ލިބުނު ގިނަ ފުރުސަތު ތަކުގެ ބޭނުން ނުހިފި ޕެނަލްޓީއަށް ގޮސްގެން ނަސީބު އަތުގައި ހިފުމުން ސްޕެއިން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.
ރަޝިޔާގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމްގައި މިރޭ ސްޕެއިނާއި ސްވިޒްލެންޑު ބައްދަލު ކުރި މެޗުން ސްޕެއިން މޮޅުވީ ޕެނަލްޓީ ޖަހައިގެނެވެ.
މިރޭގެ މެޗު ފެށުނުއިރު ސްޕެއިންގެ ފަރާތުން ފެނުނީ އަވަސް ކުޅުމެކެވެ. އެމީހުން މަސައްކަތް ކުރީ އިދިކޮޅު ގޯލަށް ނުރައްކާކޮށް އަވަސް ގޯލެއް ޖެހުމަށެވެ. އެގޮތުން މެޗުގެ އަށްވަނަ މިނެޓުގައި ސްޕެއިނުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގާފަ އެވެ. މި ގޯލަކީ ކޯނަރަކުން އައި ބޯޅައެއް އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލައިގެން ޖޯޑީ އަލްބާ ކާމިޔާބު ކުރި ގޯލެކެވެ. އަލްބާ ފޮނުވާލި ބާރު ބޯޅަ ގޯލުގެ ތެރެއަށް ވަނީ ސްވިޒްލެންޑުގެ ޒަކަރިއާ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެނެވެ.
އެހެން ކަމުން މިގޯލަކީ ސްވިޒްލެންޑުން ބައިކޮޅަށް ޖެހި ގޯލެއް ކަމަށް ވަނީ ނިންމާފަ އެވެ. މި މުބާރާތުގައި ޓީމު ތަކުގެ ފަރާތުން ގިނަ ބައިކޮޅު ގޯލުތަކެއް ވަނީ ފެނިފަ އެވެ. އެގޮތުން މިއީ މި މުބާރާތުގެ 10 ވަނަ ބައިކޮޅު ގޯލެވެ.
ސްޕެއިނުން ގޯލު ޖެހިއިރު ސްވިޒްލެންޑަށް ކުޅުމުގެ ތެރެއަށް ރަނގަޅަށް ނުވަދެވެ އެވެ. އޭގެ ފަހުން ސްވިޒްލެންޑުން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލަތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ސްޕެއިނުން މަސައްކަތް ކުރީ ފަހަތުގައި މަޑުކޮށް ގިނަ ޕާސްތަކެއް ޖަހައިގެން ކުޅުން ލަސް ކުރާށެވެ.
ސްވިޒްލެންޑުން ކުޅުނީ އެހެން މެޗު ތަކެކޭ އެއްގޮތަށް އަރިމަތިން ގިނަ ހުރަސްތަކެއް ނަގައިގެން އިދިކޮޅު ގޯލަށް ނުރައްކާ ކުރުމަށެވެ. މީގެ ގިނަ ބޯޅަތައް އެމީހުން ވިން ކުރި ނަމަވެސް ގޯލަށް އަމާޒު ވެފައެއް ނުވެ އެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ސްޕެއިން މޮޅު ކޮށެވެ.
ދެވަނަ ހާފު ފެށިގެން ސްވިޒްލެންޑުން ދިޔައީ ސްޕެއިންގެ ގޯލާއި ޑިފެންސް ލައިނަށް ބާރު ބޮޑު ކުރަމުންނެވެ. އެގޮތުން މެޗުގެ މެޗުގެ 68 ވަނަ މިނެޓުގައި ސްވިޒްލެންޑަށް ނަތީޖާ ހަމަ ކޮށްދިނީ ސްޕެއިންގެ އޭރިއާ ތެރެއިން ފްރެއުލާ ދިން ބޯޅައެއް ހޯލުގެ ކަނާތު ކަނަށް ވައްދާލައިގެން ކެޕްޓަން ޝަކީރީ އެވެ. މެޗުގެ ހަގީގީ ޑްރާމާ ފެށުނީ އެ ހިސާބުންނެވެ.
ސްވިޒްލެންޑުން ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިން ފްރެއުލާ މެޗުގެ 77 ވަނަ މިނެޓު ކުރި ފައުލަކާއެކު އޭނާ އަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ. އޭގެ ފަހުން ޓީމުގެ ކުޅުމަށް ބަދަލު ތަކެއް އައި އިރު ޝަކިރީ އާއި ސެފެރޮވިޗް ވަނީ ބާލާފަ އެވެ. ދެވަނަ ހާފު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި ވަރުގަދަ ކުޅުމެއް ފެނުނީ ސްޕެއިންގެ ފަރާތުންނެވެ. އެއް ކުޅުންތެރިއެއް މަދުވުމުން ސްވިޒްލެންޑުން މަސައްކަތް ކުރީ ބައިކޮޅަށް ގޯލެއް ވަނަ ނުދީ ލިބޭ ފުރުސަތު ތަކުގައި ކައުންޓާ އެޓޭކް ކުރުމަށެވެ. އޭގެ ބޭނުން ހިފައި ސްޕެއިން ވަނީ ސްވިޒްލެންޑްގެ ގޯލަށް ފުލުފުލުގައި ހަމަލަތައް އޮއްސާފަ އެވެ. ދެއަތުގެ އިނގިލިތަކުން ގުނައި ނުލެވޭހާ ގިނަ ހަމަލާތައް ސްޕެއިނުން ފޮނުވާލިއިރު ސްވިޒްލެންޑުގެ ކީޕަރު ވަނީ ޔަން ސޮމާ ވަނީ ހުށިިޔާރު ކަމާއެކު ގޯލު ދިފާއު ކޮށްފަ އެވެ. މިރޭގެ މެޗުގައި ސޮމާ ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފަ އެވެ.
އިތުރު ވަގުތުގައި ވެސް އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުން މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ސްޕެއިން މޮޅުވި އިރު ބުސްކަޓްސް، ރޮޑްރީ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފަ އެވެ. ސްޕެއިނުން ތިން ޕެނަލްޓީ ކާމިޔާބު ކުރިއިރު ސްވިޒްލެންޑަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީ އެވެ.