ވޯލްޑްކަޕު ގުރޫޕް "ޑީ" ގައި އާޖެންޓީނާ އާ ދެކޮޅަށް ނިކުންނަ މެޗަކީ ވޯލްޑްކަޕުގައި ވާދަ ކުރާ އެންމެ ކުޑަ ގައުމު އައިސްލެންޑްގެ ފުޓްބޯޅަ ތާރީހްގައި އެ ގައުމު ކުރިމަތިލާ އެންމެ ބޮޑު މެޗުކަމަށް އައިސްލެންޑްގެ ކޯޗް ހާމިއޭ ހޯލްގްރިމްސަން ބުނެފި އެވެ.
ރާއްޖޭގެ އާބާދީއަށް ވުރެ ކުޑަ އާބަދީއެއް ހިމެނޭ އައިސްލެންޑަކީ، 88 އަހަރުވީ ވޯލްޑްކަޕުގެ ތާރީހްގައި ވާދަ ކުރާ އެންމެ ކުޑަ ގައުމެވެ. މިފަހަރު މުޅިން އަލަށް ވޯލްޑްކަޕަށް ކޮލިފައިވި، އިއިސްލެންޑްގެ ފުރަތަމަ މެޗުގައި އެ ޓީމު ވާދަ ކުރަން ޖެހެނީ، ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރަށް ހޯދި އަދި އެ ޓީމުގައި ދުނިޔޭގެ އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ބުނާ ލިއޮނަލް މެސީގެ ވަރުގަދަ އާޖެންޓީނާ އާ ދެކޮޅަށެވެ.
މީގެ ދެ އަހަރު ކުރިން، ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަކީ އައިސްލެންޑްގެ ފުރަތަމަ ބޮޑު މުބާރާތެވެ. ޕޯޗްގަލް އާ އެއްވަރުކޮށް، ދެ ވަނަ ބުރަށް ދަތުރު ކުރި އެވެ. ދެވަނަ ބުރުން ކްއާޓާ ފައިނަލަށް ދަތުރު ކުރީ ވަރުގަދަ އިންގްލެންޑް ކަޓުވާލުމަށް ފަހު އެވެ.
ޔޫރޯގައި، ސްވިޒަލޭންޑްގެ ލާސް ލާގާބެކް އާއެކު ޖޮއިންޓް ހެޑް ކޯޗުކަން ކުރި، ހޯލްގްރިމްސަން ބުނީ ޔޫރޯއަށް ތައްޔާރުވި ވަރަށް ވުރެ މާބޮޑަށް ވޯލްޑްކަޕަށް އައިސްލެންޑް އައީ ތައްޔާރު ވެގެން ކަމަށެވެ.
މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ވަރުގަދަ އާޖެންޓީނާ އާ އެއް ގުރޫޕެއްގައި ހިމެނޭ އައިސްލެންޑްގެ ޓާގެޓަކީ އެންމެ ކުޑަ މިނުން ގުރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމެވެ.
"އަހަރެމެން އަމާޒަކީ ގުރޫޕް ސްޓޭޖު ފަހަނަ އަޅައި ދިއުން،" ސްޕާޓަކް މޮސްކޯގެ ސްޓޭޑިއަމްގައި މިއަދު ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ހޯލްގްރިމްސަން ބުންޏެވެ. "އެކަން ކުރާ ކަމަށް ވަންޏާ އަހަރެމެން ޖެހޭ ވަރަށް ރަނގަޅު ދެ ޓީމު ފަހަތައް ޖައްސާލަން، އެއަށްފަހު އެއްވެސް ބައެއް ދެކެ ޖެހިލުންވާކަށް އަހަރެމެންނަކާ ނުޖެހޭ."
އޭނާ ބުނީ، ޔޫރޯގައި އައިސްލެންޑް ހޯދި ކާމިޔާބަކީ ހަމަ ނަސީބަކުން ވީ ކަމެއް ނޫން ކަމަށާއި އެއީ ބުރަށް މަސައްކަތް ކަމަށެވެ.
އާޖެންޓީނާ ލައްވާލީ ނިސްބަތުން ފަސޭހަ ގޫރޫޕެއްގަ އެވެ. އައިސްލެންޑްގެ އިތުރުން ނައިޖީރި އާއި ކޮރޭޝިއާ އެވެ. އެ ދެމެޗަށް ވުރެ އާޖެންޓީނާ ޓީމަށްވެސް އެންމެ އުނދަގޫ މެޗަކީ އައިސްލެންޑް ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ.
"އަހަރެން ބުނާނީ އަހަރެމެން ޖެހޭނޭ އެންމެ ކުޑަ މިނުން ވޯލްޑްކަޕުގެ ގަދަ ހަތަރަކަށް ދަތުރު ކުރަން،" އާޖެންޓީނާ ޓީމުގެ ޖެނަރަލް ނެނޭޖަރު ހޯޖޭ ބުރުޗަގާ ފީފާގެ ވެބްސައިޓްގައި ބުނެފައި ވެއެވެ. "ހޮނިހިރު ދުވަހު [މިއަދު] އައިސްލެންޑާ ދެކޮޅަށް މިއޮއް މެޗަކީ އެންމެ އުނދަގޫ މެޗު އައީ އަބަދުވެސް އެންމެ ފުރަތަމަ މެޗު ވަރަށް އުނދަގޫ ވާނެ."
އާޖެންޓީނާ އާއި އައިސްލެންޑް މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން ހަވީރު 6:00 ގަ އެވެ.