ކުޅިވަރު

މޮޅުވާން ލިބުނު ފުރުސަތު މެސީ ބޭކާރު ކޮށްލައިފި

އާޖެންޓީނާ އަށް ލިބުނު ޕެނަލްޓީ ކެޕްޓަން ލިއޮނަލް މެސީއަށް ކާމިޔާބު ނުކުރެވުމުން، ވޯލްޑްކަޕުގައި މުޅިން އަލަށް ވާދަ ކުރާ އައިސްލެންޑް އަތުން އާޖެންޓީނާ 1-1 ން އެއްވަރު ވެއްޖެ އެވެ.

ވަރުގަދަ އާޖެންޓީނާއާ ދެކޮޅަށް އައިސްލެންޑް ޓީމު ކުޅުނީ، މުޅި ޓީމު އެކުގައި ޑިފެންސް ބައްދާލައިގެނެވެ. ނަމަވެސް މެޗުގައި ލަނޑު ޖަހަން ލިބުނު އެންމެ ފުރަތަމަ ފަހި ފުރުސަތު ތަނަވަސް ކުރީ އައިސްލެންޑުންނެވެ.

މެޗުގެ އަށް ވަނަ މިނެޓްގައި ކައުންޓަ އެޓޭކުގައ އެޓީމުން އުފެއްދި ފުރުސަތުގައި ބަނާސަން ފޮނުވާލި ބޯޅަ ދިޔައީ އާޖެންޓީނާގެ ގޯލް ދަނޑި ކައިރިން ލާފަ އެވެ.

އައިސްލެންޑް ހާފުގެ ތެރޭގައި މުޅިހެން ކުޅެމުން ދިޔަ، އާޖެންޓީނާއަށް މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސާޖިއޯ ކުން އަގުއޭރޯ އެވެ.

އާޖެންޓީނާ ލީޑް ނެގުމަށް ފަހު، އެ ޓީމަށް ހަމަޖެހިލައިގެން އޮވެވުނީ ހަތަރު މިނެޓެއް ހާއިރު އެވެ. މެޗުގެ 23 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަލްފްރެޑް ފިންބޮގަސަން އެވެ.

ދެ ވަނަ ހާފުގައި ތަރިއަކަށްވީ، އައިސްލެންޑްގެ ކީޕަރު ހޯލްޑްސަން އެވެ. އާޖެންޓީނާއިން ފޮނުވާލި ނުރައްކާތެރިން ދެ ތިން ބޯޅައެއް އޭނާ ވަނީ ދިފާއު ކޮށްފަ އެވެ. އޭނާގެ އެންމެ ހާއްސަ ސޭވްއަކީ، މެޗުގެ 64 ވަނަ މިނެޓްގައި މެސީ ފޮނުވާލި ޕެނަލްޓީ ދިފާއު ކުރުމެވެ.

މެޗުގެ 90 ވަނަ މިނެޓްގައި އާޖެންޓީނާ ފޮނުވާލި ބޯޅަ ވެސް އޭނާ ވަނީ ދިފާއު ކޮށްފަ އެވެ. މެޗުގެ 94 ވަނަ މިނެޓްގައި މެސީ ފޮނުވާލި ބާރު ބޯޅަ ދިޔައި ގޯލްގެ އަރިމަތިން ބޭރަށެވެ. މެޗުގެ އެންމެ ފަހު މިނެޓްގައި ލިބުނު ހިލޭ ޖެހުން މެސީ ފޮނުވާލުމުން ހުރަސް އެޅީ ފާރެއްހެން އެތުރިގެން ތިބި އައިސްލެންޑްގެ ކުޅުންތެރިންނެވެ.