ވޯލްޑްކަޕު ފައިނަލުގައި ކްރޮއޭޝިއާގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ދުނިޔޭގެ ޗެމްޕިއަންކަން ފްރާންސް ހޯދައިފި އެވެ.
މިއީ، ފްރާންސް ވޯލްޑްކަޕު ކާމިޔާބު ކުރި، ދެ ވަނަ ފަހަރެވެ. އެ ޓީމުން ފުރަތަމަ މުބާރާތް ކާމިޔާބު ކުރީ، މިހާރުގެ ކޯޗް ޑިޑިއޭ ޑެޝޯމްޕްގެ ކެޕްޓަން ކަމުގެ ދަށުން 1998 ވަނަ އަހަރު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި، ހަމަލާތަކެއް އުފައްދައިގެން ކުޅުނީ ކްރޮއޭޝިއާއެވެ. ނަމަވެސް ދެ ފަހަރުވެސް ލީޑް ނެގީ ފްރާންސެވެ. މުބާރާތުގައި ކްރޮއޭޝިއާއަށް އެންމެ ބޮޑަށް މައްސަލަ ދިމާވެފައި ވަނީ، އިދިކޮޅު ޓީމަށް ލިބޭ ހިލޭ ޖެހުންތަކުގަ އެވެ. ފްރާންސްގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރީ ހިލޭ ޖެހުމުން ތަނަވަސް ކުރި ފުރުސަތަކުންނެވެ. ނަމަވެސް އެ ލަނޑަކީ، ކްރޮއޭޝިއާގެ މާރިއޯ މަންޒޫކިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގެ 18 ވަނަ މިނެޓްގައި، ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން އެންޓްއާން ގްރީޒްމަން ފޮނުވާލުމުން މަންޒޫކިޗް މަސައްކަތް ކުރީ ބޮލުން ދިފާއު ކުރުމަށެވެ. ނަމަވެސް އެބޯޅަ ގޮސް ވަނީ އަމިއްލަ ޓީމުގެ ގޯލަށެވެ.
ކްރޮއޭޝިއާއިން ނަތީޖާ ހަމަހަމަ ކުރަން ނެގީ 10 މިނެޓެވެ. މެޗުގެ 28 ވަނަ މިނެޓްގައި އީވާން ޕެރިސިޗް ކްރޮއޭޝިއާއަށް ލީޑް ނަގައިދިނެވެ. ފްރާންސްގެ ހާފުގެ މެދެއްހާ ހިސާބުން ކްރޮއޭޝިއާއަށް ލިބުނު ހިލޭ ޖެހުން، ކެޕްޓަން ލުކަ މޮޑްރިޗް ނަގައިދިނީ އޭރިއާގެ އަރިމައްޗަށް ވާގޮތަށެވެ. އެ ބޯޅަ ބޭރުވުމުގެ ކުރިން ޑިފެންޑަރު ވީޑާ ވަނީ، ބޮލުން ޖަހައި އޭރިއާ ތެރެއަށް ނަގައިދީފަ އެވެ. އެ ބޯޅަ ޕެރިސިޗަށް ލިބުމުން އޭނާ ވަނީ ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލްގެ ތެރެއަށް ބޯޅަ ވައްދާލަފަ އެވެ.
ފްރާންސުން އަލުން ލީޑް ނެގީ، އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގަ އެވެ. ފްރާންސުން ނެގި ކޯނަރެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި، ބޯޅަ ޖެހުނީ، ކްރޮއެޝިއާގެ ޕެރިސިޗް އަތުގަ އެވެ. ވީއޭއާރް މެދުވެރިކޮށް ތަކުރާރުކޮށް ބެލުމަށް ފަހު، ރެފްރީ ނިންމީ ޕެނަލްޓީއެއް ކަމަށެވެ. މެޗުގެ 38 ވަނަ މިނެޓްގައި ފްރާންސްގެ ޕެނަލްޓީ ކާމިޔާބު ކުރީ ގްރީޒްމަން އެވެ.
