ކުޅިވަރު

އާޖެންޓީނާއަށް ބިރެއް، ކޮރޭޝިއާއިން ނެރެނީ ބެންޗް ޓީމް

ގުްރޫޕް ފަހު މެޗުގައި، އައިސްލެންޑާ ދެކޮޅަށް، ކޮރޭޝިއާއިން ފަސޭހަ ޓީމެއް ނެރޭތީ އާޖެންޓީނާ އާއި ނައިޖީރިއާއިން ޝަކުވާ ކުރުމުން، ކޮރޭޝިއާއިން އެ ކަމަށް ބީރު ކަންފަތެއް ދީފި އެވެ.

އެންމެ ފަހު މެޗުގައި ކޮރޭޝިއާގެ މުހިންމު ކުޅުންތެރިންނަށް ރީނދޫ ކާޑު ދައްކާފައި ވުމުން އައިސްލެންޑާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ކޮރޭޝިއާއިން ނިންމާފައި އޮތީ ފަސޭހަ ޓީމެއް ނެރޭ ގޮތަށެވެ.

މިރޭ ގެ މެޗުން، ޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ، އީވާން ރަކިޓިޗް އާއި މާރިއޯ މަންޒޫކިޗަށް ފުރުސަތު ދޭނެ ކަމަކަށް ނުބެލެވެ އެވެ. އެ ކުޅުންތެރިންނަށް ވަނީ ކުރީ މެޗުގައި ރީނދޫ ކާޑު ދައްކާފަ އެވެ.

ކޮރޭޝިއާގެ ކޯޗް ޒްލަޓަކޯ ޑަލިޗް ބުނީ، ބުރަށް ގޮސްފައި އޮތް ނަމަވެސް ކުރިން ދެމެޗަށް ތައްޔާރުވީ ގޮތަށް އޭނާގެ ޓީމުން ތައްޔާރު ވާނެ ކަމަށެވެ.

"އަހަރެމެން މިތަނަށް އައީ މޮޅުވާން، ބަލިވާކަށް ނޫން، އަދި އަހަރެމެން މި އައީ ތާވަލުގެ އެއް ވަނަ ހޯދަން،" ޑަލިޗް ބުންޏެވެ. "އެހެން ޓީމުތައް ދައްކާ ވާހަކަތަކާމެދު އަހަރެން އަޅައެއް ނުލަން، އަހަރެމެން މި ކުރަނީ އަހަރެމެންގެ މަސައްކަތް، ކޮމެންޓް ކުރުން އެއީ އެ މީހުންގެ މަސައްކަތް."

މިރޭ އާޖެންޓީނާ އާއި ނައިޖީރިއާ ކުޅޭ މެޗުން، ނައިޖީރީ މޮޅު ވެއްޖެނަމަ އެ ޓީމު ދެ ވަނަ ބުރަށް ދާނެ އެވެ. އާޖެންޓީނާ މޮޅު ވެއްޖެނަމަ، އެޓީމަށް އިންތިޒާރު ކުރަން ޖެހޭނީ ކޮރޭޝިއާ އާއި އައިސްލެންޑް މެޗަށެވެ. އައިސްލެންޑް މޮޅުވެ އާޖެންޓީނާ އަށް ވުރެ ލަނޑުގެ ތަފާތު ކުރި ލިބޭނަމަ އައިސްލެންޑަށް ދެ ވަނަ ބުރު ލިބޭނެ އެވެ.