ސެމީ ފައިނަލުގައި ޖެހި ޕެނަލްޓީ ނާކާމިޔާބު ވުމުން އަނެއްކާ ވެސް އަލްވާރޯ މޮރާޓާ އާއި އޭނާގެ އާއިލާއަށް ގިނަ ބަޔަކު ފުރައްސާރަ ކުރަން ފަށައިފި އެވެ.
ސްޕެއިންގެ ސްޓްރައިކަރު މޮރާޓާއަށް ގްރޫޕް ސްޓޭޖުގެ މެޗު ތަކުގައި ގޯލު ނުޖެހުމުން ވެސް އޭނާއާއި އާއިލާއަށް ވަނީ ސަޕޯޓަރުންގެ ފަރާތުން ފުރައްސާރައާ ޖެއްސުމުގެ ބަސްތައް އަމާޒުވެފައި ވެއެވެ.
މިފަހަރުގެ ފުރައްސާރަ އެންމެ ބޮޑަށް އަމާޒުވީ މޮރާޓާގެ އަންހެނުން އެލިސް ކެމްޕެލޯ އަށެވެ. އެލިސް އަކީ އިޓަލީއަށް އުފަން މީހެއް ކަމުން ގިނަ ބަޔަކު ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެލިސް ވަނީ އޭނާއަށް އަމާޒުކޮށް ބައެއް މީހުން ކިޔާފައިވާ އެއްޗެހީގެ ސްކްރީން ޝޮޓްތަކެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ.
މޮރާޓާއާއި އޭނާގެ އަންހެނުންގެ އިތުރުން އެދެމީހުންގެ ދަރިންނަށް ފުރައްސާރަކޮށް ވެސް ބައެއް މީހުން ވަނީ މެސެޖު ކޮށްފަ އެވެ. އެގޮތުން އޭނާގެ ދަރިންނަށް ހާޓް އެޓޭކް ޖެހޭނެ ކަމަށާއި، އެމީހުންގެ ގެއާއި އޭނާވެސް އިންސްޓަގްރާމް ލައިވް ޖައްސާފަ އަންދާލާނެ ކަމުގެ އިންޒާރުވެސް ދީފައިވެ އެވެ.
މިކަމަށް ރައްދު ދެމުން އިންސްޓަގްރާމުގައި އެލިސް ބުނީ އެމީހުން ކިޔާ އެއްޗެހިން އޭނާއަށް އޭނާއަށް މާބޮޑު އަސަރެއް ނުކުރާ ކަމަށެވެ. ނަމަވެސް ތަންކޮޅެއް ހިތްބަލި މީހަކަށް އެބަސްތައް އަމާޒުވީ ނަމަ ދެރަވެދާނެ ކަމަށާއި ނަމަވެސް އޭނާ އަކީ އެހާ ހިތްބަލި މީހެއް ނޫން ކަމަށެވެ.
"އަހަރެން އެންމެނަށް ވެސް ހަނދާން ކޮށްދެން ބޭނުން ވަނީ މިއީ ކުޅިވަރެއް ކަމަށާއި އޭގެ ސަބަބުން މީހުން ވާންޖެހޭނީ އެއްބައިވަންތަކަން. މީހުންނަށް ފުުރައްސާރަ ކުރުން ނޫންކަން. އަހަރެން އުންމީދު ކުރަން ކުރިމަގުގައި މިފަދަ ވިޔާނުދާ އަމަލުތައް ކުރާ މީހުންނާއި މެދު ފިޔަވަޅު އަލާނެ ކަމަށް. މިއީ ލަދުވެތި ކަމެއް." އެލިސް ކެމްޕެލޯ ބުންޏެވެ.
އަހަރެން އެންމެނަށްވެސް ހަނދާން ކޮށްދެން ބޭނުން ވަނީ މިއީ ކުޅިވަރެއް ކަމަށާއި އޭގެ ސަބަބުން މީހުން ވާންޖެހޭނީ އެއްބައިވަންތަކަން. މީހުންނަށް ފުުރައްސާރަ ކުރުން ނޫންކަން. އަހަރެން އުންމީދު ކުރަން ކުރިމަގުގައި މިފަދަ ވިޔާނުދާ އަމަލުތައް ކުރާ މީހުންނާއި މެދު ފިޔަވަޅު އަލާނެ ކަމަށް. މިއީ ލަދުވެތި ކަމެއް.އެލިސް ކެމްޕެލޯ | މޮރާޓާގެ އަންހެނުން
އިޓަލީ އާއި ބައްދަލު ކުރި މެޗުގައި އެއްވަރުވެގެން ނަތީޖާ ނެރެން ޕެނަލްޓީއަށް ޖެހިއިރު މޮރާޓާގެ ޕެނަލްޓީ ވަނީ ކީޕަރު ދިފާއު ކޮށްފަ އެވެ. ނަމަވެސް އެރޭގެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފު ކުޅެން ނިކުމެ އޭނާ ވަނީ ގޯލު ޖަހައި ސްޕެއިނަށް އިޓަލީއާއި ނަތީޖާ ހަމަ ކޮށްދީފަ އެވެ. އަދި އޭނާ ވަނީ ޔޫރޯގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެކަމަކު މިހާރު އެފަދަ މީހުންގެ ސިކުނޑީގައި އެކަމެއް ނެތެވެ. ޕެނަލްޓީީ ނާކާމިޔާބު ވުމުން އޮތީ އެވާހަކަ އެވެ.