ޔޫރޯ 2020 އިގެ ގަދަ 16 ގައި މިރޭ ސްޕެއިން އާއި ކޮރޭޝިއާ ބައްދަލު ކުރި މެޗުން ސްޕެއިން މޮޅު ކޮށްދިނީ މީގެ ކުރިން މެޗު ތަކުގައި ގޯލު ޖެހުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވި އަލްވާރޯ މޮރާޓާ އެވެ. މެޗުން މޮޅުވި ގޯލު ޖަހައިދިން ނަމަވެސް މޮރާޓާ ވަނީ މިރޭގެ މެޗުގައި ވެސް ގޯލު ޖަހަން ލިބުނު ގިނަ ފުރުސަތު ތަކެއް ނަގާލާފަ އެވެ.
ޕާކެން ސްޓޭޑިއަމްގައި މިރޭ ސްޕެއިން އާއި ކޮރޭޝިއާ ބައްދަލު ކުރި މެޗުން ސްޕެއިން މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުގައި ފުރަތަމަ ލީޑު ލިބުނީ ކޮރޭޝިއާ އަށެވެ. މި ގޯލަކީ ޕެޑްރީ ސްޕެއިންގެ ކީޕަރަށް ޖައްސާލި ބޯޅަ ކީޕަރަށް މަތަ ނުކުރެވިގެން ބައިކޮޅަށް ވަތން ގޯލެކެވެ. އެހެން ނަމަވެސް އޭނާ ވަނީ މިރޭގެ މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ދިފާއު ކޮށްފަ އެވެ.
ސްޕެއިނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފުރަތަމަ ހާފު ނިމެނިކޮށް ސަރާވިއާ އެވެ. މި ގޯލަކީ ސްޕެއިންގެ ގަޔާ ފޮނުވާލި ބާރު ހަމަލާ ކީޕަރު ރިބައުންސް ކުރުމުން ސަރާވިއާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބު ކުރި ގޮލެކެވެ.
ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ގިިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ސްޕެއިން ޓީމުންނެވެ. އަދި އެހެން މެޗު ތަކާއި ހިލާފަށް މިރޭ ސްޕެއިންގެ ފަރާތުން ފެނުނީ އަވަސް ކުޅުމެކެވެ. އޭގެ ސަބަބުން ސްޕެއިނަށް ގިނަ ގޯލު ތަކެއް ޖެހުމަށް ފުރުސަތު ތަނަވަސްވި އެވެ. ފުރަތަމަ ހާފުގައި ކޮރޭޝިއާއިން ސްޕެއިންގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާ ނުލެވެ އެވެ.
ދެވަނަ ހާފު ފެށިގެން ވެސް ރަނގަޅަށް ކުޅުނީ ސްޕެއިން ޓީމުންނެވެ. އެގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ސްޕެއިންއަށް ފަހަތުން އަރާ ލީޑު ނަގައިދިނީ ޗެލްސީގެ ޑިފެންޑަރު ސެޒާ އެވެ. މި ގޯލަކީ ފެރަން ޓޮރެޒް ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޮލުގެ ތެރެއަށް ވައްދާލައިގެން ސެޒާ ކާމިޔާބު ކުރި ގޯލެކެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ފެރެން ޓޮރެޒް އިތުރު ގޯލެއް ޖަހައި ސްޕެއިންއަށް ލީޑު ފުޅާ ކޮށްދިން ނަމަވެސް ފަހު ވަގުތު ކޮރޭޝިއާ އިން އިތުރު ދެ ގޯލު ޖަހައި އެއްވަރު ކުރިއެވެ. ޕެނަލްޓީ އޭރިއާގެ ތެރެއިން އޯސިޗް ފޮނުވާލި ބޯޅަ ކީޕަރަށް މަތަ ކުރެވުނީ ގޯލަށް ވަތން ފަހުންނެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގައި ކޮރޭޝީއާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕަސަލިޗް އެވެ. މިއާއެކު ކޮރޭޝިއާގެ ސަޕޯޓަރުން ހީވީ އުފަލުން ދަނޑަށް އަރާފާނެ ހެންނެވެ.
ނަމަވެސް ހިތްވަރު އެލުވާ ނުލައި ސްޕެއިނުން ވަނީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ދެގޯލު ޖަހާފަ އެވެ. މެޗުން މޮޅުވި ލަނޑު ސްޕެއިން އަށް ކާމިޔާބު ކޮށްދިނީ މޮރާޓާ އެވެ. މަތިމަތިން އައި ބޯޅަ މޮރާޓާ ވަނީ ވަރަށް ރީއްޗަށް މެއަށް ވައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ. އޭގެ އިރުކޮޅެއް ފަހުން މިކެލް އޮޔާޒަބަލް އިތުރު ގޯލެއް ޖަހައި ސްޕެއިނަށް ލީޑު ފުޅާ ކޮށްދިނެވެ.
އިތުރު ވަގުތުގެ ދެހާފުގައި ކޮރޭޝިއާއަށް ސްޕެއިނާއި އެއްވަރުކޮށް ބަލި ކުރެވޭ ވަރަށް ފުރުސަތު ލިބުނެވެ. ނަމަވެސް އެފުރުސަތު ތަކުގެ ބޭނުން އެމީހުންނަށް އެންމެ ރަނގަޅަށް ހިފޭ ގޮތެއް ނުވި އެވެ.
މިއާއެކު އެންމެ ފަހުގެ ދުނިޔޭގެ ރަނައަޕް ކޮރޭޝިއާ ވަނީ ޔޫރޯ 2020 އިން ކަޓާފަ އެވެ. އަދި ޖެހިޖެހިގެން ތިންވަނަ ފަހަރަށް ބޮޑު މުބާރާތެއްގެ ނޮކައުޓް ސްޓޭޖުން ނުކަޓައި ސްޕެއިން ވަނީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.