ކުޅިވަރު

ކޮރޭޝިއާ - ނައިޖީރިއާ: ދޫދޭނެ ޓީމެއް ނެތް!

ކޮރޭޝިއާގެ އާއި ނައިޖީރިއާ އަކީ ފުޓްބޯޅައިގެ ފެންވަރަށް ބަލާއިރު އެއް ހަމައެއްގައި ދެ ޓީމެވެ. ނައިޖީރިއާގެ ކުޅުންތެރިންނަކީ ފިޒިކަލީ ވަރުގަދަ ކުޅުންތެރިންނެވެ. ކޮރޭޝިއާ ޓީމުގައި ޔޫރަޕްގެ ތަޖުރިބާ އެބައޮތެވެ.

ކޮރޭޝިއާގެ ކޯޗް ޒަލްޓަކޯ ޑަލިކްއަށް އޮތް އެންމެ ބޮޑު ހިތް ހަމަ ޖެހުމަކީވެސް ޔޫރަޕްގެ ބޮޑެތި ކުަލަބުތަކުގެ ކުޅުންތެރިން އޭނާގެ ސްކޮޑުގައި ހިމެނުމެވެ. ކެޕްޓަން ލުކާ މޮޑްރިޗާއި މާރިއޯ މަންޒޫކިޗް އަދި އިވާން ރެކިޓިޗް ާއި އިވާން ޕެރިސިޗް އަކީ ޔޫރަޕުގެ އެންމެ ބޮޑެތި ކުލަބުގެ ކުޅުންތެރިންނެވެ.

"ވަރަށް ރަނގަޅު ކުޅުންތެރިންގެ ސެޓެއް އެބައޮތް ބޮޑެތި ކުލަބު ތަކުގެ ކުޅުންތެރިން އަދި ވަރަށް ޒުވާން ކުޅުންތެރިން މި ސްކޮޑްގައި ހިމެނޭ، މިއީ ތަޖުރިބާ އާއި ޒުވާން ކުޅުންތެރިންގެ މިކްސް އެއް،" 2016 ވަނަ އަހަރުގެ އޭޝިއަން ޝެމްޕިއަންސް ލީގް ފައިނަލަށް އަރަބި އެމިރޭޓްސްގެ އަލް އައިން ގެންގޮސްދިން ކޯޗު ބުންޏެވެ.

ކޮރޭޝިއާ ޓީމު ޕްރޮފައިލް

"މި ޓީމާ މެދު އަހަންނަށް ވަރަށް އުންމިދު އެބައޮތް، އެހެން ބަޔަކަށް ވުރެ އަހަރެމެންގެ މި ޓީމާ މެދު އަހަރެން މާބޮޑަށް އުންމިދު ކުރަން."

އޭނާ ބުނީ، ކޮރޭޝިއާގެ އެންމެ ބޮޑު އެޑްވާންޓޭޖަކީ ކުޅުންތެރިންގެ ކުޅުމުގެ ވަކިވަކި ސްޓައިލް ކަމަށެވެ. އެކަމަށް އޭނާ ފުރުސަތު ދޭނެ ކަމަށް ޑަލިކް ބުންޏެވެ.

ނައިޖީރިއާގެ ކޯޗް ޖަރުމަންގެ ގާނޯ ރޯރް ބުނީ ނައިޖީރިއާ ތައްޔާރު ވަނީ ކުރިމަގަށް ޓީމެއް ބިނާ ކުރުމަށް ކަމަށެވެ.

"މި ޓީމު ގުޅިގެން ދާނީ 2022 ގެ ވޯލްޑްކަޕާއި ސަބަބަކީ މި ޓީމަކީ ވަރަށް ޒުވާން ޓީމަކަށް ވުން،" ކޯޗް ބުންޏެވެ.

ނައިޖީރިއާ ޓީމު ޕްރޮފައިލް

"އޭގެ މާނައެއް ނޫން ރަޝިއާގައި އަހަރެމެން ކުރިއަށް ދާން ބޭނުން ނުވެއެކޭ، މި މުބާރާތުންވެސް ރަނގަޅު ހިސާބަކަށް ދިއުމަކީ އަހަރެމެންގެ ވަރަށް ބޮޑު އަމާޒެއް، މި ޓީމުގައި ޒުވާން ކުޅުންތެރިން ވަރަށް ގިނަ އަހަރެމެން ތައްޔާރު ވަމުން މިދަނީ 2022 ގެ ވޯލްޑްކަޕަށް."

މުބާރާތުގައި ވާދަ ކުރާ ޓީމުތަކުގެ ތެރެއިން ނިސްބަތުން އެންމެ ޒުވާން ކުޅުންތެރިން ގިނަ ޓީމަކީ ނައިޖީރިއާ އެވެ.