ވަރުގަދަ އާޖެންޓީނާގެ މައްޗަށް 3-0 ގެ ނަތީޖާއަކު ކާމިޔާބު ހޯދައި ކޮރޭޝިއާ ދެ ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.
މެޗުގައި ތަރިއަކަށް ވާނެ ކަމަށް ބެލެވުނު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކުޅުން މެޗުގައި ފެނުނީ ވަރަށް ދަށް ކޮށެވެ. ކޮރޭޝިއާގެ ލަނޑުތައް ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ އެންްޓޭ ރަބިޗް އާއި ކެޕްޓަން ލުކަ މޮޑްރިޗް އަދި އިވާން ރަކިޓިޗް އެވެ.
ފުރަތަމަ ހާފުގައި، ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ގޭމް އެއްވަރެއްގައި ހިފަހައްޓައިގެން ކުޅުނު މަންޒަރެވެ. ނަމަވެސް ފުރަތަމަ ހާފުގައި އާޖެންޓީނާ އިން ވަނީ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ.
ކޮރޭޝިއާގެ އޭރިއާގެ ތެރެއިން، އެ ޓީމުގެ ޑިފެންޑަރަކު، ކީޕަރު ޑެނިއަލް ޝްބަޝިޗަށް ދޭން އުޅުނު ބޯޅައަށް، ޝްބަޝިޗަށް ރަނގަޅަށް ބޯޅައަށް ނޭރި އުޅެނިކޮށް ބޯޅަ ލިބުނީ އާޖެންޓިނާގެ މެކްސިމިލިއާނޯ މެޒާ އަށެވެ. އޭނާ އަށް ބޯޅަ ލިބުނު އިރު ކީޕަރު ޑެނިއަލް ޝްބަޝިޗަށް ހުރެވުނީ އެންމެ ރަނގަޅު ތަނުގައެއް ނޫނެވެ. އެހެންވެ މެޒާއަށް އޮތީ ބޯޅަ ފޮނުވާލަން ހުސްކޮށް އޮތް ގޯލެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ކޮރޭޝިއާގެ މާރިއޯ މަންޒޫކިޗަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އެންޓޭ ރަބިޗް ނަގައިދިން ބޯޅަ މަންޒޫކިޗަށް ބޮލުން ޖަހަން ލިބުނު ފުރުސަތުގައި އޭނާ އަށް ބޮލުން ރަނގަޅަށް ފޮނުވާ ނުލެވުމުން އެ ބޯޅަ ދިޔައީ ބޭރަށެވެ.
ދެ ވަނަ ހާފުގައި، އާޖެންޓީނާއަށް އެއްގޮތަކަށްވެސް ކުޅުން ދައްކާ ނުލެވުނެވެ. އެއާހިލާފަށް ކޮރޭޝިއާ ވަނީ ޑިފެންސްކޮށް އެއްވަރެއްގައި އެޓޭކްވެސް ކޮށްފަ އެވެ. ކޮރޭޝިއާގެ ފުރަތަމަ ލަނޑު މެޗުގެ 53 ވަނަ މިނެޓްގައި. އެންޓޭ ރަބިޗް ކާމިޔާބު ކުރީ އާޖެންޓިނާގެ ކީޕަރު ވިލިއަމް ކަބެއްޔޭރޯއަށް ހެދުނު ބޮޑު މިސްޓޭކަކުން ނެވެ. އާޖެންޓިނާގެ ޑިފެންސުން ފަހަތަށް ދިން ބޯޅަ އޭނާ އަށް ރަނގަޅަށް ފޮނުވާ ނުލެވުމުން އެ ބޯޅަ އެރީ މައްޗަށެވެ. ރަބިޗް އެ ބޯޅަ ގޯލަށް ފޮނުވާލީ ވައިގެ ތެރޭގައި އޮއްވައި، ވެއްޓިގެންފައި ކަހަލަ ގޮތަކަށެވެ.
އެ ލަނޑަށް ފަހު އާޖެންޓީނާ ވަރަށް އަވަހަށް ދެ ބަދަލު ގެނެ އެވެ. އަގުއޭރޯގެ ބަދަލުގައި ގޮންޒާލޯ ހިގުއަން ކުޅެން ނެރުނެވެ. އެވެ. ޕެރޭޒްގެ ބަދަލުގައި ޕައުލޯ ޑިބާލާ ކުޅެން އެރި އެވެ. ނަމަވެސް އެ ބަދަލު ތަކުން އާޖެންޓީނާ އަށް ކުރި އެރުމެއް ނުލިބުނެވެ. ކެޕްޓަން ލިއޮނަލް މެސީގެ ފަރާތުންވެސް ފެނުނީ ދަށް ކުޅުމެކެވެ.
ކޮރޭޝިއާގެ ދެ ވަނަ ލަނޑު ކެޕްޓަން ލުކަ މޮޑްރިޗް ކާމިޔާބު ކުރީ މެޗުގެ 80 ވަނަ މިނެޓްގަ އެވެ. އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބޯޅަ ވައްދާލީ ގޯލްގެ ކަނަށެވެ. އެ ބޮޅަ ދިފާއު ކުރަން އާޖެންޓިނާގެ ކީޕަރު ޑައިވް ކުރި ނަމަވެސް އޭނާ އަތުގައި ބޯޅަ ލައްވައެއް ނުލި އެވެ.
ކޮރޭޝިއާގެ ތިން ވަނަ ލަނޑަކީ ވެސް އާޖެންޓީނާގެ ޑިފެންސާއި ކީޕަރަށް ހެދުނު މިސްޓޭކެއްގައި ތަނަވަސްވި ބޯޅަ އަކުން ލިބުނު ފުރުސަތެއްގައި އީވާން ރަކިޓިޗް ކާމިޔާބު ކުރި ލަނޑެކެވެ. ކީޕަރު ބޯޅައަށް އެރި ނަމަވެސް އޭނާަގެ އަތުގައި ބޯޅައެއް ނުޖެހުނެވެ. އެހެންވެ ގޯލް އޮތީ ހުސްކޮށެވެ. މަޓާއޯ ކޮވަސިޗް ބޯޅަ ދިނީ ގޯލް ކުރިމަތީގައި ހުހަށް ހުރި ރަކިޓިޗް އަށެވެ. ރަކިޓިޗް ވަނީ ފަސޭހަ ކަމަޢެކު އެ ބޮޅަ ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.