ލުއިސް އެންރީކޭ

ސްޕެއިންގެ ކޯޗެއްގެ ގޮތު އެންރީކޭ ލީޑަރެއް

މި އަހަރުގެ ޔޫރޯ އާއި ދިމާކޮށް ސްޕެއިންގެ ކޯޗު ކަމާއި ހަވާލުވި ލުއިސް އެންރީކޭ ޔޫރޯ ނިންމާލީ ގިނަ ކާމިޔާބީ ތަކަކާއި އެކުގަ އެވެ.

މުބާރާތަށް ތައްޔާރުވަން ލިބުނު ކުޑަ ވަގުތު ކޮޅުގައި އެންރީކޭ ވަނީ ޓީމު ވަރަށް ރަނގަޅަށް ތައްޔާރު ކޮށްފަ އެވެ. އޭނާގެ އާއިލާއަށް ދިމާވި ހިތާމަވެރި ހާދިސާ އާއި ޕްރޮފެޝަނަލީ ކުރިމަތިވެފައިވާ ޕްރެޝަރާއި އެކު ވެސް އެންރީކޭ ވަނީ ސްޕެއިން ޓީމު މުބާރާތުގެ ރަނގަޅު ހިސާބަކަށް ގެންގޮސްދީފަ އެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި ގޯލު ޖެހުމުގެ މައްސަލަ ދިމާވެ ސްޕެއިން ވަނީ އެއްވަރު ވެފަ އެވެ. ނަމަވެސް ކުޅުން ރަނގަޅުކޮށް ޓީމުން ވަނީ ދެންހުރި މެޗުތަކުގައި ގިނަ ގޯލު ތަކެއް ޖަހާފަ އެވެ. ސްޕެއިން މުބާރާތުން ކެޓީ ސެމީ ފައިނަލުގައި ޗެމްޕިއަން އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެގެނެވެ.

ޓީމުގެ އެއްބައިވަންތަކަން

ޔޫރޯ 2020 ގައި ސްޕެއިންގެ ޓީމު ފެނިގެން ދިޔައީ މީގެ ކުރިން ދުވަހަކު ވެސް އެޓީމު ނުފެންނަހާ އެއްބައިވަންތަ ކޮށެވެ. ޓީމުގައި ކުޅުންތެރިން އެކުލަވާލުމުން ފެށިގެން އެންރީކޭގެ އެންމެ ބޮޑު އެއް އަމާޒަކަށް ވެފައި އޮތީ ޓީމު އެކީ އެކައްޗެއްގެ ގޮތުގައި ލާމަހާލުމެވެ.

މުބާރާތުގައި ޓީމުގެ ސްކޮޑްގައި 26 ކުޅުންތެރިން ހިމަނަން ޔުއެފާއިން ފުރުސަތު ދީފައިވީ ނަމަވެސް އެންރީކޭ ނަގާފައި ވަނީ 24 ކުޅުންތެރިންނެވެ. މި 24 ކުޅުންތެރިންގެ ތެރޭގައި ޓީމުގެ ކެޕްޓަންކަން ކުރަމުން އައި ވަރުގަދަ ޑިފެންޑަރު ސާޖިއޯ ރާމޯސް ވެސް ހިމަނާފައެއް ނުވެ އެވެ.

މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން އެންރީކޭއަށް އަމާޒުވި އެވެ. ނަމަވެސް އޭނާގެ ސަމާލުކަން ހުރީ ގިނަ ކުޅުންތެރިންތަކެއް ސްކޮޑަށް ނެގުމުގެ ބަދަލުގައި ސްކޮޑަށް ނަގާ ހުރިހާ ކުޅުންތެރިންގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށެވެ.

ސްޕެއިންގެ ރަން ދައުރުގައި ކުޅުނު ޒަވީ، އިނިއެސްޓާ، ފެބްރިގަސް، ޑޭވިޑް ވިއާ އަދި ފެނާންޑޯ ޓޮރެސް ފަދަ ކުޅުންތެރިން މިހާރު ޓީމަކު ނެތެވެ. އެހެން ކަމުން އެންރީކޭގެ އަމާޒަކަށްވީ ވަކި ކުޅުންތެރިން ތަކެއްގެ ހާއްސަ ހުނަރު ބޭނުން ކުރުމަށް ވުރެ މުޅި ޓީމު އެކީ އެކައްޗެއްގެ ގޮތުގައި އެކުލަވާލުމަށެވެ. އޭގެ ނަތީޖާ ރަނގަޅުވެ މިފަހަރު ސްޕެއިން ޓީމުން ވަރަށް އެއްބައިވަންތަކޮށް މޮޅު ކުޅުމެއްގއި ފެނުމެވެ.

ބުސްކަޓްސްއަށް މަޑުކުރުން ކާމިޔާބު

މުބާރާތް ބޯމަތި ވެފައި ވަނިކޮށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މިޑްފީލްޑަރު ސާޖިއޯ ބުސްކަޓްސް ޓީމުގައި ނުހިމަނައި އެހެން ކުޅުންތެރިއެއް ނެގުން އެއީ އެންރީކޭއަށް މާ އުނދަގޫ ކަމަށް ނުވާނެ އެވެ. ނަމަވެސް ކެތްތެރި ކަަމާއި އެކު އޭނާ ވަނީ މަޑުކޮށް، ބުސްކަޓްސް އަށް ޓީމުން ޖާގަ ދީފަ އެވެ.

