ޔުއެއާފާ ޔޫރޯ 2020

ޔޫރޯގައި ސްޕެއިން-ސްވިޒަލެންޑްގެ ފުރަތަމަ ކުރިމަތިލުން

ހުކުރު ދުވަހުގެ ރޭ 9:00 ގައި ސްޕެއިނާއި ސްވިޒަލެންޑް ބައްދަލު ކުރާ މެޗަކީ އެ ދެ ޓީމު ޔޫރަޕިއަން ޗެމްޕިއަންޝިޕެއްގައި ބައްދަލު ކުރާނެ ފުރަތަމަ ފަހަރެވެ.

މާދަމާ ރޭ މި ދެ ޓީމު ބައްދަލު ކުރާނީ ބައިނަލްއަގްވާމީ މުބާރާތެއްގައިވެސް ދެ ޓީމުގެ މެޗެއް ނުކުޅެ ގިނަ ދުވަސްތަކަކަށް ފަހުގަ އެވެ. މީގެ ކުރިން ސްޕެއިނާއި ސްވިޒަލެން ބޮޑު މުބާރާތެއްގައި ކުޅެފައިވަނީ ފީފާ ވޯލްޑް ކަޕް 1966، 1994 އަދި 2010 ގަ އެވެ.

މިއީ ސްވިޒަލެންޑުން ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލުގައި ވާދަ ކުރާ ހަތަރުވަނަ ފަހަރެވެ. އަދި ޔޫރަޕިއަން ޗެމްޕިއަންޝިޕެއްގެ ކުއާޓާ ފައިނަލަށް ނިކުންނަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކުޅުނު ތިން ކުއާޓާ ފައިނަލުގައި ސްވިޒްލެންޑަށް މޮޅެއް ނުލިބެ އެވެ. އެ ގައުމުން ޔޫރޯގައި ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލުން ޖާގަ ހޯދީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލި ކުރުމަށް ފަހު އެވެ.

ޔޫރޯގެ ދިގު ތާރީހުގައި ޖެހިޖެހިގެން ދެމެޗުގައި 5+ ގޯލު ޖެހި ހަމަ އެކަނި ޓީމަކީ ސްޕެއިން އެވެ. ސްޕެއިނުން ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗާއި ގަދަ 16 އިގެ މެޗުގައި ފަސް ލަނޑު ޖަހާފަ އެވެ. އޭގެ ކުރިން ޔޫރޯގައި ސްޕއެިން ކުޅުނު 42 މެޗުން ކުރެ މެޗެއްގައި ހަތަރު ގޯލަށް ވުރެ ގިނައިން ސްޕެއިނަށް ޖެހިފައެއް ނުވެ އެވެ.

ސްވިޒަލެންޑް

ސްވިޒަލެންޑުން ދުނިޔޭގެ ޗެމްޕިއަން ބަލި ކުރުމުގެ އިތުރުން، ފީފާ ވޯލްޑް ކަޕް 1938 ގެ ފަހުން ނޮކްއައުޓް ސްޓޭޖެއް ފަހަނަ އަޅައި ދިޔަ މިއީ ފުރަތަމަ ފަހަރެވެ. އެހެން ކަމުން ހުރިހާ ކުޅުންތެރިން އެއް ރޫހެއްގައި ވަރުގަދަ އަޒުމަކާއި އެކު މުބާރާތް ކާމިޔާބުކޮށް ތާރީހުގެ ތެރެއަށް ވަނުމަށް ވަރަށް ހިތްވަރު ކުރާނެ އެވެ. އަދި މާދަމާގެ މެޗަށް ނިކުންނަ އިރު ޓީމުގައި ހުރި މުހިންމު ކަންތަކުގެ ފައިދާ ނަގައި ސްޕެއިންގެ ބަލިފަޔަށް އެޓޭކު ކުރާނެކަން ގައިމެވެ.

ސްވިޒްލެންޑްގެ ކޯޗު ވްލަދްމިރް ޕެޓްކޯވިޗް ބުނީ ފްރާންސާއި ބައްދަލު ކުރި މެޗަކީ އޭނާގެ ޓީމު މިހާތަނަށް ކުޅުނު އެންމެ މޮޅު މެޗު ކަމަށެވެ. ކޮންމެ ކުޅުންތެރިއެއްވެސް އެމީހެއްގެ 120 ޕަސެންޓު އެ މެޗުގައި ދިން ކަމަށް ކޯޗް ދެކެއެވެ. ކޯޗުގެ އުންމީދަކީ އެ ކުޅުން ކުއާޓާގައި ފެނިގެން ދިއުމެވެ.

ސްޕެއިން

މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ގޯލު ޖެހުމުގެ މައްސަލަ ދިމާވި ސްޕެއިނުން ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗާއި ގަދަ 16 އިގެ މެޗުގައި ގޯލުތައް އޮއްސާލާފަ އެވެ. ސާޖިއޯ ބުސްކަޓްސް އައުމާއި އެކު ކުޅުން ރަނގަޅުވެ ޓީމުގެ އިތުބާރު ބޮޑު ވަމުން އައި ނަމަވެސް 2010 ވަނަ އަހަރު ވޯލްޑް ކަޕުގައި ސްވިޒްލެންޑާއި ބައްދަލު ކުރި މެޗުން 1-0 އިން ބަލިވި ހަނދާ ބުސްކަޓްސް ނުނެތޭނެ އެވެ.

ފާއިތުވި ދެމެޗުން 10 ގޯލު ކާމިޔާބު ކުރި ނަމަވެސް ފަހުގެ ތާރީހުގައި ސްފެއިނާއި ސްވިޒަލެންޑް ބައްދަލު ކުރި މެޗުތަކުގެ ނަތީޖާތައް ނިމުނީ ވަރަށް ކައިރި ކައިރީގަ އެވެ. އެހެން ކަމުން މި މެޗުގައި ނަތީޖާ ނުނެރެވިގެން ޕެނަލްޓީއަށް ގޮސް ފްރާންސަށް ވީގޮތް ސްޕެއިނަށް ވެދާނެތޯ މިއީ މިހާރު އުފެދޭ ސުވާލެކެވެ.

ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ ކޮރޭޝިއާ އާއި ބައްދަލު ފަދަ ޓަފް މެޗަކަށް އެ ޓީމު ތައްޔާރެވެ. ނަމަވެސް ކުރިއަށް އޮތީ އެއަށްވުރެ މާ އުނދަގޫ މެޗަކަށް ވާނެކަން ޔަގީނެވެ.

މީގެ ކުރިން ސްޕެއިނާއި ސްވިޒަލެން ވަނީ 22 މެޗެއްގައި ބައްދަލު ކޮށްފަ އެވެ. އޭގެ ތެރެއިން 16 މެޗުން ސްޕެއިން މޮޅުވި އިރު ފަސް މެޗުން ވަނީ އެއްވަރު ވެފަ އެވެ. ސްވިޒަލެންޑަށް މޮޅު ވެވުނީ އެންމެ މެޗަކުންނެވެ. ސްވިޒަލެންޑުން ސްޕެއިން ބަލިކުރީ ސައުތު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑު ކަޕުގަ އެވެ.