ކުޅިވަރު

ޖަލު އަދަބުން ސަލާމަތްވާން މޮޑްރިޗަށް ފުރުސަތެއް

ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބުން 2008 ވަނަ އަހަރު، ޓޮޓެންހަމްއަށް ލުކަ މޮޑްރިޗް ބަދަލުވުމުން، ޓޮޓެންހަމްއިން ދިން ޓްރާންސްފާގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވުމުން ޒަގްރަބުގެ އޭރުގެ އެގްޒެކެޓިވް މެންބަރު ޒިޑްރާވްކޯ މަމިޗް ހަތް އަހަރަށް ޖަލަށް ލާން ހުކުމު ކުރީ މިދިޔަ މަހު އެވެ.

ހިޔާނާތުގައި، މޮޑްރިޗް ބައިވެރިއެއް ނުވެ އެވެ. އޭނާގެ މައްޗަށް ކުރެވުނީ އެހެން ތުހުމަތެކެވެ. އެއީ ދެ ފަހަރު ދެ ގޮތަށް ހެކިބަސް ދީފައިވުމުން، ދޮގު ހެކިބަސް ދިން ކަމުގެ ތުހުމަތެވެ. އެންޓި ކޮރަޕްޝަނުން މައްސަލަ ތަހްގީގު ކުރި މަރުހަލާގައި، މޮޑްރިޗް ހެކިބަސް ދީފައި ވަނީ، ޓްރަންސްފާގެ ފައިސާ މަމިޗް އަމިއްލައަށް ބޭނުން ކުރި ކަމަށެވެ.

ނަމަވެސް ޝަރުއީ މަރުހަލާގައި މޮޑްރިޗްގެ ވާހަކަ ބަދަލުވި އެވެ. އޭނާ ބުނީ ކަން ހިނގި ގޮތް އޭނާ ނޭންގޭ ކަމަށެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ދޮގު ހެކިބަސް ދިނުމަކީ ޖިނާއީ ކުށެކެވެ. އަދި ކޯޓުގައި ދޮގު ހެދުމަކީވެސް ކުށެކެވެ.

ކޯޓުގައި ދޮގު ހެކިބަސް ދިން ކަމުގެ ތުހުމަތުގައި މޮޑްރިޗްގެ މައްޗަށް ކުރެވޭ ޝަރީއަތް ކޯޓުގައި ވަނީ ފައިލް ކޮށްފަ އެވެ. ދޮގުހެކިބަސް ދިން ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ސާބިތު ވެއްޖެނަމަ، ހަ މަހާއި ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އޭނާ އަށް އަންނާނެ އެވެ. ޖަލު ހުކުމު ލުއި ކުރެވޭނެ ގޮތެއް މޮޑްރިޗަށް ވަނީ ބޭނުންވެފަ އެވެ.

މިއަދު އޭނާ އަކީ، ކޮރޭޝިއާގެ އެންމެ މަޝްހޫރު އެކަކެވެ. ވޯލްޑްކަޕުގެ ފައިނަލަށް ކޮރޭޝިއާ ގެންގޮސް ދީފި އެވެ. ވޯލްޑްކަޕުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ގެންދާނެ ކަމަށް ގިނަ ބަޔަކު ލަފާ ކޮށްފައި ބުނަނީ މޮޑްރިޗްގެ ނަމަވެ. ގައުމީ ބަތަލަކަށް އޭނާ ވެއްޖެ އެވެ. އެންމެންގެ ލޯބި އޭނާ ހޯދައިފި އެވެ. ދޮގު ހެކިބަސް ދިން ކަމުގެ ތުހުމަތާ ގުޅިގެން އޭނާއަށް ފާޑު ކިޔުން އޮއްސާލި ދޫތަކާއި ގަލަންތަކުން، މިހާރު އޮއްސަނީ އޭނާއަށް ތައުރީފުގެ ބަސްތަކެވެ.

މޮޑްރިޗް ގައުމީ ބަތަލަކަށް ވެއްޖެ އެވެ. ކްރޮއޭޝިއާއަށް ވޯލްޑްކަޕުގެ ތަށި ނުލިބުނަސް، ކްރޮއޭޝިއާގެ ފުޓްބޯޅައިގެ ތާރީހުގައި އުފެއްދި އެންމެ ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިޔާއަށް އޭނާ ވާނެ އެވެ. ނަމަވެސް ޝަރުއީ މަރުހަލާގައި އޮތް އޭނާގެ މައްސަލައަށް އަފުވާމު ލިބުނީކީ ނޫނެނެވެ. އެ މައްސަލައަށް ދެން ވާނީ ކިހިނެއް ހެއްޔެވެ.

ކްރޮއޭޝިއާގެ މީޑިއާތަކުން ބުނަނީ، ގައުމަށް އޭނާ ހޯދައިދިން ޝަރަފާއެކު، އޭނާގެ އަދަބު ލުއި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ޝަރުއީ މަރުހަލާގައި އެ ފަުރުސަތުތައް އެބަހުރި ކަމަށެވެ. އެއީ ފުރަތަމަ ފަހަރު ކަމަށް ބަލައި ޖޫރިމަނާއަކުން ފުއްދާލުމެވެ. މޮޑްރިޗްގެ މައްޗަށް ސާބިތުވާން އޮތް ޖަލު ހުކުމް އޭނާއަށް މާފު ލިބުމުގެ ފުރުސަތު އެބައޮތެވެ. މުބާރާތް ކާމިޔާބު ކޮށްފިނަމަ އެއްއަށްވުރެ ބޮޑެތި ފުރުސަތުތައްވެސް އޭނާއަށް ލިބިގެންދާނެ ކަމަށް ގަބޫލު ކުރެވެ އެވެ.