ކުޅިވަރު

މޮޑްރިޗަށް ބެލަންޑޯއަށް ވާދަ ކުރެވޭނެތަ؟

ވޯލްޑްކަޕުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާ އެންމެ ގާތުގައި ހުރި ކުޅުންތެރިޔަކަށް، ކޮރޭޝިއާގެ ލުކަ މޮޑްރިޗް ވާނެ އެވެ. މުޅި ވޯލްޑްކަޕުގައި އޭނާ ދައްކަމުންދާ ކުޅުމުން، ވޯލްޑްކަޕުގެ ގޯލްޑަން ބޯލް އެވޯޑް ނުވަތަ މޮޅު ކުޅުންތެރިޔާގެ އެވޯޑް އޭނާއަށް ހައްގު ކަމަށް ގިނަ ފަރާތްތަކަކުން ގަބޫލު ކުރެ އެވެ.

ދެން އޮތީ މި އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑް މޮޑްރިޗަށް ހައްގުވޭތޯ ކުރެވޭ ސުވާލެވެ. ބެލަންޑޯގެ ފޭވަރިޓް ކެނޑިޑޭޓެއްގެ ގޮތުގައި، މޮޑްރިޗަށް ވާދަ ކުރެވޭނެ ހެއްޔެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓް ވުމުގައި، އެންމެ ބޮޑަށް މިނެ ކިރާ އެއް ކަމަކީ، ކުލަބަށާއި ގައުމަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ކާމިޔާބު ހޯދައިދިނުމުގައި އަދާކޮށްފައިވާ ދައުރަށެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަން ލީގް ރެއާލް މެޑްރިޑް ކާމިޔާބު ކުރީ، މޮޑްރިޗްގެ ބޮޑު ހިއްސާއެއް އޮވެގެނެވެ. ޗެމްޕިއަންސް ލީގް ދަތުރުގައި މިދިޔަ ތިން އަހަރުވެސް އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ. ގައުމީ ޓީމުގައި މިހާރު އޭނާ ހުރީ ވޯލްޑްކަޕު ފައިނަލުގަ އެވެ.

ވޭތުވެދިޔަ 10 އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައި ވަނީ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ކޮންމެ ކުޅުންތެރިޔަކުވެސް ވަނީ ފަސް ފަހަރު އެވޯޑް ހޯދާފަ އެވެ. ސުވާލަކީ މޮޑްރިޗަށް ރޮނާލްޑޯ އާއި މެސީއާ ދެ މީހުންގެ ތެރެއިން ނިކުމެގެން އައިސް ބެލަންޑޯ އެވޯޑް ހޯދިދާނެ ހެއްޔެވެ. ވޯލްޑްކަޕުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް އެކަން ކާމިޔާބު ކުރުމުގައި މިހާތަނަށް އެހެން ކުޅުންތެރިންނަށް ކުރި ހޯދިފައެއް ނެތެވެ.

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ޗެމްޕިއަންކަން ސްޕެއިންއަށް ހޯދައިދނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ، އަންޑްރެސް އިނިއެސްޓާ އެވެ. މުޅި ވޯލްޑްކަޕުގައިވެސް އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ.

އެ ފަހަރުގެ ވޯލްޑްކަޕަށްވެސް އޭނާ އައީ ބާސެލޯނާ އާއެކު ގިނަ ކާމިޔާބު ތަކެއް ހޯދުމަށް ފަހު އެވެ. ބާސާ އާއެކު އެފަހަރުގެ ކުލަބު ވޯލްޑްކަޕާއި ޔޫއެފްއާ ސްޕަ ކަޕާއި، ލަލީގާ ޗެމްޕިއަންކަން އިނިއެސްޓާ ހޯދި އެވެ. ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް ދަތުރު ކުރި އެވެ.

ނަމަވެސް އެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ގެންދިޔައީ އާޖެންޓީނާގެ ލިއޮނަލް މެސީ އެވެ. އެ ފަހަރުގެ ވޯލްޑްކަޕުގައި އާޖެންޓީނާއާ މެސީއަށް ދެވުނީ ކްއާޓާ ފައިނަލާ ހަމަޔަށެވެ.