ކުޅިވަރު

ފްރާންސަކީ ފޭވަރިޓް ކަމަށް ބުނެވޭކަށް ނެތް

މިރޭ ކުޅޭ ވޯލްޑްކަޕު ފައިނަލުގައި، ފޭވަރިޓަކީ ފްރާންސް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ފްރާންސްގެ ތަރިންގެ ޓީމާއި އެޓީމުން މުބާރާތުގެ ދެއްކި ކުޅުމާއެކު ފޭވަރިޓަކީ ފްރާންސް ކަމަށް ބުނުމުގެ ފުރުސަތުވެސް އެބައޮތެވެ. އަދި ވޯލްޑްކަޕުގައި، ކްރޮއޭޝިއާއަށް ވުރެ ބޮޑަށް ފްރާންސްގެ ތަޖުރިބާވެސް ބޮޑެވެ. ނަތީޖާތައްވެސް ރަނގަޅެވެ.

ގިނަބަޔަކު، ފްރާންސަަކީ ފޭވަރިޓް ޓީމު ކަމަށް ބުނި ނަމަވެސް، އެ ޓީމުގެ ކޯޗް ޑިޑިއޭ ޑެޝޯމްޕް ގަބޫލު ކުރާ ގޮތުގައި ފްރާންސަކީ ފޭވަރިޓެއް ނޫނެވެ. ދެ އަހަރު ކުރިން އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައިވެސް ފްރާންސް ވާދަ ކުރީ ފޭވަރިޓުންގެ ގޮތުގައެވެ. ފައިނަލުގައި ޕޯޗްގަލް އަތުން ބަލިވީ އެވެ. ދެ އަހަރު ފަހުން އަނެއްކާވެސް ދެ ވަނަ ފައިނަލަށެވެ. ފްރާންސަށް ފޭވަރިޓުންގެ ލަގަބު ދޭކަށް ޑޮޝޯމްޕް ބޭނުމެއް ނުވެ އެވެ. އޭނާ ވަނީ އޭރުގެ ސްކޮޑުގައި ހިމެނުނު 14 ކުޅުންތެރިޔަކު ބަދަލު ކޮށްފަ އެވެ.

"އޭރު އޮތް ސްކޮޑާ ބަލާފައި ތަފާތު 14 ކުޅުންތެރިން މިހާރުގެ ސްކޮޑްގައި ހިމެނޭ، އަހަންނަށް އެނގޭ އޭރުގެ ސްކޮޑްގައި ވަރަށް ތަޖުރިބާކާރު ކުޅުންތެރިން ގިނަ ކަން، މިހާރުގެ ސްކޮޑްގައި ތަޖުރިބާކާރު ކުޅުންތެރިން މަދުވުން އެއީ މައްސަލައަކަށް ވެދާނެ ނަމަވެސް އަހަރެމެން ތައްޔާރު." ޑެޗޯމްޕް ބުންޏެވެ.

ޑެޝޯމްޕް ބުނީ ކްރޮއޭޝިއާގެ އެންމެ ނުރައްކާ ކުޅުންތެރިޔަކީ، އެ ޓީމުގެ ކެޕްޓަން ލުކަ މޮޑްރިޗް ކަމަށެވެ. އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ އޭނާއާ މެދުގައި ކަމަށް ކޯޗް ބުންޏެވެ.

"އޭނާ އަކީ ވަރަށް ހިތްވަރުގަދަ ކުޅުންތެރިޔެއް، އޭނާގެ ބޮޑު ނުފޫޒެއް އެ ޓީމުގެ ގޭމްގައި އޮވޭ، އޭނާ އަށް އެނގޭ މެޗުގައި ކުޅުންތެރިޔަކު ކުރަން ޖެހޭ ހުރިހާ ކަމެއްވެސް ކުރަން، އޭނާ ގޯލް ޖަހާ، ޕާސް ތަނަވަސް ކޮށްދޭ، ވަރަށް ބުރަކޮށް މަސައްކަތް ކުރޭ، އަދި ލަނޑުޖަހަން ފުރުސަތުވެސް ހޯދައިދޭ."

ކްރޮއޭޝިއާގެ ކޯޗް ޒަލްޓަކޯ ޑަލިޗް ބުނީ ކުޅުންތެރިންނަށް އޭނާ އިރުޝާދު ދޭނީ މެޗުގައި ރީތި ފޫޓްބޯޅައެއް ކުޅުމަށް ކަމަށެވެ.

"ފްރާންސް ޓީމުގައި ވަރަށް ހުނަރުވެރި ގިނަ ކުޅުންތެރިން އެބަތިބި، އަހަރެން ކުޅުންތެރިން ގާތު ބުނާނީ، މެޗަށް އަރައި އެންޖޯއި ކޮށްލާށޭ، ރީތިފުޓްބޯޅައެއް ކުޅެން މަސަްކަތް ކުރާށޭ."

ފައިނަލު މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 8:00 ގަ އެވެ.