ޖުލައި މަހު ނިމިގެން ދިޔަ ވޯލްޑްކަޕުގައި، އާޖެންޓީނާއަށް ކުރިމަތިވި ނާކާމިޔާބުން އޭނާއަށް ގިނަ ފިލާވަޅުތަކެއް ދަސްވެއްޖެ ކަަމަށް އާޖެންޓީނާގެ ކޯޗް ހޯޖޭ ސަމްޕައޮލީ ބުނެފި އެވެ.
ގުރޫޕް ސްޓޭޖު ފަހަނަ އަޅައި ދެވަނަ ބުރަށް ވެސް އާޖެންޓީނާއަށް، ދެވުނީ އުނދަގޫ ހާލަތެއްގެ ތެރެއިންނެވެ. ދެވަނަ ބުރުން އެ ޓީމު ކެޓީ ފްރާންސް އަތުން ބަލިވުމުންނެވެ.
އާޖެންޓީނާ ބަލިކޮށް، ޗިލީއަށް 2015 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ހޯދައިދިން ސަމްޕައޮލީއަށް ވޯލްޑްކަޕުގެ ތެރޭގައި ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ. ގިނަ ބަޔަކު ފާހަގަ ކުރީ އޭނާގެ ޓެކްޓިކްސް އާއި ގޭމް ޕްލޭން އާޖެންޓީނާއަށް ނުފުދޭ ކަމަށެވެ.
އޭނާ ބުނީ، އާޖެންޓީނާގެ ކޯޗު ކަމާ އޭނާ ހަވާލުވީ، އާޖެންޓީނާގެ ފުޓްބޯޅައިގެ 95 ޕަސަންޓް މީހުންގެ އެދުމުގެ މަތިން ކަމަށާއި، ނާކާމިޔާބު ވުމުން އެހާބޮޑަށް ފާޑު ކިޔުން އަމާޒު ވާނެ ކަމަށް ހީ ނުކުރާ ކަމަށެވެ. ނަމަވެސް ފުޓްބޯޅައިގެ ހަގީގަތަކީ އެންމެ މޮޅު ކުޅުންތެރިޔާ ހިމަނައިގެން ނާކާމިޔާބާ ކުރިމަތިލާން ޖެހޭނަމަ އިންތިހާއަށް ޕްރެޝަރު ކުރިމަތި ލާން ޖެހުމެވެ.
"އަހަރެން ގަބޫލު ކުރަނީ ޓީމުގެ ސްކޮޑުގައި ހިމެނުނު ހުރިހާ އެންމެންވެސް 100 ޕަސަންޓް ދިން، ޓީމަށް އަހަރެމެން ދާ އޮހޮރުވާލުމުގައި އަހަރެމެން އެންމެންތިބީ އިހްލާސް ތެރި ކަމާއެކު،" ވޯލްޑްކަޕަށް ފަހު ވަޒީފާ ގެއްލުނު ފަހުން ފުރަތަމަ ފަހަރަށް މިޑީއާ ވާހަކަ ދައްކަމުން، ސްޕެއިންގެ ކުޅިވަރު ނޫސް 'މާކާ' އަށް ދިން އިންޓަވިއުގައި ސަމްޕައޮލީ ބުންޏެވެ.
"އަހަރެންގެ މުޅި ނަފުސު އެކަމަށް ހޭދަ ކުރިން، އަހަރެންގެ މުޅި ޕެޝަން އެކަމަށް ގުރުބާން ކުރިން، ނަމަވެސް އެކަންކަން އެކަނި ނުފުދުނު، އަހަންނަކަށް ހީނުވޭ އެހެން ގޮތަކަށް އަހަރެން ކުރިމަތިލާން ޖެހޭނެ ހެނެއް، އެނާކާމިޔާބުން އަހަންނަށް ގިނަ ފިލާވަޅުތަކެއް ދަސްވެއްޖެ."
އޭނާ ބުނީ ނާކާމިޔާބާ ބެހޭގޮތުން ވާހަކަ ދައްކަން ވަގުތު ނެގީ، އެކަންކަން އެނަލައިސް ކުރުމަށް ކަމަށެވެ. އެ މުއްދަތުގައި ވެސް އޭނާ ފުޓްބޯޅައާ ދުރަށް ނުދާ ކަމަށެވެ.