގެ ކެޕްޓަން އަދި ލީޑަރެވެ. މިހާރު އުމުރުން 34 އަހަރުގެ ބުރަ މަސައްކަތާއި ލީޑާޝިޕަކީ އެހެން ކުޅުންތެރިންނަށް އޮތް ނަމޫނާ އެކެވެ. ގައުމީ ޓީމަށް އޭނާ ކުޅުނު މެޗުތަކުގެ އަދަދު މިހާރު އުޅެނީ 100 އާ ގަތުގަ އެވެ.

ސާބިއާގެ ޓީމުން ދެން އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ މެންޗެސްޓާ ޔުނައިޓަޑްގެ މިޑްފީލްޑާ ނިމެންޏާ މަޓިޗް އެވެ. ޗެލްސީގެ މިހާރުގެ ކޯޗް އެންޓޮނިއޯ ކޮންޓޭގެ ކޯޗު ކަމުގެ ދަށުން ޗެލްސީގައި އޭނާގެ ދައުރު ފެނުނީ ފަނޑު ކޮށެވެ. ޗެލްސީގައި އޭނާ އަށް ކޯޗު ކޮށްދިން ހޯސޭ މޮރީނިއޯ، މިދިޔަ ސީޒަން ފެށުމުގެ ކުރިން އޭނާ ގެންދިޔައީ މޮރީނިއޯގެ މިހާރުގެ ޓީމު މެންޗެސްޓާ ޔުނައިޓަޑަށެވެ. ޔުނައިޓަޑްގައި އޭނާގެ ދައުރު ފުޅާވި އެވެ. ކޮލިފައިންގެ ފަހު މެޗުތަކަށް އޭނާ ދިޔައީ ޔުނައިޓަޑްގައި ރަނގަޅު ކުޅުމެއް ދެއްކުމަށް ފަހު އެވެ.

ކޯޗް

ގުރޫޕް "ޑީ" ގެ އެއް ވަނައިގައި ސާބިއާ ވޯލްޑްކަޕަށް ކޮލިފައި ކޮށްދިން ނަމަވެސް ސާބިއާގެ ތަޖުރިބާކާރު ކޯޗް ސްލޮވޯލިބް މުސްލިން އަށް ޓީމާ އެކު ކުރިއަށްދާކަށް ފުރުސަތެއް ނުލިބުނެވެ. އޭނާ އާ މައްސަލަ އުފެދުނީ ސާބިއާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ސަލްވިސާ ކޮކޭޒާ އާއެވެ. މައްސަލައަކީ ޓީމު ކުޅޭ ސްޓައިލް އާއި ސްކޮޑަށް ކުޅުންތެރިން ނަގެމުގައި މުސްލިން ގެންގުޅޭ އުސޫލު އެސޯސިއޭޝަނަށް ކަމުނުދިއުމެވެ. އެސޯސިއޭޝަނުން އެންމެ ބޮޑަށް މައްސަލަ އުފެއްދީ އިޓަލީގެ ލާޒިއޯއަށް ކުޅެމުން ގެންދާ މިޑްފީލްޑާ ސާގޭ މިލަންކޯވިކް ސާވިޗް ފުރުސަތު ނުދޭތީ އެވެ. އެފްއޭ އާ ހިނގި އަރާރުމާއެކު މުސްލިންގެ ވަޒީފާ ގެއްލުނެވެ.

ވަގުތީ ކޯޗެއްގެ ގޮތުގައި ހަމަޖެއްސީ، 2006 ވަނަ އަހަރު ވޯލްޑްކަޕުގައި ސާބިއާ އެންޑް މޮންޓަނީގުރޯގެ ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު މުލާޑެން ކްރިސްޓައިޗް އެވެ. އޭނާ ޓީމާ ހަވާލުވެ، މިލަންކޯވިކް ޓީމަށް ގެނެއެވެ. ޓީމުގެ މެދުތެރޭގައި އެންމެ މުހިންމު ރޯލެއް ކްރިސްޓައިޗް ދިނީ މިލަންކޯވިކް އަށެވެ. ނޮވެމްބަރު މަހު ކުޅުނު އެކުވެރި ކަމުގެ މެޗުތަކުގައި އޭނާ ވަނީ މޮޅު ކުޅެއް ދައްކާފަ އެވެ. ދެކުނު ކޮރެއާ ދެކޮޅަށް ކުޅުނު މެޗުގައި ސާބިއާގެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސް ކޮށްދިނީ އޭނާ އެވެ. އެކުވެރި ކަމުގެ މެޗުތަކުގައި ދެއްކި ކުޅުމާއެކު ވޯލްޑްކަޕު ނިމެންދެން ކްރިސްޓައިޗް އާއެކު ކުރިއަށް ދާން ސާބިއާގެ ފެޑްރޭޝަނުން ނިންމި އެވެ.