ކުޅިވަރު

އެވޯޑެއް ބޭނުމެއް ނޫން، ބޭނުމީ ވޯލްޑްކަޕް: މޮޑްރިޗް

އިންޑަވިޖުއަލް އެވޯޑެއް ހޯދުމުގެ ވިސްނުނު ނުގެންގުޅޭ ކަމަށާއި ބޭނުމީ ވޯލްޑްކަޕް ކާމިޔާބު ކުރަން ކަމަށް ކްރޮއޭޝިއާގެ ކެޕްޓަން ލުކަ މޮޑްރިޗް ބުނެފި އެވެ.

ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި، މިފަހަރުގެ ވޯލްޑްކަޕުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މޮޑްރިޗަށް ލިބުމުގެ ފުރުސަތު ބޮޑެވެ. ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީއަށް ދެ ވަނަ ބުރާ ހަމައިން ވޯލްޑްކަޕު ނިމިފަ އެވެ.

ކްރޮއޭޝިއާ ވޯލްޑްކަޕު ފައިނަލަށް ދިއުމާ ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގް ހޯދުމުން، ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް މޮޑްރިޗް ވާދަ ކުރުމަކީ ގާތް ކަމެކެވެ.

މޮޑްރިޗް ބުނީ، ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް އޭނާ ނޮމިނޭޓް ވެއްޖެނަމަ އުފާ ވާނެ ކަމަށެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އޭނާ ވިސްނަނީ ވޯލްޑްކަޕު ގައުމީ ޓީމަށް ހޯދައިދިނުމަށް ކަމަށް ތަޖުރިބާކާރު މިޑްފީލްޑަރު ބުންޏެވެ.

"އަހަރެން ހަމައެކަނި ވިސްނާ ކަމަކީ އަހަރެންގެ ޓީމަށް ކާމިޔާބު ހޯދައިދޭން،" މާދާމާގެ މެޗާ ގުޅިގެން ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މޮޑްރިޗް ބުންޏެވެ. "މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބޭނެ ކަމަށް ލަފާ ކުރެވޭ ލިސްޓްގައި އަހަރެން ހިމެނުމަކީ އުފާވާނެ ކަމެއް، ނަމަވެސް ވަކިވަކި އެވޯޑްތަކާ މެދު އަހަރެން ނުވިސްނަން، އަހަރެން ބޭނުމީ ކޮރޭޝިއާއަށް ވޯލްޑްކަޕު ހޯދައިދޭން."

މޮޑްރިޗާއެކު ކްރޮއޭޝިއާގެ މެދުތެރޭގައި ހިއްސާވާ އަނެއް މިޑްފީލްޑަރު އީވާން ރަކިޓިޗް ބުނީ، މުބާރާޓުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މޮޑްރިޗަށް ހައްގު ކަމަށާއި ނަމަވެސް މުޅި ޓީމުން ބޭނުންވަނީ ވޯލްޑްކަޕު ހޯދަން ކަމަށެވެ.

"މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ކްރޮއޭޝިއާއަށް ލިބެން ޖެހޭނެ، އެ އެވޯޑް އަހަރެމެންގެ ކެޕްޓަން މޮޑްރިޗަށް ހައްގު،" އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ރަކިޓިޗް ބުންޏެވެ.

"އަހަރެން ޔަގީން ކުރަން ފީފާއިން ނިންމާނީ އޭނާ [މޮޑްރިޗް] އަށްކަން، އަދި މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ކްރޮއޭޝިއާގެ ކުޅުންތެރިން ހިމެނެން ޖެހޭނެ، ނަމަވެސް އެއިން އެއްވެސް ކަމަކަށް އަހަރެމެން ނުވިސްނަން، އަހަރެމެން ބޭނުމީ ވޯލްޑްކަޕް."