މިފަހަރުގެ ވޯލްޑްކަޕަކީ، ކޮރޭޝިއާގެ ކެޕްޓަން ލުކަ މޮޑްރިޗްގެ ފަހު ވޯލްޑްކަޕު ކަމަށާއި، ވޯލްޑްކަޕު ކެރިއާ ނިންމާލުމުގެ ކުރިން ފޮނި ކާމިޔާބެއް ހޯދަން ބޭނުންވާ ކަމަށް ކޮރޭޝިއާގެ ގައުމީ ކޯޗް ޒަލްޓަކޯ ޑަލިޗް ބުނެފި އެވެ.
މޮޑްރިޗް ދަނީ، ކޮރޭޝިއާގެ މެދު ތެރޭގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މުބާރާތުގައި އޭނާ ދެއްކި ކުޅުމާއެކު ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުމުގެ ފުރުސަތު އޭނާއަށް ވަރަށް ބޮޑެވެ.
"ކުލަބު ކެރިއާގައި ކުޅުންތެރިޔަކު ހޯދާނެ ހުރިހާ ކާމިޔާބެއް މޮޑްރިޗް ހޯދައިފި، މިއީ އޭނާގެ ފަހު ވޯލްޑްކަޕަށް ވާއިރު މިހާރުވެސް މުބާރާތުގެ އެންމެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ކޮރޭޝިއާ ހިމެނުމަކީ އަހަރެމެންނަށް ލިބިފައި އޮތް ވަރަށް ބޮޑު ހިތްހަމަޖެހުމެއް." ޑަލިޗް ބުންޏެވެ.
އޭނާ ބުނީ، ކޮރޭޝިއާގެ މިހާރުގެ ޖީލުގެ ކުޅުންތެރިން ޔޫރަޕްގެ ބޮޑެތި ކުލަބުތަކުގައި ކުޅެމުންދާއިރު، ވޯލްޑްކަޕުގެ މިހާ ހިިސާބަށްވެސް ދެވިފައި ނެތުމަކީ، މިހާރުގެ ޖީލްގެ އަސްލު ފެންވަރާ މެދު ގިނަ ބަޔަކު ސަމާލުކަން ނުދޭ ސަބަބެއް ކަމަށެވެ.
ދެ ވަނަ ސެމީ ފައިނަލުގައި މިރޭ އިންގްލެންޑާ ދެކޮޅަށް ކޮރޭޝިއާ ނިކުންނަ މެޗަކީ، ކޮރޭޝިއާގެ ވޯލްޑްކަޕު ހަޔާތުގައި އެ ގައުމުން ކުޅޭ ދެ ވަނަ ސެމީ ފައިނަލު މެޗެވެ. ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕަކީ ކޮރޭޝިއާގެ ފުރަތަމަ ވޯލްޑްކަޕެވެ. އެފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް އެޓީމު ދަތުރު ކުރި އެވެ.
"އިންގްލެންޑްގެ ގޭމް އަހަރެމެން ވަރަށް ރަނގަޅަށް އެނަލައިސް ކޮށްފިން، އަހަރެމެންނަށް އެނގޭ އަހަރެމެންނަށް އެންމެ ނުރައްކާ އަންނާނެ ދިމާތައް، އައިސްލެންޑަށް ފަހު ޑެންމާކާއި ރަޝިއާ މެޗު ވީ އަހަރެމެންނަށް ވަރަށް ތަފާތު މެޗަކަށް، (މިރޭ) އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ އަނެއްކާވެސް ތަފާތު މެޗަކަށް، އަހަރެމެން ޖެހޭނެ ވަރަށް ބޮޑަށް ސަމާލުވެގެން ތިބެން ކޯނަރު ތަކަށާއި ހިލޭ ޖެހުންތަކަށް."
ކޮރޭޝިއާއަށް ދިމާވާނެ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ޑަލިޗް ފާހަގަ ކުރީ ކުޅުންތެރިންނަށް ކުރިމަތިވެފައިވާ ވަރުބަލި ކަމެވެ.