ކުޅިވަރު

ޕޯޗްގަލް އާއި ފްރާންސް، ކޮރޮއޭޝިއާ އެއް ގުރޫޕަކަށް

އަންނަ ސީޒަންގެ ޔޫއެފާ ނޭޝަން ލީގްގައި، އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލް އާއި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަދި އެންމެ ފަހުގެ ވޯލްޑްކަޕް ރަނަރަފް ކްރޮއޭޝިއާ އެއް ގުރޫޕެއްގައި ލައްވާލައިފި އެވެ.

ލީގް އޭ ގައި، އެންމެ ވަދަވެރިވާނެ އެއް ގުރޫޕަކަށް ވާނީ ވެސް އެ ގުރޫޕެވެ. އެ ތިން ޓީމާއެކު ގުރޫޕް ތިނެއްގައި ދެން ހިމެނެނީ ސްވިޑެން އެވެ. އެންމެ ފަހުގެ ޔޫރޯވެސް ޕޯޗްގަލްއިން ކާމިޔާބު ކުރީ ފްރާންސް ބަލި ކުރުމަށް ފަހު އެވެ. އަދި ވޯލްޑް ކަޕް ފައިނަލުގައި ކޮރޮއޭޝިއާ ބަލިކޮށް ފާރްންސް ތަށި ހޯދާފައިވުމުން، އެއަށް ޗެލެންޖު ކުރަން ކްރޮއޭޝިއާ ވެސް ވަރުގަދައަށް ތައްޔާރު ވާނެ އެވެ.

ޔޫއެފާ ނޭޝަން ލީގްގެ އެންމެ ފަހުގެ ރަނަރަފް ނެދާލޭންޑްސް ވެސް ލައްވާލީ ވަރުގަދަ ގުރޫޕެއްގަ އެވެ. ގުރޫޕް އެކެއްގައި އެ ޓީމާއެކު ދެން ހިމެނެނީ އިޓަލީ އާއި ބޮސްނިއާ އަދި ޕޮލެންޑެވެ.

އިންގްލެންޑާއި ބެލްޖިއަމް ހިމެނޭ ގުރޫޕް ދޭއްގެ ކުރިމަތިލުން ވެސް ފޯރި ގަދަ ވާނެ އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕްގައި އިންގްލެންޑާއި ބެލްޖިއަމް ވަނީ ދެ ފަހަރު ބައްދަލު ކޮށްފަ އެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗު ބެލްޖިއަމް ކާމިޔާބު ކުރީ 1-0 ންނެވެ. އެއަށް ފަހު ތިން ވަނަ ހޮވި މެޗު ބެލްޖިއަމުން ކާމިޔާބު ކުރީ 2-0 ންނެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ އައިސްލެންޑެވެ. އައިސްލޭންޑް ވަނީ އެންމެ ފަހުގެ ޔޫރޯގެ ދެ ވަނަ ބުރުން އިންގްލެންޑް ކަޓުވާލާފަ އެވެ. ގުރޫޕްގައި ދެން ހިމެނެނީ ޑެންމާކެވެ.

ގުރޫޕް ހަތަރެއްގައި ލައްވާލީ، ސްޕެއިން އާއި ޖަރުމަން އެވެ. ދެން އެގޫރޫޕްގައި ހިމެނޭ ސްވިޒަލޭންޑާއި ޔޫކްރޭން އަކީވެސް ސްޕެއިން އާއި ޖަރުމަނަށް ވަރުގަދަ ފައިޓެއް ދޭނެ ދެ ގައުމެވެ.

ޔޫއެފާ ނޭޝަން ލީގް ފަށާނީ ސެޕްޓެމްބަރު މަހު އެވެ. ހަތަރު ޑިވިޝަން ނުވަތަ ހަތަރު ލީގްގައި 14 ގުރޫޕް ހިމެނޭ މުބާރާތް ކުރިއަށް ދާނީ މުޅި ސީޒަނަށް ބަލާއިގެނެވެ. ފައިނަލު މެޗު އޮންނާނީ އަންނަ އަހަރު ޖޫން މަހު އެވެ.