ދެ ވަނަ ހާފުގައި ފްރާންސް ފެނުނީ މާ ތަފާތު ކޮށެވެ. އެއްވަރެއްގައި ޑިފެންސް ކުރަމުން ހަމަަލާ އުފައްދަމުން ގެންދިޔަ އެވެ. ކްރޮއޭޝިއާއިން ފަހަތުގައި އޮތުމުން އެޓީމުން ކުރިއަށް ޖެހި ހަމަލާ އުފައްދަމުން ދިޔަ ވަގުތު ފްރާންސުން ހަމަލާ އުފެއްދީ ކައުންޓަ އެޓޭކުގައެވެ.
އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހުމުގައި، ކިލިޔަން އެމްބާޕޭގެ ބޮޑު ހިއްސާ އެއްތެވެ. ފްރާންސްގެ ފަހަތުން އޭނާއަށް ބޯޅަ ދިނުމުން ސްޕީޑް ބޭނުން ކޮށްގެން ބޯޅަ ހިފައިގެން އަރައި ކްރޮއޭޝިއާގެ ޑިފެންސަށް ބާރު ބޮޑު ކުރި އެވެ. ކްރޮއޭޝިއާގެ ޑިފެންޑަރުންނަށް ރަނގަޅަށް ބޮޅަ ދިފާއު ނުކުރެވުމުން، ޑިފެންސްގައި ޖެހިފައި ބްލޮކްވި ބޯޅަ ލިބުނީ ޕައުލް ޕޮގްބާ އަށެވެ. އޭނާ ވަނީ އެއްފަހަރު ޖަހައި އެ ބޯޅަ ގޯލްތެރެއަށް ވައްދާލަފަ އެވެ. އެއީ މެޗުގެ 59 ވަނަ މިނެޓްގައެވެ.
ފްރާންސްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ އެމްބާޕޭ އެވެ. ލޫކަސް ހެނާންޑޭޒް ދިން ބޯޅަ އެމްބަޕޭ ވަނީ އޭރިއާގެ ބޭރުން ގޯލް ތެރެއަށް ވައްދާޅަފަ އެވެ. އެ ބޮޅަ ސަލާމަތް ކުރަން ކްރޮއޭޝިއާގެ ކީޕަރު ޑެނިއަލް ޝްބަޝިޗަށް ކުރެވުނު ކަމެއް ނެތެވެ. އެމްބަޕޭއަކީ ބްރެޒިލްގެ މަޝްހޫރު ޕެލޭ އަށް ފަހު ވޯލްޑްކަޕު ފައިނަލެއްގައި ލަނޑު ޖެހި ފުރާވަރު އުމުރުގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. އޭނާގެ އުމުރަކީ 19 އަހަރެވެ.
ކްރޮއޭޝިއާގެ ދެ ވަނަ ލަނޑަކީ، 69 ވަނަ މިނެޓްގައި ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސްއަށް ހެދުނު މިސްޓޭކެއްގައި މަންޒޫކިޗް ކާމިޔާބު ކުރި ލަނޑެކެވެ. އޮލިވާ ޖިރޫޑް ފަހަތަށް ދިން ބޯޅަ ލޮރިސް ފައިން ކޮންޓްރޯލް ކުރުމަށް ފަހު ފޮނުވާލަން މަސައްކަތް ކުރި އެވެ. މަންޒޫކިޗް ވަނީ ބޯޅަށް ފައިކޮށްޕާލާފަ އެވެ. ބޯޅަ ގޮސް ވަނީ ގޯލްގެ ތެރެއަށެވެ.
ޖޫން 14 ގައި ރަޝިއާގައި ފެށި ފީފާގެ ވޯލްޑްކަޕުގެ 21 ވަނަ މުބާރާތް ނިމިގެން ދިޔައީ އެވެ. ވޯލްޑްކަޕުގެ 22 ވަނަ މުބާރާތް އޮންނާނީ 2022 ވަނަ އަހަރު ގަތަރު ގަ އެވެ.