ކުޅިވަރު

މޮޅު ކުޅުންތެރިޔާގެ އެވޯޑް މޮޑްރިޗަށް

ފީފާގެ 21 ވަނަ ވޯލްޑްކަޕުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މުބާރާތުގެ ފައިނަލަށް ދިޔަ ކްރޮއޭޝިއާގެ ކެޕްޓަން ލުކަ މޮޑްރިޗް ހޯދައިފި އެވެ.

މުބާރާތުގެ ފައިނަލަށް، ކްރޮއޭޝިއާ ގެންގޮސް ދިނުމުގައި މޮޑްރިޗް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ޓީމުގެ މެދުތެރޭގައި ހުރެގެން މިޑްފީލްޑަރުގެ ދައުރު އަދާ ކުރަމުން އޭނާ ލީޑާޝިޕްވެސް މުހިންމު ދައުރެއް ކްރޮއޭޝިއާގެ ދަތުރުގައި އަދާ ކުރި އެވެ.

މިއީ މޮޑްރިޗް،32 ފަހު ވޯލްޑްކަޕު ކަމަށް، މުބާރާތުގެ ތެރޭގައި އިއުލާން ކުރި އެވެ. އޭނާގެ އެންމެ ފަހު ވޯލްޑްކަޕު ނިންމާލީ ކްރޮއޭޝިއާގެ ތާރީހްގައި ހޯދި އެންމެ ބޮޑު ކާމިޔާބާ ހަމަޔަށް އެ ޓީމުގެ ގެންގޮސް ދިނުމަށް ފަހު އެވެ.

މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދީ، ފްރާންސްގެ ކާމިޔާބު ގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ކިލިޔަން އެމްބާޕޭ އެވެ. އޭނާ ވަނީ މުބާރާތުގައި ފްރާންސަށް މުހިންމު މެޗު ތަކުގައި ލަނޑު ޖަހައި ދީފަ އެވެ.

ފައިނަލުގައި، ކްރޮއޭޝިއާ ކޮޅަށް ލަނޑު ޖެހުމުން އޭނާ ވެފައި ވަނީ، ދުނިޔޭގެ އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ، ބްރެޒިލްގެ ޕެލޭގެ ފަހުން ފައިނަލުގައި ލަނޑު ޖެހި ފުރާވަރު އުމުރުގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދީ، ތިން ވަނަ މަގާމު ހޯދި ބެލްޖިއަމްގެ ޓިބޯޓް ކޯޓްއާ އެވެ. އެނާ ކޮޅަށް ވަދެ ފައި ވަނީ ހަ ލަނޑެވެ. މުބާރާތުގެ މުހިންމު ސޭވްތަކެއް ކުރި، ކޯޓްއާގެ އެންމެ ހާއްސަ މެޗަކީ ދެ ވަނަ ބުރުގައި ޖަޕާނާ ދެކޮޅަށް ކުޅުނު މެޗެވެ.

މެޗުގެ އެންމެ ފަހު ވަގުތުގައި، ޖަޕާނުން ނެގި ކޯނަރު ސޭވް ކުރުމަށް ފަހު، އޭނާ ވަނީ ވަރަށް އަވަހަށް ކުރިއަށް ބޯޅަ ދީފަ އެވެ. ބެލްޖިއަމް އެ މެޗުން މޮޅުވީ ކޯޓްއާ އަވަހަށް ދިން އެ ބޯޅައަށް ބެލްޖިއަ،މްގެ ކުޅުންތެރިން ހުށިޔާރު ވުމުންނެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލްޖަހައިގެން ރަންބޫޓްގެ އެވޯޑް ހޯދީ، އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އެވެ. އޭނާ ވަނީ މުބާރާތުގައި ހަ ލަނޑު ޖާހަފަ އެވެ.