ގުރޫޕް "ޑީ" ގައި މިރޭ އާޖެންޓީނާ އާއި ކޮރޭޝިއާ ބައްދަލު ކުރާ މެޗުގައި އެންމެ ބޮޑު ޕްރެޝަރެއް އޮންނާނީ އާޖެންޓީނާ އާއި ކެޕްޓަން ލިއޮނަލް މެސީއަށް ކަމަށް ކޮރޭޝިއާގެ ކޯޗް ޒަލިކޯ ޑަލިޗް ބުނެފި އެވެ.
ޑަލިޗް ބުނީ ގުރޫޕް ސްޓޭޖުގައި ކޮރޭޝިއާ އަށް އެންމެ ފަސޭހަ މެޗަކަށް ވާނީ އާޖެންޓީނާ މެޗު ކަމަށާއި، އެއީ އާޖެންޓިނާ އަތުން ބަލިވިޔަސް ކޮރޭޝިއާއަށް ގެއްލޭނެ އެއްޗެއް ނެތުމުން ކަމަށެވެ.
"އަހަރެން ނުބުނަން އާޖެންޓީނާ އަކީ އެންމެ ފަސޭހަ ޓީމު ކަމަކަށް، އަހަރެން މި ބުނަނީ މި މެޗަކީ އަހަރެމެންނަށް އެންމެ ފަސޭހަ މެޗޭ،" ނައިޖީރިއާ އަތުން މޮޅުވެ ލިބުނު އިތުބާރާއެކު ޑަލިޗް ބުންޏެވެ. "އަހަރެމެން އަތުން ގެއްލޭނެ އެއްޗެއް ނެތް އަހަރެމެން މި ކުޅެނީ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް."
ޑަލިޗް ބުނީ އާޖެންޓީނާ އަތުން ކޮރޭޝިއާ މޮޅު ވާނެ ކަމަށް އެއްވެސް މީހަކު ހީނުކުރާނެ ކަމަށާއި، މެޗުގައި އެންމެންގެ ފޭވަރިޓަކީ އާޖެންޓީނާ ކަމަށެވެ. އެހެންވެ އެ ޕްރެޝަރުވެސް އާޖެންޓީނާއަށް އޮންނާނެ ކަމަށް ޑަލިޗް ބުންޏެވެ.
އޭނާ ބުނީ އައިސްލެންޑް އަތުން އާޖެންޓީނާ އެއްވަރު ވުމުން، އާޖެންޓީނާ މެޗަށް ނިކުންނަނީ ވަރަށް ބޮޑަށް މޮޅަކަށް ބޭނުންވެގެން ކަމަށެވެ. މެޗުގައި ލަނޑު ނުޖެހޭ ކޮންމެ ވަގުތަކީ އެ ޓީމަށް ކުރިމަތިވާނެ ޕްރެޝަރެއް ކަމަށް ޑަލިޗް ބުންޏެވެ.
"ޝައްކެއްވެސް ނެތް ލިއޮނަލް މެސީ އަކީ ދުނިޔޭގެ އެންމެ މުޅު ކުޅުންތެރިޔާ، އޭނާ ޓީމުގައި ހުރެފައި މޯލު ނުވާނަމަ އެ ޓީމަށް ވަރަށް އުނދަގޫ ވާނެ."
މެސީ އަށް އާޖެންޓީނާގެ ސަޕޯޓަރުންގެ ފަރާތުންވެސް އޮތް ފާޑު ކިޔުންތައް އަދި މާ ބޮޑެވެ. އެ ފާޑު ކިޔުންތަކަށް ޖަވާބު ދެމުން އާޖެންޓީނާގެ ކޯޗް ހޯޖޭ ސަމްޕައޮލީ ބުނީ އާޖެންޓީނާ ޓީމަށް ދިމާވާ ހުރިހާ ކަމަކާ މެދު މެސީ އެކަނި ޒިންމާވާން ނުޖެހޭނެ ކަމަށެވެ.
"އާޖެންޓީނާގެ ޖޯޒީގައި ލަނޑު ޖަހައިފިނަމަ ހުރިހާ ޝުކުރެއް ހައްގު ކުރަނީ މުޅި ޓީމަށް، ނަމަވެސް އާޖެންޓީނާ ބަލި ވާނަމަ ހުރިހާ ކަމެއް ލިއޯ [މެސީ] ގެ ބޮލަށް، މިއީކީ އިންސާފެއް ނޫން."
އޭނާ ބުނީ، މެޗުގެ ނަތީޖާއަށް ބަދަލު ގެންނަނީ އެންމެ ކުޅުންތެރިޔެއްގެ މަސައްކަތުން ނޫން ކަމަށާއި އެހެންވިއިރު މެޗުން ބަލިވާއިރުވެސް އެންމެ މީހެކު ޒިންމާ ނަގަން ނުޖެހޭނެ ކަމަށެވެ.