ނަތީޖާ އަކަށް ވެގެން ދިޔައީ ކޮވިޑުން ރަނގަޅުވެ ބުސްކަޓްސްގެ އެންބުރި އައުން ވަރުގަދަ ވުމެވެ. މުޅި ޓީމު ބުސްކަޓްސްއަށް މަރުހަބާކީ އިރު ބުސްކަޓްސް އެނބުރި އައިސް ސްލޮވާކިއާ އާއި ދެކޮޅަށް ކުލުނު ފުރަތަމަ މެޗުގައި އޭނާ ވަނީ ޓީމު ވަރަށް ރަނގަޅަށް ކުޅުވާފަ އެވެ. އޭގެ ފަހުން ސްޕެއިން ކުޅުނު ކޮންމެ މެޗެއްގައި ވެސް "ބުސްކަޓްސް އިފެކްޓްސް" ވަރަށް ރަނގަޅަށް ފެނުނެވެ.

މޮރާޓާއަށް ކުރި އިތުބާރު

މުބާރާތުން ސްޕެއިން ކަޓައިގެން ދިޔައީ ޕެނަލްޓީ ޖަހައިގެން ބަލިވެގެންނެވެ. ޕެނަލްޓީ ނާކާމިޔާބުވި ކުޅުންތެރިންގެ ލިސްޓުގައި މޮރާޓާ ވެސް ހިމެނެ އެވެ. އަދި ޔޫރޯ 2020 ގައި ސްޕެއިން އަށް ގިނަ ފުރުސަތު ތަކެއް ލިބުނު އިރު ގޯލު ޖަހަން ލިބުނު އެންމެ ގިނަ ފުރުސަތު ބޭކާރު ކޮށްލީ ވެސް މޮރާޓާ އެވެ. އެހެން ކަމުން ސަޕޯޓަރުން ވަނީ އޭނަ ހޫނު ފެނަށް ވައްޓާލާފަ އެވެ.

ނަމަވެސް އެންރީކޭ މޮރާޓާއަށް އިތުބާރު ކުރި އެވެ. ސެމީ ފައިނަލް ނޫން އެހެން ހުރިހާ މެޗެއްގައި އޭނާ ފުރަތަމަ 11 ގައި ހިމެނި އެވެ. ގޯލު ނުޖެހުނު ނަމަވެސް މޮރާޓާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ސެންޓާ ފޯވާޑަކަށް ކުޅުނު މޮރާޓާ ފަހަތަށް ފައިބާ ބޯޅަ ހޯދައިގެން ޓީމު ލައްވާ ކުޅުވަން މަސައްކަތް ކުރި އެވެ. ގޯލު ޖެހުމަށް ގިނަ ފުރުސަތު ތަކެއް ހޯދައި ދިނެވެ.

ހަމަ އެހެންމެ ސެމީ ފައިނަލް މެޗުގައި ސްޕެއިން ބަލި ވަނިކޮށް ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ސްޕެއިންއަށް ނަތީޖާ އެއްވަރު ކޮށްދިނީ ވެސް މޮރާޓާ އެވެ.

އުނެއި ސިމޮން ކީޕަރަކަށް ގެނައުން

ފަހުގެ ތާރީހުގައި މޮޅު ކުޅުމެއް ދައްކާފައިވާ ޑޭވިޑް ޑެހެއާ އާއި ކެޕާ އެރިޒަބަލަގާ ހުއްޓާ އެންރީކޭ ޓީމުގެ ފުރަތަމަ ގޯލު ކީޕަރެއްގެ ގޮތުގައި ނެގީ އުނެއި ސިމޯން އެވެ. މިއީ އުނދަގޫ ނިންމުމެއް ނަމަވެސް، މި ނިންމުމާއެކު ޓީމުގެ ކުޅުމުން ރަނގަޅު ބަދަލު ތަކެއް ފެނުނެވެ.

އެގޮތުން ސިމޮން ވަނީ ޔޫރޯގައި މޮޅު ކުޅުމެއް ދައްކައި ސްޕެއިންގެ ޓީމު އެތއް ނުރައްކާތެރި ދަނޑިވަޅަކުން ސަލާމަތް ކޮށްދީފަ އެވެ. އޭނާއަށް ހެދުނު ހަމަ އެކަނި މިސްޓޭކަކީ ބައިކޮޅަށް ގޯލެއް ވަންނަން ދޫކޮށްލުމޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ހުރިހާ ކަމެއްގައިވެސް ލީޑަރެއް

ޓީމުގެ ކޯޗަކަށް ހުންނަ މީހަކީ މުޅި ޓީމު ލީޑު ކުރެވޭ ވަރުގެ މީހަކަށް ވާން ޖެހޭނެ އެވެ. އެގޮތުން އެންރީކޭ ވަނީ ޓީމުގެ ކުޅުންތެރިން އެންމެ ބޮޑަށް ދަށަށް ދިޔަ ވަގުތު އެކުލުންތެރިންނަށް ހިތްވަރުދީ އަލުން ކޮޅަށް ނަގާފަ އެވެ. އަދި ހުރިހާ ކުޅުންތެރިންނަށް އޭނާގެ ފުރިހަމަ އިތުބާރު ދިނެވެ. ޓީމު ތެރޭގައި ބައިބައިވުން އުފެދުނަ ނުދީ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އިންތިޒާމު ކުރި އެވެ.

އެންރީކޭ ވަނީ ތަފާތު އެތަކެއް އުނދަގޫ ނިންމުންތަކެއް ނިންމާފަ އެވެ. އޭނާ ނިންމާ ނިންމުމަކުން ޓީމަށް ކިތަންމެ ދެރަ އަދި ރަނގަޅު ގޮތެއްވެސް ވެދާނެކަން ދެނަހުރެ އެންރީކޭ ވަނީ ކެރިގެން ހުރިހާ ކަމަކާއި ކުރިމަތިލާފަ އެވެ.